ފައިސާ ނެތުމުން، ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވާ އދ.ގެ އިދާރާ ރޫޅެނީ

އުންރުވާ އިން އިންސާނީ އެހީ ފޯރުކޮށްދެނީ

އދ. މަޖިލިސް (02 ޖުލައި 2026): ފަލަސްތީނުގެ ބިމުގައި އިސްރާއީލެވެކިޔާ ނުރައްކާތެރި ޔަހޫދީ ޒަޔަނިސްޓް އެންޓިޓީ އެއް އުފެއްދުމުގެ ސަބަބުން ގެދޮރާއި ބިން ގެއްލި ރެފިއުޖީންނަށް ވެފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އަދި އިޖުތިމާއީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރާ އދ. ގެ އުންރުވާ އިދާރާއަށް ބޭނުންވާ ފައިސާ ނުލިބުމުގެ ސަބަބުން އެ އިދާރާގެ މަސައްކަތް ހުއްޓާލަން ޖެހޭ ހިސާބަށް ކަންތައް ހިނގައްޖެއެވެ.

މިކަން ހާމަކުރައްވާފައިވަނީ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެޝްއެވެ. މިކަމާ ހިތާމަ ފުޅުކުރައްވާކަމަށް ވިދާޅުވެ ދުނިޔޭގެ ގައުމުތަކަށް ގުޓަރެޝް ގޮވާލެއްވީ "އުންރުވާ" ހުއްޓި ފަލަސްތީނުގެ އެތަށް މިލިޔަން ރެފިއުޖީން ހާލުގައި ޖެހިގެން މަރުވާން ދޫކޮށް ނުލުމަށެވެ. އުންރުވާ އަކީ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންްޑް ވޯކާސް އެޖެންސީ ފޯ ޕަލެސްޓިނިއަން ރެފިއުޖީސް އެވެ.

"ޣައްޒާއާއި އެނޫންވެސް ތަންތަނުގައި ފަލަސްތީނުގެ ރެފިއުޖީން ވަރަށް ހާލުގައި ދިރިއުޅެމުންދަނީ ބަނޑުހައި ހޫނުކަމުގައި އަދި ތައުލީމާއި ސިއްހަތާއި ހިޔާވަހިކަން ބޭނުންވާ މިންވަރާ ގާތަށްވެސް ނުލިބި ވަރަށް ބިކަ ހާލުގައި" ގުޓަރެޝް ވިދާޅުވިއެވެ. މިކަން ހަނދާންކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ޓަކައި އެންމެ މަދުވެގެން 100 މިލިޔަން ޑޮލަރުގެ މިންވަރެއް އުންރުވާއަށް ފޯރުކޮށްދިނުމަށް ގުޓަރެޝް ދުނިޔޭގެ ގައުތަކަށް އިލްތިމާސް ކުރެއްވިއެވެ.

އުންރުވާގެ ސްކޫލެއްގައި ކިޔަވާ ޣައްޒާގެ ކުދިންތަކެއް އިސްރާއީލު މިހާރުވަނީ މި ސްކޫލަށް ބޮންއަޅައި އެތަން ހަލާކުކޮށްލައި ކިޔަވާ ކުދިންގެ ގިނަ ބަޔަކު ޝަހީދުކޮށްލާފައި

އެމެރިކާއިން މިފަހަކަށް މަސައްކަތް ކުރަމުން ގެންދަނީ "އުންރުވާ" ރޫޅާލައި ނެތިކޮށްލުމަށެެވެ. މިކަން އެނގެނީ އެމެރިކާގެ އަމަލުތަކާއި އެމެރިކާގެ މަސްއޫލުވެރިންގެ ބަޔާންތަކުންނެވެ، އެއީ އިސްރާއީލު އެދޭގޮތް ކަމަށްވާތީއެވެ. ޣައްޒާގައި އިސްރާއީލު ހިންގި ނަސްލު ނައްތާލުމުގެ ޖަރީމާތަކުގައި އުންރުވާގެ މުވައްޒަފުންގެ ތެރެއިން 200 އަށް ވުރެގިނަ މީހުން ވަނީ މަރާލާފައެވެ. ޣައްޒާގައިވާ "އުންރުވާ" ގުދަންތަކަށްވެސް ބޮންއަޅައި އިސްރާއީލުވަނީ އެތަންތަން ހަލާކުކޮށްލާފައެވެ.

އެމެރިކާއާއި އިސްރާއީލުން "އުންރުވާ" ރޫޅާލަން މަސައްކަތްކުރާތާ އެތަށް އަހަރެއް ވެއްޖެއެވެ. މިކަން ނުވެއޮތީ އދ. ގެ މުއައްސަސާއެއް ރޫޅާލުމަކީ އދ. ގެ ސަލާމަތީ މަޖިލީހުންނާއި ޖެނެރަލް އެސެމްބްލީގެ އަޣްލަބިއްޔަތުން ފާސްކޮށްގެން މެނުވީ އެކަން ނުކުރެވޭނެތީއެވެ. މީގެބަދަލުގައި އެމެރިކާއާއި އިސްރާއީލު ކުރިޔަށް ގެންދަނީ މާލީގޮތުން "އުންރުވާ" އިނދަޖައްސާލައި އެޖަމާއަތަށް ނިސްބަތްވާ މުވައްޒަފުން މެރުމުގެ މަސައްކަތެވެ.

ފަލަސްތީނުގައި 6 މިލިޔަނަށް ވުރެ ގިނަ ރެފިއުޖީން ތިބިއިރު މީގެތެރޭގައި ސޫރިޔާ ލުބްނާން އަދި އުރުދުންގައި އުންރުވާއިން ބިނާކޮށްދީފައިވާ ރެފިއުޖީ އަވަށް ތަކުގައި ދިރިއުޅޭ މީހުންނާއި ހުޅަނގު އައްސޭރިއާއި ޣައްޒާގައި ދިރިއުޅޭ ރެފިއުޖީން ހިމެނެއެވެ. ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީ އާއި ސިއްހީ އެހީ ފޯރުކޮށްދިނުމުގެ އިތރުން "އުންރުވާ" އިން ގެންދަނީ އެމީހުންނަށް އަސާސީ ސިއްހީ ޚިދުމަތްތަކާއި ސްކޫލް ތައުލީމް ފޯރުކޮށްދިނުމާއި އަދި ހިޔާވަހިކަންވެސް ފޯރުކޮށްދެމުންނެވެ. އިސްރާއީލާއި އެމެރިކާގެ ބޭނުމަކީ މިކަންކަން ހުއްޓުވުމެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި، އިސްރާއީލުގެ އަނިޔާވެރި އަމަލުތަކާއި މާލީ ދަތިތަކުގެ ސަބަބުން، އުންރުވާގެ މަސައްކަތްތައް ގާތްގަނޑަކަށް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ނަތީޖާއަކީ ފަލަސްތީނުގެ ރެފިއުޖީން ބަނޑަށް މަރުވަމުންދިޔުމާއި ކާޑުބައްޔާއި އެނޫން ބަލިތަކުގެ ޝިކާރައަކަށް ވުމެވެ.

ބައެއް ފަރާތްތަކުންވަނީ އިސްލާމީ ގައުމުތަކުން "އުންރުވާ" އަށް މިފަހަކަށް އައިސް މާލީގޮތުން އެހީނުވަނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ. އިސްލާމީ ގައުމުތަކުން ކޮންމެވެސް ވަރަކަށް އުންރުވާއަށް އެހީވެއެވެ. ނަމަވެސް މައްސަލައަކީ އުންރުވާއަށް ކޮންމެހެން ބޭނުންވާ މިންވަރަށް މާލީ އެހީ ނުލިބުމެވެ.

ޣައްޒާގައި އިސްރާއީލު ހިންގި ނަސްލު ނައްތާލުމުގެ ގަތުލުއާންމުތަކުގެ ސަބަބުން ޣައްޒާގައިވެސް އިތުރު ދެމިލިޔަން މީހުން ރެފިއުޖީންނަށް ވެފައިވާތީ ކުރިން ދޭވަރަށް ކުޑަ އެހީއެއް ދީގެން އުންރުވާ ހިންގެން ނެތްކަމަށް އދ. ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު