ތެހެރާން (7 ޖުލައި 2026) : ހުރުމުޒު ކަނޑުއޮޅިއަކީ އީރާނުގެ ގައުމީ ސަލާމަތާ ގުޅިފައިވާ ސަރަހައްދެއް ކަމަށާ ގަލްފުގައި ނުހިމެނޭ ގައުމުތަކުގެ އަސްކަރީ ހަރަކާތްތައް އެސަރަހައްދުގައި ހިންގުމުގެ ފުރުސަތު ނޯންނާނެކަމަށް އީރާން ބުނެފިއެވެ.
ގިނަ ގައުމުތަކެއް ގުޅިގެން ހުރްމުޒް ކަނޑުއޮޅީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމަށް ބުނެ އެތަނަށް އަސްކަރީ ބާރުތަކެއް ފޮނުވަން ތައްޔާރަށް އޮތްކަން ހާމަކޮށް ޔޫރަޕްގެ ދެބާރުކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ނެރުނު ބަޔާނަކަށް ރައްދު ދެއްވަމުން އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ކާޒިމް ޣަރީބް އާބާދީ ވިދާޅުވީ ހުރްމުޒް ކަނޑުއޮޅިއަކީ ގަލްފަށް ނިސްބަތް ނުވާ ބޭރުގެ ގައުމުތަކުން އަސްކަރީ ބާރު ދައްކައި ހަމަނުޖެހުން އުފައްދަން އޮތް ތަނެއްނޫންކަމަށާ އެއީ އީރާނުގެ ގައުމީ ސަލާމަތާ ގުޅިފައިވާ ތަނެއްކަމުގައެވެ.
"އެކަނޑުއޮޅީގައި ބޭރުގެ އަސްކަރީ ބާރުތަކުން އަސްކަރީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ނުދެވޭނެ" އީރާނުގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ. މީގެކުރިން ވެސް ފަރަންސޭސިވިލާތުންވަނީ އީރާނުން ހުރުމުޒު ކަނޑުއޮޅިއަށް އަޅާފައިވާ މައިންތައް ސާފުކުރުމަށް ކަމަށް ބުނެ ސަރަހައްދުގެ ގައުމެއްކަމަށްވާ އުމާން އާ ގުޅިގެން އަސްކަރީ ހަރަކާތްތަކެއް ހިންގަން ގަސްދުކުރާކަން ހާމަކޮށްފައެވެ. އެފަހަރުވެސް އެކަން ކުރުމުގެ ފުރުސަތު ނުދޭނެކަމަށް އީރާން ބުނުމުން ފަރަންސޭސިވިލާތަށް އެކަން ކުރަން ކެރިފައެއް ނުވެއެވެ.
މައިން ނެގުމުގެ އޮޕަރޭޝަންއަކީ ގިނަވަގުތު ހުރުމުޒު ސަރަހައްދުގައި ކަމާބެހޭ ކަނޑުގެ އުޅަނދުތަކާއި ވައިގެ އުޅަނދުތައް ހަރަކާތްތެރިވާން ޖެހޭކަމަކަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. އީރާނުގެ އެއްބާރުލުން ނެތި މިކަން ނުކުރެވޭނެކަމަށްވެސް އެފަރާތްތަކުން ބުނެއެވެ. އެއީ އެމަސައްކަތްކުރަނިކޮށް އީރާނުން ހަމަލާދީފާނެތީއެވެ. މިއާއެކު ފަރަންސޭސިވިލާތުންވަނީ އެކަން ކުރުމަށް ފަސްޖެހިފައެވެ.

ހުރުމުޒު ކަނޑުއޮޅި
އެއަށްފަހު ގިނަ ގައުމުތަކެއް ގުޅިގެން ހުރްމުޒް ކަނޑުއޮޅީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަސްކަރީ އޮޕަރޭޝަނެއް ހިންގަން ބޭނުންވާކަން ފަރަންސޭސި ސަރުކާރުން އިއްޔެ އިއުލާން ކުރީ އިނގިރޭސިވިލާތާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. މިކަންކުރަން ރާވަނީ އުމާންއާ ގުޅިގެންކަމަށް ފަރަންސޭސި މަސްއޫލުވެރިން ވިދާޅުވިނަމަވެސް މިކަމަށް އެއްބާރުލުން ދޭން އެއްބަސްވިކަން އުމާން އިން ކަށަވަރުކޮށެއް ނުދެއެވެ.
މުހައްލިލުން ވިދާޅުވާ ގޮތުގައި ހުރުމުޒު ކަނޑުއޮޅިއަކީ އެމެރިކާއާއި އިސްރާއީލުން ބޮންއަޅައި އީރާނަށް ދިން ގެއްލުންތަކުން އަރައި ގަތުމަށްޓަކައި އެގައުމު އަލުން އާރާސްތު ކުރުމަށް ބޭނުންވާ ފައިސާ ހޯދާނެ ތަނެއްގެ ގޮތުގައި އީރާން މިހާރު ނިންމާފައިވާ ތަނެކެވެ. އެތަނުގެ ބޮޑުބައި ހިމެނެނީ އީރާނުގެ ޓެރަޓޯރިއަލް ވޯޓާގެ ތެރޭގައެވެ.
އީރާނުގެ ޕާލަމެންޓުންވަނީ ހުރުމުޒު ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކުން ޓޯލް ފީއެއް ނެގުމާބެހޭ ގާނޫނެއް ފާސްކޮށް އެގާނޫނު ތަންފީޒު ކުރުމަށް ބޭނުންވާ އިދާރާއެއް އުފައްދައި އޮންލައިންކޮށް ފީ ނަގާނެ އެޕްލިކޭޝަން ތައްޔާރުކޮށް އީރާނުގެ ޕޭމަންޓް ނިޒާމާއި އެއެޕްލިކޭޝަން ގުޅުވުންފަދަ ގިނަ އިންތިޒާމުތަކެއް ފުރިހަމަކޮށްފައެވެ. މިވަގުތު ފީ ނުނަގަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އީރާންއާއި އެމެރިކާ ސޮއިކުރި އެމްއޯޔޫގައި ހިމެނޭކަންކަމަށް އީރާން ސަރުކާރުން ރިއާޔަތް ކުރާތީއެވެ.
އީރާނުގެ މަދަނީ ނިއުކްލިޔާ ހައްގުތަކާއި އެގައުމު އާރާސްތުކުރުމަށް ބޭނުންވާ ފައިސާ ލިބޭފަދަ ދާއިމީ އެއްބަސްވުމެއް މިއެމްއޯޔޫގައި ބުނާ މުއްދަތުގެ ތެރޭގައި ވުޖޫދަށް ނުގެނެވިއްޖެނަމަ ހުރުމުޒު ކަނޑުއޮޅިން ހުރަސްކުރާ އުޅަނދުތަކުން ފީނަގަން ފަށާނެކަން ހާމަކުރައްވައި އީރާނުގެ މަސްއޫލުވެރިން ވަނީ ވާހަކަ ދައްކަވާފައެވެ. ފީނެގުމުގެ ފުރުސަތު އެމެރިކާ ނުދޭނަމަ އީރާނުން ހުރުމުޒު ބަންދުކުރާނެކަމަށްވަނީ ބެލެވިފައެވެ.
ރިޕޯޓްތައް ބުނާގޮތުން ހުރުމުޒު ބަންދުކުރުމަކީ އީރާނަށް ބޮޑު ޚަރަދަކާ ނުލައި ކުރެވިދާނެކަމެކެވެ. މިކަމަށް ބޭނުންވަނީ ހަމަލާދޭނެ ކުރުރާސްތާގެ މިސައިލްއާއި ޑްރޯންއެވެ. މި ވަސީލަތްތައް ގިނަ އަދަކަށް އީރާން އަތުގައި އެބަހުއްޓެވެ. ގަލްފުގައި އަސްކަރީ ގޮތުން އީރާންއާ ކުރިމަތިލާން ކެރޭފަދަ އަސްކަރީ ގާބިލްކަން ހުރިއެއްވެސް ގައުމެއްނެތްކަން ހަނގުރާމައިގެ ތެރޭގައި ގަލްފުގެ ގައުމުތަކަށް އީރާން ދިން ހަމަލާތަކުންވަނީ ހާމަވެގެން ގޮސްފައެވެ.
އެމެރިކާގެ ހަމަލާތަކުގެ ރައްދުގައި އީރާނުން ގަލްފުގެ ހުރިހާ ގައުމަކަށް އެތަށް ފަހަރަކު ހަމަލާތައް ދިންއިރުވެސް ރައްދުގައި އީރާނަށް ހަމަލާދޭން ގަލްފުގެ އެއްވެސް ގައުމަކަށް ކެރިފައެއް ނުވެއެވެ. އަނެއްކޮޅުން އީރާނުން ހުރުމުޒު ބަންދުކޮށްފިނަމަ އެތަން އަލުން ހުޅުވުމަކީ ޚުދު އެމެރިކާއަށްވެސް ކުރެވޭނެކަމެއް ނޫންކަން ހަނގުރާމައިގެ ދުވަސްވަރުވަނީ ހާމަވެގެން ގޮސްފައެވެ. ހުރުމުޒު ހުރަސްކުރާ އެންމެ އުޅަނދަކަށް އީރާނުގެ ހަމަލާއެއް އެރިނަމަވެސް އެހެން އުޅަނދުތައް އެތަން ހުރަސްކުރަން ޖެހިލުންވެއެވެ. އެއީ އިންޝުއަރެންސް ގެ ޚަރަދު ބޮޑުކަމުންނެވެ.
މުހައްލިލުން ވިދާޅުވާ ގޮތުގައި އެމެރިކާ އަދި އިސްރާއީލުގެ އުދުވާން އާ ކުރިމަތިލުމުގައި ހުރުމުޒު ކަނޑުއޮޅިއަކީ އީރާނަށް ލިބިފައިވާ އާދަޔާ ޚިލާފު ދިފާއީ ބާރެއްކަމާއި އެކަނޑުއޮޅި ކޮންޓްރޯލް ކުރުމަށް ބޭނުންވާ ހަތިޔާރާއި ވަސީލަތްތަކާއި ތަމްރީނާއި ހުނަރު އީރާނުގެ ލަޝްކަރުތަކުގައި ހުރިކަންވެސްވަނީ ހަނގުރާމައިގެ ތެރޭގައި ހާމަވެގެން ގޮސްފައެވެ. އެއީ ހަގީގަތުގައި ނިއުކްލިޔާ ބޮމަކަށްވުރެވެސް އީރާނަށް މުހިއްމު ހަތިޔާރެއް ކަން ކުރެވިދިޔަ ހަނގުރާމައިން ހާމަވެފައިވާއިރު ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް ދޫކޮށްލުމަކީ ދެން އީރާން ކުރާނެކަމެއް ނޫންކަމަށް މުހައްލިލުން ވިދާޅުވެއެވެ.
އެމެރިކާއާއި އިސްރާއީލު ބޭނުންނަމަވެސް ހުރުމުޒުގެ މައްސަލާގައި ގިނަ ގައުމުތަކެއް ގުޅިގެން އީރާން އާ ކުރިމަތިލުމަށް ލަޝްކަރެއް އެކުލަވާލުމަކީ ވާނެކަމެއް ނޫންކަން ނިމިދިޔަ ހަނގުރާމައިންވަނީ ހާމަވެގެން ގޮސްފައިކަމަށާ ގިނަ ގައުމުތައް ބޭނުންވަނީ އީރާންއާ ގުޅިގެން މިކަން ހައްލުކުރަންކަންވެސް މިފަރާތްތަކުން ދެކެއެވެ.