ކޮރަޕްޝަނާއި ރިޝްވަތުން ނާއިންސާފާއި ބިރުވެރިކަން އާންމުވެ، ތަރައްގީއަށް ހުރަސްއެޅޭ: ޚުތުބާ

ހުކުރު ނަމާދު ކުރުން: ކޮރަޕްޝަނާއި ރިޝްވަތުން ނާއިންސާފާއި ބިރުވެރިކަން އާންމުވެ، ތަރައްގީއަށް ހުރަސްއެޅޭ ކަމަށް ޚުތުބާގައި ބުނެފައިވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރަޕްޝަނާއި ރިޝްވަތުގެ އަމަލުތަކުގެ ސަބަބުން ނާއިންސާފާއި ބިރުވެރިކަން އާންމުވެ، ތަރައްގީއަށް ހުރަސްއެޅޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ކޮރަޕްޝަނާއި ރިޝްވަތުގެ ނުރައްކާތައް ހަނދާންކޮށްދިނުމަށް ޚާއްސަކޮށްފައިވާ ޚުތުބާގައި ކިޔައިދިން ގޮތުގައި، ކޮރަޕްޝަނަކީ މަގާމުގެ ނުފޫޒު ނުވަތަ ލިބިފައިވާ އިޚުތިޔާރެއް ނަހަމަ ގޮތުގައި ބޭނުންކޮށްގެން، އަމިއްލަ ފައިދާއެއް ހޯދުމަށް ނުވަތަ ހޯދައި ދިނުމަށް ކުރެވޭ ކޮންމެ ކަމެކެވެ. ނަމަވެސް، އަމާންކަމާއި ސަލާމާތްތެރިކަމާއި މިނިވަންކަމާއި އަދުލުވެރިކަމާއި އިންސާފަށް ލޯބިކުރުމަކީ އިންސާނާގެ ފިތުރަތުގައި ލައްވައިފައިވާ ކަމެއްކަން ޚުތުބާގައި ފާހަގަކުރިއެވެ.

"ކޮރަޕްޝަނަކީ އިންސާނާގެ ފިތުރަތު އެކަމަށް ނުރުހޭ، އިޖުތިމާއީ ނިޒާމު ފުނޑުފުނޑުކޮށްލާ ބަލިމަޑުކަމެކެވެ. މިއީ ބިން ފަސާދަކުރާ، ސަލާމަތް ބުއްދިއާ ފުށުއަރާ، ނަފުސުގެ އިއްޒަތް ފޭރިގަންނަ ދަށު ދަރަޖައިގެ އަމަލުތަކެކެވެ." ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ވަނީ، މުޖުތަމައުގައި ފެތުރިފައިވާ ކޮރަޕްޝަނުގެ އެންމެ ނުރައްކާތެރި އެއް ބާވަތަކީ ރިޝްވަތު ކަމަށެވެ. ރިޝްވަތަކީ ހައްގުނޫން އެއްޗެއް ހޯދުމަށް ނުވަތަ ބާތިލުކަމެއް ހައްގު ކަމަށް ހެދުމަށް ދެވޭ ކޮންމެ އެއްޗެއް ކަމަށްވާއިރު، އެއީ ލައުނަތް ލެއްވިގެންވާ ބޮޑު ފާފައެއްކަން މިއަދުގެ ހަކުރު ނަމާދުގައި ވަނީ ހަނދާންކޮށްދީފައެވެ.

ޚުތުބާގައި ބުނީ، ކޮރަޕްޝަނުގެ އަމަލުތައް މިހާރު މުޖުތަމައުގައި ފެތުރިފައިވާ މިންވަރު ބޮޑުކަމުން އެއީ ކަން އޮންނަންވީ ގޮތް ކަމަށް ބައެއް މީހުންނަށް ހީވެފައިވާ ކަމަށެވެ. ނަމަވެސް އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި، ކިތަންމެ ކުޑަ ނަމަވެސް ޒިންމާއެއް ނުވަތަ މަސްއޫލިއްޔަތެއް ހަވާލުވެފައިވާ މީހުން، ނަހަމަ މަންފާއާ ދުރުހެލިވުމަށާއި ޒިންމާދާރުކަމާއެކު ހައްގުތައް އަދާކުރުމަށް ޚުތުބާގައި ގޮވާލިއެވެ.

"ކޮރަޕްޝަނުގެ ސަބަބުން އިޖުތިމާއީ އަދުލުވެރިކަން ނެތިވެ، ފަގީރުކަން އިތުރުވެ، އިގުތިސާދުގެ ތަނބުތައް ފުނޑުފުނޑުވެއެވެ. ކޮރަޕްޝަނާއި ރިޝްވަތަކީ، ނާއިންސާފާއި ބިރުވެރިކަން އާންމުވެ، ތަރައްގީއަށް ހުރަސްއެޅޭ ކަމެކެވެ." ޚުތުބާގައި ކިޔައިދިނެވެ.

ހުކުރު ޚުތުބާ ނިންމާލަމުން ގޮވާލައިފައިވަނީ، ޙަޔާތަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނައުމަށް އެދޭ މީހާ، މާތް ﷲ ހަރާމްކުރައްވައިފައިވާ އެންމެހާ ކަމަކުން ދުރުހެލިވުމަށެވެ. އަދި ތަގުވާވެރިވެ، ހެޔޮ އަމަލުކުރުން މަތީ ދެމިހުރުމަށެވެ.

މީގެ އިތުރުން، ދުނިޔެވީ ޙަޔާތުގެ ބާއްޖަވެރިކަމާއި އާޚިރަތުގެ ފަލާހަށް އެދޭނަމަ، ކޮރަޕްޝަނާއި ރިޝްވަތުގެ ނޭއްގާނީ އަމަލުތަކާ ދުރުހެލިވާން ޚުތުބާގައި އިލްތިމާސްކޮށްފައިވެއެވެ.

comment ކޮމެންޓް