އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން އަމިއްލަ ފަރުދުންނާއި ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން "ވިލުންވެށި ގްރާންޓް"ގެ ނަމުގައި މާލީ އެހީގެ ޕްރޮގްރާމެއް ތަޢާރަފުކޮށްފިއެވެ.
މި ގްރާންޓަކީ މޫސުމީ ބަދަލުތަކާ ގުޅޭ އީޖާދީ ޚިޔާލުތަކާއި، ދަނޑުވެރިކަމާއި، ރަށު ފެންވަރުގައި ކާބޯތަކެތި އުފެއްދުމުގެ އިތުރުން ދެމެހެއްޓެނިވި ދިރިއުޅުމުގެ މަސައްކަތްތަކަށް އެހީތެރިވުމުގެ މަގުސަދުގައި ފެށި ޕްރޮގްރާމެއް ކަމަށް އެ ބޭންކުން ބުނެއެވެ.
މި ޕްރޮގްރާމްގެ ދަށުން އަމިއްލަ ފަރުދުންނާއި ސޯލް ޕްރޮޕްރައިޓަރުންނަށް (އަމިއްލަ ވިޔަފާރިތަކަށް) މައިކްރޯގްރާންޓްގެ ގޮތުގައި 100،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އެސްއެމްއީ ޑިޖިޓަލް އިން ހާމަކޮށްފައިވާ ގޮތުގައި، މި ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 23 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.
މި އެހީގެ މައިގަނޑު ބޭނުމަކީ މުޖުތަމައުތަކަށް ފައިދާހުރި އަދި އީޖާދީ މަޝްރޫއުތައް ހަގީގަތަކަށް ހެދުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ.
ވިލުންވެށި ގްރާންޓް މައިގަނޑު ގޮތެއްގައި އަމާޒުކުރާ ދާއިރާތަކުގެ ތެރޭގައި މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމާއި ރަށު ފެންވަރުގައި ކާބޯތަކެތި އުފެއްދުން ހިމެނެއެވެ. މީގެ އިތުރުން، ޑިޖިޓަލް އަދި މޫސުމީ އީޖާދުތަކާއި، ވެލިއު ޗެއިން ތަރައްގީކުރުމާއި، ތަކެތި ޕްރޮސެސްކުރުމުގެ އިތުރުން މާކެޓް އިނޮވޭޝަންގެ މަސައްކަތްތަކަށް ވެސް މި ގްރާންޓްގެ ދަށުން އެހީތެރިކަން ލިބޭނެއެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވި ގޮތުގައި، މިއީ މޫސުމީ ވިލުންތެރިކަމާއި، ކާބޯތަކެތީގެ ޔަގީންކަމާއި، ދެމެހެއްޓެނިވި އިގުތިސާދީ ތަރައްގީއަށް މަގުފަހިކުރާ އީޖާދީ މަސައްކަތްތަކަށް އެހީތެރިވުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެކެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ޕްރޮގްރާމްގެ އަމާޒަކީ އާމްދަނީ ލިބޭނެ ފުރުސަތުތައް ފަހިކޮށްދީ، މުޖުތަމައުތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، ދިގު މުއްދަތުގެ މަންފާ ލިބޭނެ އަމަލީ ހައްލުތަކެއް ހޯދުމަށް ފަރުދުންނާއި މުޖުތަމައުތައް ބާރުވެރިކުރުވުމެވެ. އަދި އެހީ ލިބޭ ފަރާތްތަކުގެ ޚިޔާލުތައް، ނަތީޖާ ނެރެދޭ ދެމެހެއްޓެނިވި ކަންތައްތަކަކަށް ބަދަލުކުރުމަށް އެހީތެރިވުމަކީ ލިބޭ އުފަލެއް ކަމަށް ވެސް ބަދުރުއްދީން ވިދާޅުވިއެވެ.