ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގެ މެޗުން އާޖެންޓީނާ އަތުން ބަލިވެ މިސްރު މުބާރާތުން ވަކިވާން ޖެހުމުން، އެ ޓީމުގެ ކޯޗު ހުސާމް ހަސަން ރެފުރީންނާއި މުބާރާތް އިންތިޒާމުކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުކިޔައި، ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.
މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރުޅިގަދަވެފައި ހުރެ އޭނާ ބުނީ، މުބާރާތުގެ ބާކީ ހުރި އެއްވެސް މެޗެއް ދެން އޭނާ ނުބަލާނެ ކަމަށެވެ.
އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗުގެ ފަހު 11 މިނެޓަށް އެޅުނުއިރުވެސް މިސްރު އޮތީ 2-0 އިން ކުރީގައެވެ. ނަމަވެސް، މެޗުގެ ފަހުކޮޅު އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ މޮޅު ކުޅުމާއެކު އެ ޓީމުން ފަހަތުން އަރައި 3 ލަނޑު ޖަހައި، މިސްރު މުބާރާތުން ބޭރުކޮށްލިއެވެ.
މި ނަތީޖާއާ ގުޅިގެން ކޯޗު ހަސަން ސިފަކުރި ގޮތުގައި، މިއީ ރޭވުންތެރިކަމާއެކު ފްރޭމްކޮށްގެން އަތުލައިގަތް މެޗެކެވެ. އަދި އޭނާގެ ޓީމަށް ނުހައްގުން ބޭއިންސާފުވެފައިވާ ކަމަށް ބުންޏެވެ.
"މިއީ ހަމައެކަނި ނަސީބު ދެރަކަމުން ވީކަމެކޭ ބުނެ އަހަރެން މިކަން އޮއްބައެއް ނުލާނަން. މިއަދު އަހަރެމެންނަށް ވަނީ ވަރަށް ބޮޑަށް ބޭއިންސާފުން މަކަރު ހަދާފައި. މިއީ ސާފުކޮށް ރޭވިގެން ކުރިއަށްދިޔަ ކަމެއް، މުޅި ދުނިޔެއަށްވެސް އެމަންޒަރު ފެންނާނެ. އާޖެންޓީނާ މޮޅުކޮށްދޭން އެހާ ބޮޑަށް ބޭނުންވާނަމަ، އެހެން ހުރިހާ ޓީމުތަކަކަށް ދައުވަތު ދީގެން މި މުބާރާތް ކުޅުވުމުގެ ބޭނުމަކީ ކޮބައިތަ؟" ހަސަން ސުވާލު އުފެއްދިއެވެ.
މެޗުގެ މައްސަލަ ގޯސްވީ 62 ވަނަ މިނެޓުގައި މިސްރުގެ މުސްތަފާ ޒީކޯ ޖެހި ލަނޑު، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ބެލުމަށްފަހު ރެފުރީ ބާތިލުކުރުމުންނެވެ. ރެފުރީ ނިންމީ އެ ލަނޑުގެ ކުރިން މިސްރުގެ މަރުވަން އަޓިއާ، އާޖެންޓީނާގެ ލިސަންދްރޯ މާޓީނޭޒަށް ފައުލްކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، ހަމްދީ ފަތުހީއަށް ކުރި ފައުލަކަށް ޕެނަލްޓީއެއް ހޯދުމަށް މިސްރުން ކުރި އެޕީލް ރެފުރީ ބަލައިނުގަތުމާއި، އޭގެ ކުޑައިރުކޮޅެއް ފަހުން މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި އާޖެންޓީނާއިން މޮޅުވި ލަނޑު ޖެހުމުން މިސްރުގެ ކެކުޅުންތައް ވަނީ ބޭރުވެފައެވެ.
"އަހަރެމެންނަށް ފެނުނީ އިންސާފެއް ނެތް ކުޅުމެއް. ޕެނަލްޓީއެއް ދޭންޖެހޭ ހާލަތެއްގައި އެކަން ބަލައެއް ނުލި. އަދި އަހަރެމެން ޖެހި ދެވަނަ ލަނޑުވެސް ބާތިލުކުރީ އެއްވެސް އިންސާފެއް ނެތި،" ހަސަން ބުންޏެވެ.
މެޗުގެ ކުރީކޮޅު އާޖެންޓީނާއަށް ލިބުނު ޕެނަލްޓީއެއް މިސްރުގެ ގޯލްކީޕަރު މުސްތަފާ ޝުބައިރު ދިފާއުކުރިކަން ފާހަގަކުރަމުން ހަސަން ބުނީ، ކުޅުންތެރިންނަށް ހެދޭ ގޯސްތަކަށްވުރެ ބޮޑު ގޯހަކީ އިންސާފު ގާއިމުކުރަން ތިބޭ ފަރާތްތަކުން އިންސާފުވެރި ނުވުން ކަމަށެވެ.
"އަހަރެން މިއީ ބަލިވުން ގަބޫލުކުރާ މީހެއް ނޫން. ޚާއްސަކޮށް މިފަދަ ބޭއިންސާފު ގޮތަކަށް ބަލިވުމުން ވަރަށް ބޮޑަށް ހިތާމަކުރަން. އަހަރެން މިއަދު ގެއަށް ގޮސް ދެން މި މުބާރާތުގެ އެއްވެސް މެޗެއް ނުބަލާނަން،" އޭނާ އިތުރަށް ބުންޏެވެ.
މި ނަތީޖާއާއެކު މުބާރާތުން ވަކިވާން ޖެހުނު ނަމަވެސް، މިސްރުގެ ކުޅުންތެރިން ދެއްކި ހިތްވަރުގަދަ ކުޅުމަށް ކޯޗު ވަނީ ނުހަނު ތައުރީފުކޮށްފައެވެ.
އޭނާ ފާހަގަކުރި ގޮތުގައި، މިސްރު ޓީމުގެ ގިނައީ އެ ޤައުމުގެ ލޯކަލް ލީގުގައި ކުޅޭ ކުޅުންތެރިންނެވެ. ނަމަވެސް، މުޙައްމަދު ސަލާހާއި އުމަރު މާމޫޝް ފަދަ ޔޫރަޕުގެ ޓޮޕް ލީގުތަކުގައި ކުޅޭ މަދު ކުޅުންތެރިންނާއެކުވެސް، ދުނިޔޭގެ އެންމެ ވަރުގަދަ ޓީމުތަކާ އެއްވަރަށް މިސްރުން ވާދަކޮށްފިކަން އޭނާ ފާހަގަކުރިއެވެ.