ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުގެ އިތުރުވަގުތުގައި ޖެހި ލަނޑުތަކާއެކު 3-1 އިން ސްވިޒަލޭންޑް ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
އާޖެންޓީނާއިން ކުއާޓާ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި އަލްޖީރިއާ، އޮސްޓްރިއާ އަދި ޖޯޑަން އަތުން މޮޅުވެ، ގަދަ 32 ގައި ކޭޕް ވާޑް އަދި ގަދަ 16 ގައި މިސްރު ބަލިކުރުމަށްފަހުއެވެ.
އަނެއްކޮޅުން، މީގެ ކުރިން ވޯލްޑް ކަޕްގެ ތާރީޚުގައި 1954 ގެ ފަހުން ފުރަތަމަ ފަހަރަށް ކުއާޓާއަށް ދަތުރުކުރި ސްވިޒަލޭންޑުން ވަނީ ކޮލަމްބިއާ އާއި އަލްޖީރިއާ ފަދަ ވަރުގަދަ ޓީމުތައް ކަޓުވާލައި، މި މެޗުގައިވެސް އާޖެންޓީނާއަށް ބޮޑު ނުރައްކަލެއް ކުރިމަތިކޮށްފައެވެ.
އެމެރިކާގެ ކެންސަސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަމެޗު ފެށިގެން 10 ވަނަ މިނެޓުގައި ކެޕްޓަން ލިއޮނެލް މެސީ ނަގައިދިން ކޯނަރަކުން އެލެކްސިސް މެކް އަލިސްޓާ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ އަމާޒުކޮށްލައިގެން އާޖެންޓީނާއަށް ލީޑު ނަގައިދިނެވެ.
ނަމަވެސް، ލީޑާއެކު އާޖެންޓީނާއިން ޑިފެންސިވް ކުޅުމަކަށް ބަދަލުވުމުގެ ފައިދާ ނަގައި، ސްވިޒަލޭންޑުން ވަނީ މެޗުގެ ކޮންޓްރޯލް ހޯދައި އާޖެންޓީނާގެ ގޯލަށް ނުރައްކާކުރަން ފަށާފައެވެ.
ނަތީޖާއެއްގެ ގޮތުން، މެޗުގެ 67 ވަނަ މިނެޓުގައި ނޮޓިންހަމް ފޮރެސްޓުގެ ޑޭން އެންޑޯއީ ޖެހި ލަނޑާއެކު ސްވިޒަލެންޑުން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.
މެޗުގެ ނަތީޖާއަށް ބޮޑު ބަދަލެއް އައީ 73 ވަނަ މިނެޓުގައި ހިނގި ހާދިސާއަކުންނެވެ. ސްވިޒަލެންޑްގެ ތަރި ބްރީލް އެމްބޯލޯއަށް ލެއާންޑްރޯ ޕަރަޑޭސް ފައުލްކުރި ކަމަށް ބަލައި ރެފްރީ ފުރަތަމަ ކަށިގަނޑު ފުމުނު ނަމަވެސް، ވީއޭއާރް ބެލުމަށްފަހު އެނގުނީ އެމްބޯލޯ އުޅުނީ ޑައިވްކޮށްގެން އޮޅުވާލަން އުޅުނުކަމެވެ.
އެއާއެކު ރެފްރީ ވަނީ ޕަރަޑޭސްއަށް ދެއްކި ކާޑު ބާތިލުކޮށް، ކުރިންވެސް ރީނދޫ ކާޑެއް އޮތް އެމްބޯލޯއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.
އެކަކު މަދުކޮށް ކުޅެން ޖެހުމުން ސްވިޒަލެންޑުން ފަހުވަގުތު ވަރަށް ވަރުގަދައަށް ޑިފެންސްކޮށް، ފުރިހަމަ ވަގުތު ހަމަވިއިރު މެޗު 1-1 އިން އެއްވަރުކޮށް ހިފަހައްޓާލިއެވެ.
ނަމަވެސް، އިތުރުވަގުތުގެ ދެވަނަ ހާފުގައި އާޖެންޓީނާއިން ވަނީ އެޓީމުގެ ފެންވަރު ދައްކާލާފައެވެ. މެޗުގެ 112 ވަނަ މިނެޓުގައި ހޯސޭ މެނުއެލް ލޯޕޭޒް ދިން ބޯޅައަކުން، އޭރިއާ ބޭރު 25 ޔާޑު ދުރުން ޖޫލިއަން އަލްވަރޭޒް ފޮނުވާލި ހިތްގައިމު ހަމަލާ ސީދާ ގޯލުގެ ކަނަށް އަމާޒުވެ، އާޖެންޓީނާއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނެވެ.
އަދި މެޗުގެ ފަހުކޮޅު ނަތީޖާ އެއްވަރުކުރަން ސްވިޒަލޭންޑުން ކުރިއަށް ޖެހުމުގެ ފައިދާ ނަގައި، އާޖެންޓީނާގެ ކައުންޓާ އެޓޭކެއްގައި ލައުޓާރޯ މާޓިނޭޒް ޖެހި ގޯލާއެކު އާޖެންޓީނާއިން 3-1 އިން މެޗު ކާމިޔާބުކުރިއެވެ.
މި މުބާރާތުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަންނަނީ އާދަޔާޚިލާފު މޮޅު ކުޅުމެއް ދައްކަމުންނެވެ. މިހާތަނަށް 8 ގޯލު ޖަހައިގެން މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި މެސީ އާއި ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ އޮތްއިރު، މެސީ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައިވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލާފައެވެ.
ތަށި ދިފާއުކުރުމުގެ އުއްމީދުގައި ކުރިއަށްދާ އާޖެންޓީނާއިން ސެމީ ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ވަރުގަދަ އިންގްލެންޑާއެވެ. މި މެޗު ކުޅޭނީ އަންނަ ބުދަދުވަހުގެ ރޭ ރާއްޖެގަޑިން 00:00 ގައެވެ.