ތެހެރާން (3 ޖުލައި 2026): މިދިޔަ ފެބްރުއަރީ މަހުގެ 28 ގައި އިސްރާއީލާއި އެމެރިކާއިން އީރާނަށް ދިން ވަރުގަދަ ޓެރަރިސްޓް ޙަމަލާތަކުގައި ޝަހީދުކޮށްލާފައިވާ އީރާނުގެ ދީނީ މުރުޝިދު އާޔަތު ﷲ ޢަލީ ޚާމަނާއީގެ ޖަނާޒާ ގައި ބައެއް ގައުމުތަކުގެ އިސްވެރިންނާއި 100 އަށް ވުރެ ގިނަ ގައުމުގެ މަންދޫބުން ބައިވެރިވާނެކަން އީރާނުން ހާމަކޮށްފިއެވެ.
އީރާނުގެ ޚާރިޖީ ވުޒާރާ ބުނާ ގޮތުން ހަފްތާއަކަށް ދިގުދެމިގެންދާ ޖަނާޒާ މިއަދު ވަނީ ވެރިރަށް ތެހެރާންގައި ފަށާފައެވެ. މިޖަނާގައި މިއަދު އޮންނާނީ ދުނިޔޭގެ ގައުމުތަކުގެ މަންދޫބުން އަލީ ޚަމަނާއި އަށް އަލްވަދާއު ކިޔުމެވެ. އެއަށްފަހު މާދަމާ އޮންނާނީ އީރާނުގެ އާންމު ރައްޔިތުން ޚަމަނާއި އަށް އަލްވަދާއު ކިޔުމެވެ.
އޭގެފަހުން ޚަމަނާއިގެ ހަށިކޮޅު ގެންދާނީ އީރާނުގެ ދީނީ ސިޓީއެއްކަމަށްވާ ގުމް އަށެވެ. ގުމްއަށްފަހު ޚަމަނާއިގެ ހަށިކޮޅު ގެންދާނީ އިރާގުގެ ކަރުބަލާއާއި ނަޖަފްއަލް އަޝްރަފް މި ދެ ސިޓީއަށެވެ. މިތިން ސިޓީއަކީ ޝިޔައީންގެ މެދުގައި ޚާއްސަ ގަދަރަކާ ޝަރަފެއް ދެވިފައިވާ ތިން ސިޓީއެވެ.
މި ތިން ސިޓީގައި މި ޖަނާޒާއަށް ދީނީ އަދި ޝިޔައީންގެ މަޒުހަބީ އާދަކާދައިގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށްފަހު ޚަމަނާއިގެ ހަށިކޮޅު ފަސްދާނުލުމަށްޓަކައި އަންނަ ބުރާސްފަތި ދުވަހު ގެންދިޔުމަށް ހަމަޖެހިފައި ވަނީ އީރާނުގެ ސިޓީއެއް ކަމަށްވާ މަޝްހަދު އަށެވެ.
މިއީ އީރާނުގެ ޝަހީދުންގެ ސިޓީގެ ގޮތުގައި މަޝްހޫރު ސިޓީއެކެވެ. މިތަނުގައި ޝިޔައީ މަޒުހަބުގެ ބައެއް އިސް އިމާމުންގެ މަޒާރުތައް ހުރެއެވެ. ޚަމަނާއި އުފަންވެ ވަޑައިގަތީ ވެސް މަޝްހަދުގައެވެ. މަޝްހަދުގައި ޚަމަނާއި ފަސްދާނު ލުމަށް ހަމަޖެހިފައިވަނީ ޝިޔައީންގެ އެންމެ އިސް 12 އިމާމުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިމާމް އައްރިޟާގެ މަޒާރާ ގާތުގައެވެ.
ޚަމަނާއިގެ ޖަނާޒާގައި އީރާނުގެ އެތަށް މިލިޔަން ބަޔަކު ބައިވެރިވާނެއެވެ. މިހާ ގިނަ ބަޔަކު ބައިވެރިވުމަކީ އެމެރިކާއާއި އިސްރާއީލުގެ ޓެރަރިޒަމާއި އަނިޔާވެރިކަމަށް ދެވޭ ވަރަށް ވަރުގަދަ ރައްދެއްކަމަށް އީރާން ދެކެއެވެ.
ޚަމަނާއިގެ ޖަނާޒާ މި ބާއްވަނީ އެމެރިކާގެ ނިޒާމަށް 250 އަހަރު ފުރުމުގެ ރަސްމިއްޔާތުތައް އެމެރިކާގައި ބާއްވާ ދުވަސްވަރުގައެވެ. އެމެރިކާއަށް 250 އަހަރު ފުރޭ މުނާސަބަތު ފާހަގަ ކުރަން ފަށާފައި ވާއިރު އެމެރިކާގެ ތެރެއިން ފެންނަން ފަށާފައި ވަނީ ބައިބައި ވުމާއި ނުތަނަވަސްކަމާއި އެއްބައިވަންތަކަން ގެއްލިފައިވާ މަންޒަރެވެ. ހަރުކަށި ޑިކްޓޭޓަރެއްގެ އަތްދަށުގައި އެމެރިކާ ވެފައިވާ މަންޒަރުކަމަށް އެމެރިކާގެ މުހައްލިލުން ވިދާޅުވެއެވެ.
ޚަމަނާއިގެ ޖަނާޒާއަކީ އެމެރިކާގެ ޓެރަރިޒަމާއި އަނިޔާވެރިކަމާއި ބައިނަލްއަގްވާމީ މުޖްތަމައަށް ނުކިޔަމަންތެރި ރޯގް ސްޓޭޓެއްކަން ދުނިޔެއަށް ހާމަވާ މަންޒަރެއްކަމުގެ އިހުސާސް އެމެރިކާ ކުރާކަމެއް ކަމަށް ވެސް އެމެރިކާގެ ބައެއް މުހައްލިލުން ވިދާޅުވެފައި ވެއެވެ.
ޚާމަނާއީގެ ހަށިކޮޅު މިވަގުތު ބާއްވާފައި އޮތީ އީރާނުގެ ވެރިރަށް ތެހެރާނުގައެވެ. ޚާމަނާއީއަށް އަލްވަދާއު ކިޔުމަށް އެތައް ލައްކަބަޔަކު ވަނީ ތެހެރާނުގެ އެ ސަރަޙައްދަށް ޖަމާވެފައެވެ.