ކޯޓުތަކުގެ ހާލަތު ބެއްލެވުމަށް އުއްތަމަ ފަނޑިޔާރު އައްޑުއަށް

އުއްތަމަ ފަނޑިޔާރު އައްޑޫ ކޯޓް ކޮމްޕްލެކްސް ސައިޓުގައި މަސައްކަތް ބައްލަވާލައްވަނީ -- ފޮޓޯ: ޖޭއެސްސީ

އައްޑޫ ސިޓީގެ ކޯޓުތަކުގެ ހާލަތު ބެއްލެވުމަށް، އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

އުއްތަމަ ފަނޑިޔާރު އައްޑުއަށް ކުރައްވާ މި ދަތުރުފުޅުގައި، އުއްތަމަ ފަނޑިޔާރުގެ އަރިހުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ އިތުރުން، އެކްޓިން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ މުޙައްމަދު ޝުޖާޢު ބައިވެރިވެވަޑައިގަންނަވައެވެ.

އުއްތަމަ ފަނޑިޔާރުގެ މި ދަތުރުފުޅުގައި މިއަދު ވަނީ، އައްޑޫ ސިޓީގެ ކޯޓުތަކަށް ވަޑައިގެން އެ ކޯޓުތަކުގެ ހާލަތު ބައްލަވައި، ކޯޓުތަކުގެ މުވައްޒަފުންނާ ބައްދަލު ކުރައްވައިފައެވެ. އަދި މީގެ އިތުރުން އައްޑޫ ސިޓީގައި އިމާރާތް ކުރަމުންދާ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް ބައްލަވައިލެއްވުމަށް އެ ސައިޓަށް ވަޑައިގެންފައިވެއެވެ.

އައްޑޫ ކޯޓް ކޮމްޕްލެކްސްއަކީ އެއް އަހަރުން ނިންމަން 2023 ވަނަ އަހަރު އެވޯޑް ކުރި ޕްރޮޖެކްޓެކެވެ.

އައްޑޫ ސިޓީގެ ކޯޓުތަކުގެ ހާލަތު ބައްލަވަން އުއްތަމަ ފަނޑިޔާރު އައްޑުއަށް ވަޑައިގެންނެވިއިރު، ލަސްވެފައިވާ އިންސާފު، ނުވަތަ ކޯޓުތަކުގެ ބެކްލޮގު ފިލުވަން ޚާއްސަ ޓާސްކް ފޯހެއް އުއްތަމަ ފަނޑިޔާރު އަބްދުއްޣަނީ ވަނީ އެކުލަވައިލައްވައިފައެވެ.

އެއް އަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާ 13،032 މައްސަލަ، ރާއްޖޭގެ ކޯޓުތަކުގައި ބެކްލޮގުގެ ގޮތުގައި އެބައޮތެވެ. އެންމެ އިސްކަމެއް ދީގެން މި ވަގުތު ކުރަން ބޭނުންވާ އެއްކަމަކީ، އެ 13،032 މައްސަލައިގެ އިންސާފު އަވަސްކުރުންކަން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި އަހަރުގެ ފެބްރުއަރީ މަހެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ، 2026 ވަނަ އަހަރު ނިމިގެންދާއިރު، ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާއަކީ، އިންސާފު ނުލިބި ލަސްވެފައިވާ މައްސަލައިން ނުވަތަ ބެކްލޮގުން ސަލާމަތްވެފައިވާ ހަރުދަނާ ޒިންމާދާރު ދައިރާއަކަށް ހެދުން،" އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް