ރާއްޖޭގައި ޑޮލަރުގެ އަގު އުފުލި، އާންމުންނަށް ޑޮލަރު ލިބުން ދަތިވެފައިވާ މައްސަލައަކީ, އިދިކޮޅުގައި މިހާރު އޮތް އެމްޑީޕީގެ ދެ ސަރުކާރުގައި ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން ދިމާވެފައިވާ މައްސަލައެއް ކަމަށް އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ ވައުދުތަކުގެ ޑޮލަރުގެ އަގު ހިފެހެއްޓުމާއި ކަޅު ބާޒާރު ނައްތާލުން ހިމެނެއެވެ. ނަމަވެސް، ފާއިތުވި މަސްތަކުގައި ޑޮލަރުގެ އަގު އުފުލެމުން ގޮސް، 20 ރުފިޔާއަށް ވުރެ އަގު ބޮޑުވެފައިވެއެވެ. އަދި އިމްޕޯޓަށް ބަރޯސާވެފައިވާ މި ގައުމުގައި ޑޮލަރު ލިބުން ދަތިވެފައިވާ ކަމުގެ ކަންބޮޑުވުން ގިނަ އަދަދެއްގެ މީހުން އަންނަނީ ފާޅުކުރަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި، ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސެއިން ޒިޔާދު ވަނީ، ޑޮލަރުގެ އަގު އުފުލެމުންދާތީ އެކަމާ ގުޅޭ ގޮތުން ސައީދާ ސުވާލުކުރައްވައިފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ ޑޮލަރުގެ އަގު ބޮޑުވެގެން ދިޔައީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ގިނަ އަދަދަކަށް ފައިސާ ޗާޕުކުރުމުން ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޑޮލަރުގެ ރޭޓު 10 ރުފިޔާއާއި 15 ރުފިޔާއާއި ދެމެދުގައި ބޭންޑެއް އެޅުވި ކަމަށާއި، އެކަމުގެ ނޭދެވޭ އަސަރު މިއަދާ ހަމައަށް ވެސް ރައްޔިތުން އުފުލަން ޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މާލޭ ބަނދަރު: އިމްޕޯޓަށް ބަރޯސާވެފައިވާ މި ރާއްޖޭގައި، ޑޮލަރުގެ އަގު އުފުލުމާއެކު ގިނަ ދަތިތަކެއް ދިމާވޭ -- ފޮޓޯ/ އެމްޕީއެލް
ސައީދު ފާހަގަކުރެއްވީ، ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު، ޑޮލަރުގެ އަގު 20 ޕަސެންޓްގެ ބޭންޑެއްގެ ތެރޭގައި ފްލޯޓް ކުރުމަށް ނިންމި ނިންމުމަށެވެ. އެގޮތަށް ނިންމި ފަހުން ޑޮލަރުގެ ރަސްމީ އަގު ހުރީ 15.42 ރުފިޔާއަށް އަރައިފައެވެ. ނަމަވެސް އޭގެ ކުރިން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރޭޓް ހުރީ 12.85 ރުފިޔާގައެވެ.
"ޑޮލަރުގެ މައްސަލައިގައި އިއްޒަތްތެރި ރައީސް އަޅުގަނޑު މި ދެންނެވީ ގާނޫނު ސަސްޕެންޑް ކުރީ ވެސް މިދިޔަ 19 ވަނަ މިޖިލީހުގައި. ގާނޫނު ސަސްޕެންޑް ކޮށްގެން ފައިސާ ޗާޕުކުރަމުން ގެންދިޔައީ. އޭގެ ނަތީޖާ ބައްދަލުކުރާނެ ވާހަކަ އަލުގަނޑުމެން އޭރުވެސް ދެއްކިން،" ސައީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ރާއްޖެ ދަރަނިވެރިވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އިތުބާރު އޮތް އިގުތިސާދެއް ގާއިމުކުރުން ކަމަށެވެ.
މިނިސްޓަރު ސައީދު ނިމިދިޔަ މަޖިލިސް ކެމްޕޭނުގައި ވިދާޅުވެފައިވަނީ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ޑޮލަރުގެ އަގު ރަސްމީ ރޭޓަށް ތިރިކުރާނެ ކަމަށެވެ. އެހެންނަމަވެސް އެކަން ކާމިޔާބު ނުވެ، އިންފްލޭޝަން މަތިވެ ތަކެތީގެ އަގު އަތްނުފޯރާ ފަށަށް ދިއުމުން ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވިދާޅުވެފައިވަނީ ގައުމެއްގައި ޑޮލަރުގެ ކަޅުބާޒާރެއް އުފެދިގެންދާނީ އެ ގައުމެއްގައި އޮންނަ ސަރުކާރެއް ފެއިލްވުމުން ކަމަށެވެ.
ޑޮލަރު ލިބުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ނުލިބި، އާންމުންގެ ޝަކުވާތައް ދަނީ ދުވަހެއްދުވަހަކަށް އިތުރުވަމުންނެވެ.