ޔަހޫދީ އިސްރާއީލުން އެމެރިކާއަށް ޖާސޫސު ކުރަނީ

ވޮޝިންޓަން (4 ޖުލައި 2026): އިސްރާއީލުން އެމެރިކާއަށް އަމާޒުކޮށްގެން ޖާސޫސު ކުރުމުގެ ހަރަކާތްތަކެއް ހިންގަމުން ގެންދާކަން އެމެރިކާގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ސީއެންއެން އިން ބުނެފިއެވެ.

ނަންހާމަ ކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކާ ހަވާލާދީ ސީއެންއެން އިން ބުނި ގޮތުގައި އިސްރާއީލު ޖާސޫސު ކުރަމުން ގެންދަނީ ސުލްހައިގެ ދާއިމީ އެއްބަސްވުމަކަށް އައުމަށްޓަކައި އީރާނާއެކު އެމެރިކާ ކުރަމުންގެންދާ މުއާމަލާތްތަކުގެ އަޑި ހޯދުމަށާއި އެމެރިކާއާއި އީރާނުގެ ސުލްހައިގެ ވާހަކަތަކަށް ހުރަސްއެޅުމަށް އަމާޒުކޮށްގެންނެވެ.

އިސްރާއީލުގެ ޖާސޫސީ ހަރަކާތްތައް ފާހަގަކުރެވިފައިވާއިރު އެކަމަށް އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ވަރަށް ބޮޑަށް ފާރަވެރި ވަމުންދާ ކަމަށް ވެސް އެމެރިކާގެ މަސްއޫލުވެރިޔާއާ ހަވާލާދީ ސީއެންއެން ބުނެފައި ވެއެވެ. މި މަސްއޫލުވެރިޔާއާ ހަވާލާދީ ސީއެންއެން ބުނިގޮތުގައި އިސްރާއީލު ގެންދަނީ އެމެރިކާއާ މަޝްވަރާތައް ކުރުމުގައި ހަރަކާތްތެރިވާ އީރާނުގެ ވަފްދުގެ ބޭފުޅުންނަށް ވެސް ޖާސޫސު ކުރަމުންނެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

އަނެއްކޮޅުން ވައިޓް ހައުސްއާ ހަވާލާދީ ނިޔުޔޯކް ޓައިމްސް ބުނާ ގޮތުން އިސްރާއީލުން ވަނީ އެމެރިކާއާ މަޝްވަރާތައް ކުރުމުގައި ހަރަކާތްތެރިވާ އީރާނުގެ ވަފްދުގެ ބޭފުޅުން އަވަހާރަކޮށްލުމަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިކަން ހުއްޓާލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިސްރާއީލަށް ވަރަށް ހަރުކަށި އިބަރާތުން އެންގި ކަމަށް ވެސް ވައިޓް ގެ ބައެއް މަސްއޫލުވެރިންނާ ހަވާލާދީ ނިއުޔޯކް ޓައިމްސް ބުނެފައި ވެއެވެ.

މިނޫސް ބުނާ ގޮތުން އިސްރާއީލުން އެންމެ ބޮޑަށް މަސައްކަތްކުރީ އެމެރިކާއާއެކު މަޝްވަރާކުރާ އީރާނުގެ ވަފްދުގައި ހިމެނޭ އެންމެ އިސް ދެބޭފުޅުން ކަމަށްވާ އީރާނުގެ ޕާލަމެންޓްގެ ވެރިޔާ މުހައްމަދު ބާގިރު ގަލީބަވް އާއި އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އިރަގްޖީ އަވަހާރަ ކޮށްލުމަށެވެ.

މިކަމުގެ ބޭނުމަކީ އެމެރިކާއާއި އީރާނުގެ ވާހަކަތަކަށް ހުރަސްއެޅުމާއި އެ ވާހަކަތައް ނާކާމިޔާބު ކޮށްލުމެވެ. އިސްރާއީލުގެ މި އަމަލު ހުއްޓުމަކަށް އައީ މިކަން ހުއްޓާލުމަށް ޓްރަމްޕްގެ އަމުރަށް އެމެރިކާއިން އިސްރާއީލަށް އިންޒާރު ދިނުމުން ކަމަށް ވެސް ވައިޓް ހައުސްގެ މަސްއޫލުވެރިންނާ ހަވާލާދީ ނިޔުޔޯކް ޓައިމްސް ބުނެފައި ވެއެވެ.

އިސްރާއީލަކީ އިސްރާއީލާ އިދިކޮޅު ގައުމުތަކާއި މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ އިސްވެރިން އަވަހާރަކޮށްލުމުގެ ޓެރަރިޒަމްގެ އަމަލުތައް ފުޅާދާއިރާއެއްގައި ހިންގަމުން ގެންދާ ޓެރަރިސްޓް އެންޓިޓީއެވެ.

ޔޫރަޕްގެ މަސްއޫލުވެރިން ވިދާޅުވެފައިވާ ގޮތުގައި ފަލަސްތީނުގެ ބިމުގައި އިސްރާއީލޭ ކިޔުނު އެންޓިޓީއެއް އުފެއްދުމުގެ އެއް ބޭނުމަކީ ވެސް ހުޅަނގަށް ކުރަން ނުކުރޭ "މުޑުދާރު" ކަންކަން އިސްރާއީލު ލައްވައި ކުރުމެވެ. މިކަން އިސްރާއީލުން ވެސް ވަނީ ހާމަކޮށްދީފައެވެ.

އިސްރާއީލު އާންމު ގޮތެއްގައި ކުރަމުން ގެންދަނީ ޔޫރަޕްގެ ބާރުތައް އެ ބާރުތައް ދުނިޔޭގެ ގައުމުތަަކަށް އަރައިގަނެ އިސްތިއުމާރީ ހަރަކާތްތައް ހިންގި ދުވަސްވަރު ހިންގި ބާވަތުގެ ނަސްލު ނައްތާލުމާއި ޓެރަރިޒަމްގެ އަމަލުތައްފަދަ މުޑުދާރު ކަންކަމެވެ.

ނަމަވެސް އެމެރިކާއާއި ޔޫރަޕްގެ ތާއީދާއެކު ވެސް މިހާރުގެ ހާލަތަށް ބަލާއިރު ފަލަސްތީނުގެ ބިމުގައި އިސްތިއުމާރީ ވަކިތައް ހިއްޕާލައިގެން އިސްރާއީލަށް ދެމި އޮވެވޭނީ ކިހާ މުއްދަތަކަށްތޯ ވަނީ ސުވާލު އުފެދިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު