ހިމަބިއްސާއި، ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވާތީ ހޮސްޕިޓަލަށްދާއިރު މާސްކު އަޅަން އޭޑީކޭއިން އެދިއްޖެ

މެއި 14، 2020: އޭޑީކޭ ހޮސްޕީޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދުގައި ހިމަބިއްސާއި ނޭވާލާ ނިޒާމުގެ ބަލިތައް ފެތުރޭ މިންވަރު އިތުރުވަމުންދާތީ، އާންމު ސިއްހަތަށް ސަމާލުކަން ދިނުމުގެ ގޮތުން ހޮސްޕިޓަލަށް ޒިޔާރަތްކުރާއިރު މާސްކު އެޅުމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު އިލްތިމާސްކޮށްފިއެވެ.

މިއީ ބަލިމަޑަކަމުން އެހެން މީހުންނާއި ތިމާގެ އަމިއްލަ ނަފްސު ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

https://sun.mv/224084

ހުން އައުމާއެކު ހަށިގަނޑުން ބިހި ނެގުން ފަދަ ހިމަބިހީގެ އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލަށް ވަޑައިގަތުމުގެ ކުރިން ފޯނުން ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް އޭޑީކޭއިން ވަނީ އިރުޝާދު ދީފައެވެ. އެގޮތުން އެފަދަ އަލާމާތެއް ފެނިއްޖެނަމަ 1440 ނަމްބަރަށް ނުވަތަ އެ ހޮސްޕިޓަލުގެ ހޮޓްލައިން ނަމްބަރު 7671440 އަށް ގުޅުމަށް ވަނީ އެދިފައެވެ.

މިއީ ހޮސްޕިޓަލުގައި ތިބޭ އެހެން ބަލިމީހުންނަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި އެޅޭ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ފެތުރެމުންދާ ހިމަބިހި (މީސަލްސް) ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 66 އަށް އަރާފައެވެ. މީގެ ތެރެއިން 13 ކޭސް އަކީ އެކްޓިވް ކޭސްތަކެވެ.

ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ ދިވެހިން ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. އަދި ބަލި ޖެހުނު މީހުންނާ ބައްދަލުވި 258 މީހަކު މިހާރު ވަނީ ދެނެގަނެވިފައެވެ.

https://sun.mv/224049

ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން، ބަލި ޖެހުނު މީހުންނާ ދިމާވި މީހުންގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ 2,048 މީހަކަށާއި، ފްރަންޓްލައިންގައި މަސައްކަތްކުރާ 1,118 ސިއްހީ ޚިދުމަތްތެރިއަކަށް ވަނީ ވެކްސިން ދީފައެވެ. މީގެ އިތުރުން، އިންޑިއާ ސަރުކާރުން ވަނީ 20,000 ޑޯޒްގެ ހިމަބިހި ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ހިމަބިއްސަކީ "މީސްލްސް ވައިރަސް" ގެ ސަބަބުން ޖެހޭ، ކެއްސާ ކިނބިހިއެޅުމުގެ ތެރޭގައި ވަރަށް ހަލުވިކޮށް ފެތުރޭ ބައްޔެކެވެ.

comment ކޮމެންޓް