އީރާނު ހަނގުރާމައާ ގުޅިގެން އައިއެމްއެފްއިން މިއަހަރުގެ ދުނިޔޭގެ އިގުތިސާދީ ކުރިއެރުމުގެ އަންދާޒާ ދަށްކޮށްފި

އެޕްރީލް މަހު ބޭއްވި އައިއެމްއެފްގެ ސްޕްރިންގް ބައްދަލުވުން. ފޮޓޯ/އޭޕީ

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ މާކެޓަށް އައިސްފައިވާ ލޮޅުމުގެ އަސަރުތައް ދެމިގެންދާތީ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން 2026 ވަނަ އަހަރު ދުނިޔޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާކުރި މިންވަރު މިއަހަރުގެ ތެރޭގައި ދެވަނަ ފަހަރަށް ދަށްކޮށްފިއެވެ.

ބުދަ ދުވަހު އާންމުކުރި އެ އިދާރާގެ އެންމެ ފަހުގެ ވޯލްޑް އިކޮނޮމިކް އައުޓްލުކް ރިޕޯޓުގައިވާ ގޮތުން، 2026 ވަނަ އަހަރު ދުނިޔޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް މިހާރު ލަފާކުރެވެނީ 3 އިންސައްތައެވެ. މިއީ މިދިޔަ އޭޕްރީލް މަހު ލަފާކުރި 3.1 އިންސައްތައާ އަޅައި ބަލާއިރު ދަށް އަދަދެކެވެ.

އައިއެމްއެފްއިން ބުނި ގޮތުގައި މިއީ ކުޑަ ދަށްވުމެއް ކަމަށާއި، މި ދަށްވުމުގެ ނޭދެވޭ އަސަރު ކުޑަކޮށްދެނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅިގެން އުފެދިފައިވާ ޑިމާންޑުގެ ސަބަބުން ކަމަށެވެ. ހަކަތައިގެ ސަޕްލައިއަށް އައިސްފައިވާ ހީނަރުކަމާއެކުވެސް، ޓެކްނޮލޮޖީގެ ދާއިރާއިން ލިބެމުންދާ ކުރިއެރުންތަކުގެ ސަބަބުން ދުނިޔޭގެ އިގުތިސާދު ބޮޑު އަނދަވަޅަކަށް ވެއްޓުމުން ސަލާމަތްވެފައިވާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ. ހާއްސަކޮށް ޓެކްނޮލޮޖީއަށް ބަރޯސާވާ ގައުމުތަކުގެ އިގުތިސާދީ ދުވެލި ބާރުވެފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ދުނިޔޭގެ އިގުތިސާދީ ކުރިއެރުން 2027 ވަނަ އަހަރު 3.4 އިންސައްތައަށް މައްޗަށް ޖެހޭނެ ކަމަށް އައިއެމްއެފްއިން ލަފާކުރެއެވެ. ނަމަވެސް ކުރިއަރާނެ ކަމަށް ލަފާކޮށްފައި ވަނީ 2024 އަދި 2025 ވަނަ އަހަރުގެ އެވްރެޖް ކުރިއެރުން ކަމަށްވާ 3.5 އިންސައްތައަށް ވުރެ ދަށް މިންވަރަކަށެވެ.

މީގެ އިތުރުން، ދުނިޔޭގެ އިންފްލޭޝަން ރޭޓު މިއަހަރު 4.7 އިންސައްތައަށް އަރާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. މިއީ 2025 ވަނަ އަހަރު ހުރި 4.1 އިންސައްތައަށް ވުރެ މަތީ އަދަދެކެވެ. ނަމަވެސް 2027 ވަނަ އަހަރު އިންފްލޭޝަން 3.9 އިންސައްތައަށް ދަށްވާނެ ކަމަށް އެމެރިކާގެ ވޮޝިންޓަންގައި މައި އޮފީސް ހުންނަ މާލީ އިދާރާއިން ލަފާކުރެއެވެ.

އައިއެމްއެފް އިން ވަނީ ހަނގުރާމައިގެ ސަބަބުން މިއަހަރު ދުނިޔޭގެ އިގްތިސާދީ ކުރިއެރުން ދަށްވާނެ ކަމަށް އަންދާޒާކޮށްފައި ފޮޓޯ/އޭޕީ

އައިއެމްއެފްގެ ރިސާޗް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރު ޕެޓްޔާ ކޮއޭވާ ބްރޫކްސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި، ދުނިޔޭގެ އިގުތިސާދީ މިސްރާބު ބައްޓަންވަމުންދަނީ ދެކޮޅަށް މަސައްކަތްކުރާ ބާރުގަދަ ދެ ކަމެއްގެ މައްޗަށެވެ. އެއީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ މާކެޓަށް އައިސްފައިވާ ލޮޅުމުގެ ދެމިގެންވާ އަސަރުތަކާއި، ޓެކްނޮލޮޖީގެ ސަބަބުން އިންވެސްޓްމަންޓްތަކަށް އައިސްފައިވާ ބޮޑު ކުރިއެރުން އޭނާ ވިދާޅުވިއެވެ. އޭއައިގެ ސަބަބުން އުފެދިފައިވާ އިންވެސްޓްމަންޓް ބޫމްގެ ސަބަބުން، ހަކަތައިގެ އަގުތައް މައްޗަށް ދިއުމުން ލިބޭ ގެއްލުންތައް ވަރަށް ބޮޑަށް ފޫބެއްދެމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައިއެމްއެފްގެ އެންމެ ފަހުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިއަހަރު ކުރިއަރާފައިވާ ބޮޑެތި އިގުތިސާދުތަކުގެ ތެރެއިން އެންމެ ހަލުވިކޮށް ކުރިއަރާނީ އެމެރިކާގެ އިގުތިސާދެވެ. އެމެރިކާގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) 2.3 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާއިރު، ޔޫރޯޒޯން ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ 0.9 އިންސައްތައިންނެވެ. އަދި އިނގިރޭސިވިލާތް 1 އިންސައްތަ، ކެނެޑާ 1.1 އިންސައްތަ، އަދި ޖަޕާން 0.6 އިންސައްތަ ކުރިއަރާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އުފެދެމުން އަންނަ އިގުތިސާދެއްގެ ގޮތުގައި ގިންތިކޮށްފައިވާ ޗައިނާގެ އިގުތިސާދު 4.6 އިންސައްތަ ކުރިއަރާނެ ކަމަށް އައިއެމްއެފްއިން ލަފާކުރެއެވެ. އެމެރިކާގެ އިގުތިސާދަށް ހަނގުރާމައިގެ އަސަރު ކުޑަކޮށް ފޯރާފައިވަނީ އެ ގައުމަކީ އަމިއްލައަށް ހަކަތަ އުފައްދައި ބޭރުކުރާ ގައުމަކަށް ވުމުން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އައިއެމްއެފްގެ އަންދާޒާތައް ބިނާކޮށްފައިވަނީ ޖުލައި މަހުގެ މެދުތެރޭގައި ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވެން ފަށައި، އަންނަ މާޗް މަހާ ހަމައަށް ހަނގުރާމައިގެ ކުރިން އޮތް ހާލަތަށް ކަންކަން ރުޖޫއަވާނެ ކަމަށް ބަލައިގެންނެވެ. ހަނގުރާމައިގެ ކުރިން ދުނިޔޭގެ ތެލާއި ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި އުފުލާ މި މުހިންމު ކަނޑުއޮޅީގެ ދަތުރުފަތުރުތަކަށް ވަނީ އީރާނުގެ ހަމަލާތަކުގެ ބިރާ ގުޅިގެން ވަރަށް ބޮޑަށް ހުރަސްއެޅިފައެވެ. ކަނޑުދަތުރުފަތުރުގެ މައުލޫމާތު އެއްކުރާ ޕްލެޓްފޯމެއް ކަމަށްވާ ކެޕްލާ އިން ހާމަކޮށްފައިވާ ގޮތުގައި، އަންގާރަ ދުވަހު އެ ކަނޑުއޮޅިން ދަތުރުކޮށްފައިވަނީ 41 އުޅަނދެވެ. މިއީ ހަނގުރާމައިގެ ކުރިން ދުވާލެއްގެ މައްޗަށް ދަތުރުކުރި ގާތްގަނޑަކަށް 130 އުޅަނދާ އަޅައި ބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.

ކަނޑުއޮޅިން ދަތުރުކުރި ވިޔަފާރި ތިން އުޅަނދަކަށް ދިން ހަމަލާތަކާ ގުޅިގެން އެމެރިކާއިން އަންގާރަ ދުވަހު އީރާނަށް އަލުން ހަމަލާތައް ދޭން ފެށުމާއެކު، ތެލުގެ އަގު ވަނީ ކުއްލިއަކަށް އުފުލިފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވިދާޅުވި ގޮތުގައި އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުން ވަނީ ނިމުމަކަށް އައިސްފައެވެ. އޭގެ ގަޑިއިރުތަކެއް ފަހުން ޕެންޓަގަންއިން ވަނީ އީރާނުގެ އަމާޒުތަކަށް ބޮމުގެ ހަމަލާތައް ދީފައެވެ.

މި ހަމަލާތަކާއި ޓްރަމްޕްގެ ވާހަކަތަކާ ގުޅިގެން ބައިނަލްއަގުވާމީ މައިގަނޑު ބެންޗްމާކް ކަމަށްވާ ބްރެންޓް ކްރޫޑްގެ އަގު ވަނީ 7 އިންސައްތަ އުފުލިފައެވެ. އަދި ފީފާއެއްގެ އަގު 79 ޑޮލަރަށް ވުރެ މައްޗަށް ވަނީ އުފުލިފައެވެ. ސެޕްޓެންބަރު މަހު ފޯރުކޮށްދޭ ބްރެންޓް ފިއުޗާސްގެ އަގު ޖީއެމްޓީން 02:30 ގައި ހުރީ ފީފާއެއް 78.76 ޑޮލަރުގައެވެ. މިއީ މިދިޔަ ހަފުތާގެ މި ވަގުތާ އަޅާ ބަލާއިރު ގާތްގަނޑަކަށް 8 ޑޮލަރުގެ ކުރިއެރުމެކެވެ.

comment ކޮމެންޓް