ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ މެޗުން ޕޯޗުގަލް ކަޓުވާލި ސްޕެއިން ޓީމަކީ މުބާރާތުގެ ފައިނަލަށް ދާނެ ނުވަތަ ފައިނަލާ ހަމައަށް ވާސިލްވާނެ ޓީމެއް ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ރޮނާލްޑޯގެ 6 ވަނަ އަދި އެންމެ ފަހު ވޯލްޑް ކަޕުގައި ތަށި އުފުލާލުމުގެ އުއްމީދުގައި ނުކުތް ނަމަވެސް، ސްޕެއިން އަތުން 1-0 އިން ބަލިވެ ޕޯޗުގަލް މުބާރާތުން ކެޓުމާއެކު އޭނާ ވަނީ ދަނޑުމަތީގައި ކަރުނަ އަޅައި ރޮއެފައެވެ.
މުބާރާތުގެ ގްރޫޕް ކޭގައި ޑީއާރު ކޮންގޯ އަދި ކޮލަމްބިއާ އަތުން މޮޅުނުވެވި ޕޯޗުގަލް ގްރޫޕުގެ ދެވަނައަށް ދިޔައިރު، ގަދަ 32 ގެ މެޗުގައި އުނދަގޫ މެޗަކަށްފަހު އޮސްޓްރިއާ ވަނީ ބަލިކޮށްފައެވެ.
ނަމަވެސް، ވާދަވެރި ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗު އިތުރު ވަގުތަށް ދާން އުޅެނިކޮށް، އާސެނަލްގެ މީޑްފީލްޑަރު މިކޭލް މެރީނޯ ވަނީ އިތުރު ވަގުތުގެ ތެރޭގައި ލަނޑު ޖަހައި ސްޕެއިން ކުއާޓާ ފައިނަލަށް ގެންގޮސްދީފައެވެ.
ގައުމީ ޓީމުގެ މުސްތަގުބަލާ ގުޅޭގޮތުން ސުވާލުކުރުމުން ރޮނާލްޑޯ ބުނީ، "ޖަޒުބާތުގައި ޖެހިގެން" ގޮތް ނިންމަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް މިއީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕް މެޗުކަން އޭނާ ވަނީ ކަށަވަރުކޮށްދީފައެވެ.
"ވޯލްޑް ކަޕްގެ މުޅި ނަތީޖާއަށް ބަލާއިރު އަހަރެމެންނަށް ރަނގަޅަށް ކުޅެވުނީސް. ނަމަވެސް އަހަރެމެން ކެޓީ ފައިނަލަށް ދާނެ ޓީމެއްގެ އަތުން،" ރޮނާލްޑޯ ބުންޏެވެ.
އޭނާ އިތުރަށް ބުނީ މެޗު ދިޔައީ ވަރަށް ވާދަވެރިކޮށް ކަމަށާއި، އެންމެ ފަހު 5 މިނެޓުގެ ތެރޭގައި ލަނޑެއް ވަނުމަކީ ނަސީބު ނެތުން ކަމަށެވެ. ނަމަވެސް އެންމެ ފުރިހަމައަށް މަސައްކަތް ކުރެވުމުން ހިތްހަމަޖެހުމާއެކު އެނބުރިދެވެން އޮތް ކަމަށް ރޮނާލްޑޯ ފާހަގަކުރިއެވެ.
ކުއާޓާ ފައިނަލުގައި ލުއިސް ޑެ ލަ ފުއެންޓޭގެ ސްޕެއިން ނުކުންނާނީ ބެލްޖިއަމްއާ ދެކޮޅަށެވެ.
މީގެއިތުރުން، ޕޯޗުގަލްގެ ކޯޗުކަމުން ވަކިވާ ރޮބާޓޯ މާޓިނޭޒް، ސައުދީ އަރަބިއްޔާގެ އަލް ނަސްރުގެ ކޯޗުކަމާ ހަވާލުވާން އުޅޭތީ ރޮނާލްޑޯ ވަނީ އޭނާއަށް ޝުކުރު އަދާކޮށްފައެވެ.