އިންޑިއާ ސަރުކާރުން ދިން ހަރުކަށި އިންޒާރަކާ ގުޅިގެން، ވަޓްސްއެޕުން ތައާރަފުކުރަން ތައްޔާރުވަމުންދިޔަ "ޔޫޒަނޭމް" ފީޗާ ކުރިއަށް ނުގެންގޮސް، އެ މަސައްކަތް އެޕްލިކޭޝަންގެ މައި ކުންފުނިން މަޑުޖައްސާލައިފިއެވެ.
ފޯނު ނަންބަރު ހިއްސާނުކޮށް މުއާމަލާތް ކުރެވޭ ގޮތަށް މެޓާ އިން ފަރުމާކުރި މި ފީޗާގެ ސަބަބުން، އޮންލައިންކޮށް މަކަރާއި ހީލަތް ހެދުމާއި، ފިޝިންގެ އިތުރުން ޑިޖިޓަލް އެރެސްޓް ފަދަ ބޮޑެތި ސްކޭމްތައް އިތުރުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން ނެރުނު ނޯޓިހެއްގައި ބުނެފައިވެއެވެ.
އަދި ސަރުކާރާއެކު މިކަމުގައި ރަސްމީ މަޝްވަރާތަކެއް ކުރެވި ނިމެންދެން މި ފީޗާ ލޯންޗުނުކުރުމަށް އެ ގައުމުން ވަނީ ވަޓްސްއެޕަށް ވަރުގަދައަށް އަންގައިފައެވެ.
މި މައްސަލައާ ގުޅިގެން ވަޓްސްއެޕް ހިންގާ މެޓާ ޕްލެޓްފޯމްސްއިން ބުނެފައިވަނީ، މި ފީޗާ އަދި އާންމުންނަށް ދޫކޮށްނުލާ ކަމަށާއި، މީގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް ގިނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.
އެގޮތުން، މަޝްހޫރު ފަރާތްތަކާއި ސަރުކާރުގެ ރަސްމީ އިދާރާތަކަށް ހާއްސަ ޔޫޒަނޭމްތައް ރިޒާވްކޮށްފައި ބެހެއްޓުމާއި، އޮޅުވާލައިގެން އެހެން މީހުންގެ ނަމުގައި ހަދާ އެކައުންޓްތައް ދެނެގަންނާނެ ހާއްސަ ނިޒާމެއް ގާއިމުކުރާނެ ކަމަށް ވަޓްސްއެޕުން ހާމަކުރެއެވެ.
މީގެއިތުރުން، އާ އެކައުންޓެއް ހެދުމަށް އަދިވެސް ފޯނު ނަންބަރެއް ބޭނުންވާނެ ކަމަށާއި، މި ފީޗާގެ ސަބަބުން ކޮންޓެކްޓްތަކާ ގުޅުމުގައި އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
އިންޑިއާއަކީ 850 މިލިއަނަށް ވުރެ ގިނަ ޔޫޒަރުންނާއެކު ވަޓްސްއެޕްގެ ދުނިޔޭގެ އެންމެ ބޮޑު މާކެޓަށް ވާއިރު، އެ ގައުމުން ދަނީ ބައިނަލްއަގުވާމީ ބޮޑެތި ޓެކް ކުންފުނިތައް ރެގިއުލޭޓްކޮށް ބެލެހެއްޓުން ވަރުގަދަކުރަމުންނެވެ.
ސަރުކާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު , 2024 ވަނަ އަހަރު އެކަނިވެސް އިންޑިއާގައި 102،000 އަށްވުރެ ގިނަ ސައިބާ ކްރައިމް މައްސަލަ ރަޖިސްޓްރީކޮށްފައިވެއެވެ. އޭގެ ތެރެއިން ހަތަރުބައިކުޅަ ތިންބަޔަކީ އޮންލައިން ފްރޯޑް ނުވަތަ މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކެވެ.
އަނެއްކޮޅުން، އިންޑިއާ ސަރުކާރުގެ މި ނިންމުމަށް ފާޑުކިޔުންތައްވެސް ވަނީ އަމާޒުވެފައެވެ. އެގޮތުން އިންޓަނެޓް ފްރީޑަމް ފައުންޑޭޝަނުން ބުނެފައިވަނީ، ޔޫޒަނޭމް ފީޗާ މަޑުޖައްސާލަން ސަރުކާރުން އެންގި އެންގުމުގައި ގާނޫނީ ގޮތުން ސާފު އެއްވެސް އަސާސެއް ނެތް ކަމަށެވެ.