ވޯލްޑް ބޭންކުގެ މަޝްރޫއަކަށް ލިބުނު 10 މިލިއަން ޑޮލަރު މިދިޔަ ސަރުކާރުން ގެއްލުވާލާފައިވާ ކަމަށް ތުހުމަތުކުރައްވައި، އެ ފައިސާ ހޯދުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ގޮވައިލައްވައިފިއެވެ.
ސަރުކާރު ފަރާތުން ހުށަހެޅި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލަށް ބަހުސްކުރައްވަމުން ޝުޖާޢު ވިދާޅުވީ، 2022ވަނަ އަހަރުގެ ޖުލައި މަހު ކުރީކޮޅު ވޯލްޑް ބޭންކާއެކު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ސޮއިކުރި "ޑިޖިޓަލް މޯލްޑިވްސް ފޮ އެޑަޕްޓޭޝަން، ޑިސެންޓްރަލައިޒޭޝަން އެންޑް ޑައިވާސިފިކޭޝަން" މަޝްރޫއުގެ ދަށުން ހިނގި އެއްވެސް ކަމެއް ފެންނަން ނެތް ކަމަށެވެ.
"ކުރީ ކޮން ކަމެއްކަމެއް ކޮން ހިސާބަކަށް ކަމެއް މަސައްކަތް ގެންދިޔައީ ފެންނާކަށް ނެތް، ލާރިކޮޅަށް ވީ ގޮތެއްވެސް އެނގެނީކީއެއް ނޫން، އެކަމަކު އެގްރީމެންޓެއްގަ އެބައޮތް ސޮއިކޮށްފަ ތިބެއް ޖުލައި 2022ގައި، މުޅި ރާއްޖެ ޑިޖިޓަލްކުރަން،" ޝުޖާޢު ވިދާޅުވިއެވެ.
އެމްޑީޕީގެ މެންބަރުން ކަންބޮޑުވެގެން އުޅެނީ މި ސަރުކާރުން ހަގީގީ މާނައިގައި ރާއްޖެ ޑިޖިޓަލްކުރުމުގެ މަސައްކަތްކުރާތީ ކަމަށް ޝުޖާޢު ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި މިދިޔަ ސަރުކާރުން ވޯލްޑް ބޭންކަށް މަކަރުހެދީއެވެ.
"އެ ލާރި ވީ ތަނެއް އަޅުގަނޑުމެން އެބަ ޖެހޭ ހޯދަން، މި ސަރުކާރަށް އަޅުގަނޑު ގޮވާލަން ޑިޖިޓަލް ޓްރާންސްފޮމޭޝަން ޑިޖިޓަލް ރާއްޖެއަކަށް މި ރާއްޖެ ބަދަލުކުރުމަށްޓަކައި ވޯލްޑް ބޭންކުން ނެގި ލާރި ވީ ތަނެއް ހޯދަން،" ޝުޖާޢު ވިދާޅުވިއެވެ.
މި ސަރުކާރުން މޯލްޑިވްސް 2.0 ބިލު ނުވަތަ ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު ހުށަހެޅީ އީވޯޓިން ތައާރަފުކޮށް އިންތިޚާބުގެ ނަތީޖާއިން ވައްކަންކުރުމަށް ކަމަށް އެމްޑީޕީގެ މެންބަރުން ތަކުރާރުކޮށް ބުނި ނަމަވެސް، ޝުޖާޢު ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު ތައާރަފްކުރީ އެ ވިސްނުމުގައި ނޫން ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، އިޖުތިމާއީ ރައްކާތެރިކަން ވަރުގަދަކޮށް، ވަޒީފާ އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށާއި، ތަރައްގީ އާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާ ދެމެދު ޖުމްލަ 34 މިލިއަން ޑޮލަރު (524 މިލިއަން ރުފިޔާ)ގެ ހިލޭ އެހީގެ ދެ އެއްބަސްވުމެއްގައި 2022ވަނަ އަހަރުގެ ޖުލައި މަހު ސޮއިކުރިއެވެ.
އޭގެ ތެރެއިން "ޑިޖިޓަލް މޯލްޑިވްސް ފޮ އެޑަޕްޓޭޝަން، ޑިސެންޓްރަލައިޒޭޝަން އެންޑް ޑައިވަސިފިކޭޝަން" މަޝްރޫއަށް 10 މިލިއަން ޑޮލަރު ވަނީ ޚާއްސަކޮށްފައެވެ.
އެ މަޝްރޫއުގެ ސަބަބުން، އޮންލައިންކޮށް ދެވޭ ހިދުމަތްތަކާއި މުއާމަލާތްތައް ފަސޭހަކުރުމަށްޓަކާ ގައުމީ އައިޑެންޓިފިކޭޝަން ނިޒާމުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެއެވެ. އަދި ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ މިންވަރު ދެނެގަނެ، ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކުރުމާއި ގުދުރަތީ ވަސީލަތްތައް މެނޭޖުކުރުން ހިމެނެއެވެ.
އަދި މުރަކަ ފަރުތައް ފަދަ ނާޒުކު ވަސީލަތްތައް ހިމާޔަތްކުރުމުގައި ސަރުކާރާއި ވިޔަފާރިތަކަށް މިހާރަށް ވުރެ ބޮޑަށް އިލްމީ ނިންމުންތައް ނިންމުމަށް މަގުފަހިކޮށްދެވޭނެ ކަމަށް، މިނިސްޓްރީން އޭރު ބުނެފައިވެއެވެ.