ވޮޝިންޓަން (7 ޖުލައި 2026): އީރާންގެ މައްސަލާގައި އީރާނާ ވާހަކަދައްކައިގެން އެމެރިކާ ނިންމާ ނިންމުންތަކާއި ސޮއިކުރާ އެއްބަސްވުންތައް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބަލައިގަންނަންޖެހޭނެ ކަމަށާއި ނިންމުންތައް ނިންމާނީ އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން އޭނާކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ފައިނޭންޝަލް ޓައިމްސްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ ނަތަންޔާހޫއަކީ ނިންމުންތައް ނިންމާ މީހެއް ނޫން ކަމަށެވެ. އޭނާއަކީ ނިންމުންތައް ތަންފީޒުކުރުމުގައި އެއްބާރުލުން ދޭންޖެހޭނެ ފަރާތެކެވެ. މިހެން ވިދާޅުވުމުގެ ކުރިން ޓްރަމްޕް ވަނީ ނަތަންޔާހޫ އޭނާއަށް ބައްދަލުކުރައްވާއިރު ބޮސްއަކީ ކާކުކަން ނަތަންޔާހޫއަށް އެނގޭނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
ޓްރަމްޕް މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ޓްރަމްޕާއި ނަތަންޔާހޫގެ ބައްދަލުވުމެއް ވޮޝިންޓަންގައި ބޭއްވުމަށް ހަމަޖެހިފައިވާކަން އިއުލާންކޮށްފައި ވަނިކޮށެވެ. އެމެރިކާއާއި އީރާން މިދިޔަ މަހުގެ 18 ވަނަ ދުވަހު ސޮއިކުރި އެމްއޯޔޫ ރޫޅާލައި އޭގައިވާ ކަންކަން ތަންފީޒު ކުރިޔަނުދިނުމަށް ނަތަންޔާހޫ ވަރަށް މަކަރުވެރި ގޮތެއްގައި މަސައްކަތް ކުރަމުން ގެންދާކަމުގެ ރިޕޯޓްތަކެއް ފެންމަތިވެފައި ވަނިކޮށެވެ.
މި އެމްއޯޔޫގައި ހިމެނޭ އެއްކަމަކީ އިސްރާއީލުން ލުބްނާނަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމާއި އިސްރާއީލު ސިފައިން ހިފާފައިވާ ދެކުނު ލުބްނާނުގެ ސަރަހައްދުތަކުން އެމީހުން ފޭބުމެވެ. މިކަން ތަންފީޒު ނުކުރުމަށް ނަތަންޔާހޫ ގެންދަނީ ފާޅުގައި މަސައްކަތް ކުރަމުންނެވެ. ރޭވެސް އިސްރާއީލުން ލުބްނާނަށް ހަމަލާދީ ހަތަރު މީހަކު ޝަހީދުކޮށްލިއެވެ. އޭގެތެރޭގައި މަންމައަކާއި އޭނާގެ ތުއްތު ދަރިފުޅު ހިމެނެއެވެ.
ނަތަންޔާހޫ ވަނީ ހިޒްބުﷲ އަތުން ހަތިޔާރު އަތުލުމުގެ ކުރިން ލުބްނާނުން ނުފައިބާނެކަމަށް ބުނެފައެވެ. ރައްދުގައި ހިޒްބުﷲ ދޭ ހަމަލާތަކުން އިސްރާއީލުގެ އުތުރުގެ ސަރަހައްދުތައް ހިމާޔަތް ކުރުމުގައި ނަތަންޔާހޫގެ ސިފައިންވަނީ ނާކާމިޔާބު ވެފައެވެ. ހިޒްބުﷲ އާންމުކޮށް ހަމަލާދޭ އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ލައްކައަކަށް ވުރެގިނަ ޔަހޫދީ ވަޒަންވެރިން ވަނީ ރެފިއުޖީންގެ ގޮތުގައި އިސްރާއީލުގެ އެހެން ސަރަހައްދުތަކަށް ގޮސް ވަގުތީ ހިޔާތަކުގައި ހިމާޔަތް ހޯދާފައެވެ.
ޓްރަމްޕާއި ނަތަންޔާހޫ އާ ދެމެދު މިފަހަކަށް އައިސް ވަނީ ގިނަ މައްސަލަތަކެއް ޖެހިފައެވެ. މައްސަލަތައް ޖެހުނީ ލުބްނާނަށް ދޭ ހަމަލާތައް ހުއްޓާލަން ޓްރަމްޕް އެންގުމުންވެސް ނަތަންޔާހޫ ހަމަލާތައް ހުއްޓައި ނުލުމުންނެވެ. މިމައްސަލާގައި ނަތަންޔާހޫގެ ސަރުކާރުގެ ހަރުކަށި ވަޒީރުންވަނީ ޓްރަމްޕަށް ފާޑުވެސް ކިޔާފައެވެ.
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސް ވިދާޅުވާގޮތުގައި އިސްރާއީލަށް އަސްކަރީ ގޮތުންނާއި މާލީގޮތުން އެހީވާ މައިގަނޑު ގައުމަކީ އެމެރިކާ ކަމަށް ވާއިރު އިސްރާއީލުން އެމެރިކާގެ ރައީސްއަށް ފާޑުކިޔައި ނަފްރަތުގެ ބަސްތައް ރައްދުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ޓްރަމްޕް ވަނީ އެމެރިކާގެ އަސްކަރީ އެހީނެތްނަމަ އީރާނުން އިސްރާއީލު ފުނޑާލީސްކަމަށް ވިދާޅުވެ ތަންކޮޅެއްކުރިން ވާހަކަ ދައްކަވާފައެވެ.
ނަތަންޔާހޫ ބުނިގޮތުގައި އޭނާ ޓްރަމްޕް އަކާ ދެކޮޅެއް ނޫނެވެ. އޭނާ މަސައްކަތްކުރަނީ އިސްރާއީލުގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށެވެ. އެމެރިކާގެ ރައީސް މަސައްކަތް ކުރައްވަނީ އެމެރިކާގެ ލަނޑުދަނޑިތައް ހާސިލް ކުރެއްވުމަށެވެ.
ނަމަވެސް އެމެރިކާގައި އުފެދިފައިވާ ޝުއޫރަކީ އީރާން އާ ދެކޮޅަށް ޓްރަމްޕް ލައްވައި ހަނގުރާމަ ފެއްޓުވީ އިސްރާއީލުގެ މަގްސަދުތަކެއް ހާސިލް ކުރުމަށް ކަމުގައެވެ. އެމެރިކާއާއި އިސްރާއީލާ ދެމެދުގައިވާ ބަދަހި ގުޅުންތަކުގެ ނާޖާއިޒު ފައިދާ ނަގައިގެންނެވެ. އެމެރިކާ އިސްވެ އީރާނަށް ހަމަލާދީ އެގައުމަށް ބޮޑެތި ގެއްލުންތަކެއް ދިނީ އިރާނުގެ ފަރާތުން އެމެރިކާއަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެގެން ނޫންކަމާއި އެއީ އިސްރާއީލުގެ ނުފޫޒުން އެމެރިކާ ލައްވައި ކުރުވި ކަމެއް ކަމުގެ އިހުސާސް އެމެރިކާގެ އިސްފަރާތްތަކަށް މިހާރު ކުރެވޭކަމަށް އެމެރިކާގެ ނޫސްތައްވެސް ބުނެއެވެ.
އީރާންގެ މައްސަލާގައި ޓްރަމްޕަށްވެސް މިހާރު މިކަން އިހުސާސް ކުރެވޭކަމަށް ވެއެވެ. ޓްރަމް ނަތަންޔާހޫ އާ މުއާމަލާތް ކުރުމުގައި ބަސްމަގު ހަރުކަށި ވެފައިވަނީ މިސަބަބާ ގުޅިގެންކަމަށް ރިޕޯޓްތައް ބުނެއެވެ.