އޮރިޔާން ކާޑު ހުރި ކަމަށް ބުނެ, ބިރުދައްކައިގެން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއްގައި މިދިޔަ އަހަރު ހައްޔަރު ކުރި މީހާ، ހައިކޯޓުންވެސް ސަލާމަތްވެއްޖެއެވެ.
ފުލުހުން މިދިޔަ އަހަރު އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު، ބްލެކްމެއިލް ކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ސ. ފޭދޫ، ލިލީގަސްދޮށުގެ، މުހައްމަދު ފަވާޒް ލުތުފީއެވެ.
ރެކޯޑްތައް ދައްކާ ގޮތުން، އޮރިޔާންކާޑު ހުރިކަމަށް ބުނެ ދިވެހި ފިރިހެނަކަށް ބިރުދައްކައި ބްލެކްމެއިލްކޮށް އެ މީހާގެ އަތުން އެކި ދުވަސްމަތިން ތިންލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅީ ޑިސެމްބަރު 19، 2024 ގަ އެވެ.
މި މައްސަލައިގައި ދައުލަތުން މުޙައްމަދު ފަވާޒު ލުޠުފީގެ މައްޗަށް ބްލެކްމެއިލްކުރުމުގެ ދައުވާ އުފުލިއެވެ. އެކަމަކު މިދިޔަ އޭޕްރީލް މަހު، އެ މައްސަލައިގެ އިބްތިދާއީ މަރުޙަލާގައި، މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށކްރިމިނަލް ކޯޓުން ނިންމިއެވެ.
ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ހުކުމް ކުރީ މިއަދުއެވެ.
މި މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި ރައުޔު ތަފާތުވެފައިވާއިރު، މެޖޯރިޓީ ފަނޑިޔާރުން ނިންމީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެއީ، އިސްފަނޑިޔާރު އަބްދުﷲ ޖަމީލް އަދި އިސްމާއިލް ޝަފީއުއެވެ. ރައުޔު ތަފާތުވި ފާތިމަތު ފަރުހީޒާގެ ސްޓޭންޑަކީ ދަށު ކޯޓުގެ ނިންމުން ބާތިލު ކުރުމެވެ.