ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތައް އީރާނުގައި ފަށައިފި

އީރާނުގެ ކުރީގެ އިސް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގައި ބައިވެރިވުމަށް އާންމުން އެއްވެފައި -- ފޮޓޯ/ ރޮއިޓާސް

އީރާނުގެ ކުރީގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާ ރަސްމީކޮށް ފަށައިފި ކަމަށް އެ ގައުމުގެ ދައުލަތުގެ ޓީވީން ރިޕޯޓްކޮށްފިއެވެ.

އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި އީރާނުގެ ވެރިރަށް ތެހެރާނުން އެކަނިވެސް 15 މިލިއަނާއި 20 މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން ޖަނާޒާގައި ބައިވެރިވާނެއެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ފުރަތަމަ ދުވަހު އުމުރުން 86 އަހަރުގައި ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ބާއްވާ ޖަނާޒާގެ ރަސްމިއްޔާތުތައް ހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

އެ ރަސްމިއްޔާތުތަކުގައި ޚާމަނާއީގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ ބައިވެރިވަޑައިގަންނަވާނެތޯ ވަރަށް ބޮޑަށް ވަނީ ސުވާލު އުފެދިފައެވެ. ޚާމަނާއީ އަވަހާރަކޮށްލުމުން އީރާނުގެ އާ ލީޑަރަކަށް މުޖުތަބާ އައްޔަންކުރި ފަހުން މިހާތަނަށް ވެސް އެއްވެސް ވަރަކަށް އާންމުންނަށް ފެނިފައެއް ނުވެއެވެ.

ރަތް ކުލައިގެ ބެނާތައް ހިފައިގެން އެތައް ހާސް ބަަޔަކު ވަނީ ތެހެރާނުގައި ހުންނަ ބޮޑު ގްރޭންޑް މޮސާލާ ދީނީ ކޮމްޕްލެކްސްގެ ގޯތި ތެރެއަށް އެއްވެފައެވެ.

ޚާމަނާއީއަށް ތާއީދުކުރާ އެތައް ސަތޭކަ ބަޔަކު ވަނީ އިއްޔެ ހަވީރު ވެސް ގްރޭންޑް މޮސާލާގެ ބޭރަށް އެއްވެފައެވެ.

"އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ލީޑަރަށް އެންމެ ފަހުގެ އަލްވަދާއު ކިޔަން. އެހެންވެ މިގޮތަށް އިންތިޒާރު ކުރުމަކީ އަޅުގަނޑުމެންނަށް ވޭންދެނިވި ކަމެއް ނުވަތަ އުނދަގޫ ކަމެއް ނޫން." އެއްވެތިިބި މީހުން ބުންޏެވެ.

ސަލާމަތީ ގޮތުން މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާއިރު، 1989 ވަނަ އަހަރު ޚާމަނާއީގެ ކުރިން ހުންނެވި ރުހުالله ޚުމޭނީ ފަސްދާނުލެއްވި ފަހުން އީރާނުގައި ބާއްވާ އެންމެ ބޮޑު އާންމު އިވެންޓަށް މަގުތައް ބަންދުކޮށް ވައިގެ ސަރަހައްދު ބަންދުވާނެ ކަމަށް ބެލެވެއެވެ.

ހޯމަ ދުވަހާ ހަަމައަށް ހަށިގަނޑު ތެހެރާނުގައި ބޭއްވުމަށްފަހު، އަންގާރަ ދުވަހު އީރާނުގެ ގުމް ސިޓީގައި ހުންނަ ކްލެރިކަލް ހަބަށް ބަދަލުކުރާނެއެވެ. ބުދަ ދުވަހު އަވަށްޓެރި އިރާގުގެ ޝިޔައީ މުސްލިމުންގެ މާތް ސިޓީތަކަށް ބަދަލުކުރުމަށްފަހު، ބުރާސްފަތި ދުވަހު އީރާނުގެ އިރުއުތުރުގެ ޚާމަނާއީގެ އުފަން ސިޓީ މަޝްހާދުގައި ވަޅުލުން ކުރިއަށްދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް