މަޝްހޫރު ފޮޓޯ އެޖެންސީ ގެޓީ އިމޭޖަސްއާއި ޝަޓާސްޓޮކް އެއްކޮށްލަން ހެދި 3.7 ބިލިއަން ޑޮލަރުގެ އެއްބަސްވުން، އިނގިރޭސިވިލާތުގެ ރެގިއުލޭޓަރުން ކުރިމަތިކުރި ހަރުކަށި ޝަރުޠުތަކާ ހުރެ ބާތިލުކޮށްފިއެވެ.
މިއީ މި ދެ ކުންފުނި އެއްކޮށްލައިގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ސަބަބުން މާކެޓަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ފެށި މަސައްކަތެކެވެ.
މި އެއްބަސްވުމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން އެއްވެސް ޝަރުޠަކާ ނުލައި ހުއްދަ ދީފައި އޮތް ނަމަވެސް، އިނގިރޭސިވިލާތުގެ ކޮމްޕެޓިޝަން އެންޑް މާކެޓްސް އޮތޯރިޓީ (ސީއެމްއޭ) އިން ވަނީ މި އަހަރުގެ މޭ މަހު މިކަމަށް ހުރަސް އަޅާފައެވެ.
ސީއެމްއޭއިން ބުނެފައިވަނީ މި ދެ ކުންފުނި އެއްކޮލުމުގެ އެއްބަސްވުން ކުރިއަށް ގެންދެވޭނީ ޝަޓާސްޓޮކްގެ ދަށުން ހިންގާ ސެލެބްރިޓީ އަދި ނިއުސް ފޮޓޯ އެޖެންސީތައް ހިމެނޭ ގްލޯބަލް އެޑިޓޯރިއަލް ބިޒްނަސް ވިއްކާލުމުން ކަމަށެވެ. އެ އިދާރާއިން ދެކޭގޮތުގައި މި ދެ ކުންފުނި އެއްވުމުން އިނގިރޭސި މީޑިއާތަކަށް އޮންނަ އިޚްތިޔާރުތައް މަދުވެ، ފޮޓޯގެ އަގުތައް އުފުލޭނެއެވެ.
ޔޫކޭ ރެގިއުލޭޓަރުންގެ މި ނިންމުމާ ގުޅިގެން ގެޓީ އިމޭޖަސްގެ ބޯޑުން ވަނީ ޝަޓާސްޓޮކްގެ އެޑިޓޯރިއަލް ބިޒްނަސް ވިއްކާލުމުގެ މަރުޙަލާ ކުރިއަށް ނުގެންދިއުމަށާއި، މި އެއްބަސްވުން އެއްކޮށް އުވާލުމަށް އިއްތިފާޤުން ފާސްކޮށްފައެވެ. މިއާއެކު، އަންނަ ޖުލައި މަހުގެ ހަތެއްގެ ކުރިން ބޮޑު ބަދަލެއް ނާންނަ ނަމަ މި ބޮޑު ވިޔަފާރީގެ މުޢާމަލާތް އެއްކޮށް ނިމުމަކަށް އަންނާނެއެވެ.
ގެޓީ އިމޭޖަސްއަކީ 1995 ވަނަ އަހަރު އުފެދުނު، ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަދި އެންމެ ބޮޑު އެޑިޓޯރިއަލް އަދި ކޯޕަރޭޓް ފޮޓޯގްރަފީ އެޖެންސީއެވެ. މި ކުންފުންޏަކީ މައިގަނޑު ގޮތެއްގައި ބައިނަލްއަޤްވާމީ ބޮޑެތި ޚަބަރުތަކާއި، ކުޅިވަރުގެ މުބާރާތްތަކާއި، މުނިފޫހިފިލުވުމުގެ ދާއިރާގެ އެންމެ ފަހުގެ ހައި-ކުއަލިޓީ ފޮޓޯތަކާއި ވީޑިއޯތައް މީޑިއާތަކަށް ފޯރުކޮށްދިނުމުގައި ލީޑްކުރާ ކުންފުންޏެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ނޫސްވެރިންނާއި ފޮޓޯގްރާފަރުންގެ ބޮޑު ނެޓްވޯކަކާއެކު، ގެޓީ އިމޭޖަސްއިން ދަނީ ބައިނަލްއަޤްވާމީ މީޑިއާ އިންޑަސްޓްރީގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުންނެވެ.
ޝަޓާސްޓޮކްއަކީ 2003 ވަނަ އަހަރު އުފެދުނު، ޑިޖިޓަލް ކޮންޓެންޓް (ސްޓޮކް ފޮޓޯ، ވީޑިއޯ، އަދި މިއުޒިކް) ލައިސަންސް ކުރުމުގައި ދުނިޔޭގެ އެންމެ މަގުބޫލު އެއް މާކެޓްޕްލޭހެވެ. މި ކުންފުނި ޚާއްޞަވަނީ ވެބްސައިޓްތައް ފަރުމާކުރާ ފަރާތްތަކާއި، މާކެޓިންގް އެޖެންސީތަކާއި، އާންމު ވިޔަފާރިތަކަށް ބޭނުންވާނެ "ސްޓޮކް" މީޑިއާ ފަސޭހަކަމާއެކު ސަބްސްކްރިޕްޝަން އުޞޫލުން ފޯރުކޮށްދިނުމަށެވެ.
ފަހަކަށް އައިސް ޝަޓާސްޓޮކްއިން ވަނީ އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ފޮޓޯ އުފެއްދުމުގެ ދާއިރާއަށްވެސް ވަރަށް ބޮޑަށް އިންވެސްޓްކޮށް، މާކެޓްގައި ފައިތިލަ ވަރުގަދަކޮށްފައެވެ.