މާފަންނު މަދަރުސާގައި ދަރިވަރުން ބޭނުންކުރާ ހޯލް އާދަޔާ ޚިލާފަށް ހޫނުގަދަވުމާއި، ވިއްސާރަ ދުވަސްތަކުގައި ކްލާސްރޫމްތަކަށް ވާރޭ ވެހޭ މައްސަލަ ހައްލުކުރުމަށް މާލޭ ސިޓީ ކައުންސިލުން 500,000 ރުފިޔާގެ ބަޖެޓެއް ކަނޑައަޅަން ފާސްކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ ކައުންސިލަރު ޢާއިޝަތު ހަނާއެވެ.
މި މައްސަލައިގެ ތަފުސީލު ދެއްވަމުން ހަނާ ވިދާޅުވީ މާފަންނު މަދަރުސާގައި ހުންނަނީ އޯލް ޕާޕަސް ހޯލްއަކަށްވީ ނަމަވެސް އެ ތަނުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުހިފޭ ކަމަށެވެ.
"ޕްރީ ސްކޫލަކަށް ވެފައި އަދި އެ ތަނަކީ ތުއްތު ކުދިންނަށް ބޭނުންވާ ތައުލީމާއި ހުނަރު ދަސްކޮށްދޭ ތަނެއް ކަމަށް ވުމުން އެ ކުދިންނަށް ކޮންމެހެން ވެސް ދުޅަހެޔޮ ސިއްޙަތަކާއި ދުޅަހެޔޮ ވިސްނުމެއް ލިއްބައިދޭ ތަނަކަށް އެ ތަން ހަދަން އެބަ ޖެހޭ. އެގޮތުން މާފަންނު މަދަރުސާގެ ހޯލު އޭސީ ކޮށްދެއްވުމަށް އެދެން،" ހަނާ ވިދާޅުވިއެވެ.
މި ހުށަހެޅުމަށް ތާއީދު ކުރައްވައި މާފަންނު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު އިބްރާހިމް ލަބާން ޝަރީފް ވިދާޅުވީ، ތުއްތު ކުދިންގެ ތައުލީމަށް މަގުފަހިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
"ވަރަށް ހާލުގައި، ވަރަށް ހޫނުގަދަ ތަނެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މި ފެނުނީ، އަޅުގަނޑުމެން ވަރަށް ގިނަ ދުވަހު އެ ތަނަށް ޒިޔާރަތްވެސް ކޮށްފިން،" އޭނާ ވިދާޅުވިއެވެ.
ހޫނުގަދަވުމުގެ އިތުރުން، ވިއްސާރަ ދުވަސްވަރު ކްލާސްރޫމްތަކަށް ވާރޭވެހި ފެންފައިބާ މައްސަލަ ވެސް ލަބާން ފާހަގަކުރެއްވިއެވެ. އެހެންކަމުން މި ބަޖެޓުގެ ތެރެއިން އެއާކޯން ކުރުމުގެ އިތުރުން ފުރާޅުން ފެންފައިބާ މައްސަލަ ވެސް ހައްލުކުރުމަށް އޭނާ ހުށަހެޅުއްވިއެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ވެސް ވަނީ މި މަޝްރޫއަށް ތާއީދު ކުރައްވާފައެވެ. މޭޔަރު ވިދާޅުވީ ސްކޫލުގެ ހޯލް އެއާކޯން ކުރުމަށާއި ފެންފައިބާ މައްސަލަ ހައްލުކުރުމަށް ގާތްގަނޑަކަށް ފަސް ލައްކަ ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި އެ މަސައްކަތަށް ބީލަމަށް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު އަންދާޒާކޮށްލައިފައި އޮތީ، ބަޖެޓެއްގެ ގޮތުގައި އަންދާޒާ މި ކުރަނީ ގާތްގަނޑަކަށް ފަސް ލައްކަ ރުފިޔާ ވަރު އަރާނެ ކަމަށް،" އާޒިމް ވިދާޅުވިއެވެ.
އެއަށް ފަހު އެ މަސައްކަތް ކުރިއަށްގެންދިޔުމަށް ވޯޓަށް އެހުމުން، ބަޖެޓު ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.
ޚިދުމަތް ފެށިތާ 40 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މާފަންނު މަދަރުސާގައި ނާސަރީން ޔޫކޭޖީއާ ހަމައަށް ކިޔަވައިދެއެވެ.