ސިއްހީ ޚިދުމަތް ދިނުމުގައި ދިމާވާ ހާދިސާތައް ތަހުގީގުކޮށް ނިމުމުގެ ކުރިން، ބޭސްފަރުވާ ދިނުމުގައި އިހުމާލުވާ ކަމަށް ތުހުމަތުކޮށް މީސްމީޑިއާގައި ސިއްހީ ޚިދުމަތްތެރިންނަށް ފުރައްސާރަކުރާ ކުރުން އިތުރުވެފައިވާ ކަމަށް ބުނެ، ސިއްހީ މަސައްކަތްތެރިންގެ ޔޫނިއަން (އެމްއެޗްޕީޔޫ)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިއަދު ނެރުނު ބަޔާނެއްގައި އެމްއެޗްޕީޔޫގެ ފަރާތުން ބުނީ، ރާއްޖޭގެ ގިނަ ހޮސްޕިޓަލުތަކުގައި ސިއްހީ ޚިދުމަތްތެރިން މަސައްކަތްކުރަނީ ދަތި މާހައުލުތަކެއްގައި ކަމަށެވެ.
އެގޮތުން ބަލިމީހުންނަށް ޚިދުމަތްދޭ ސިއްހީ ޚިދުމަތްތެރިންގެ އަދަދު މަދުވުމާއި ފަރުވާދިނުމަށް ބޭނުންކުރާ އެކި ވަސީލަތްތައް ނެތުމާއި ހޮސްޕިޓަލުތައް ހިންގުމާއި ފަރުވާއާ ގުޅޭ ނިންމުންތައް ނިންމުމުގައި ސިޔާސީ ނުފޫޒު އޮތުމަކީ ސިއްހީ ޚިދުމަތްތެރިންނަށް ދިމާވާ ބައެއް ދަތިތައްކަން އެ ޔޫނިއަނުން ފާހަގަކުރިއެވެ.
ބޭސްފަރުވާ ދިނުމުގެ ތެރެއިން ހިނގާ ހިތާމަވެރި ހާދިސާތަކުގެ ހަގީގަތް ހޯދުމަކީ ބަލިމީހުންނަށާއި އެ މީހުންގެ އާއިލާތަކަށް އޮތް ހައްގެއް ކަމަށް، އެމްއެޗްޕީޔޫއިން ބުންޏެވެ.
"...ވަކި ފަރާތަކަށް ނުޖެހޭ މިނިވަން ތަހުގީގެއްކޮށް ނިމުމުގެ ކުރިން އެއްވެސް ސިއްހީ ޚިދުމަތްތެރިޔަކަށް މީސްމީޑިއާގައި ނުވަތަ އެނޫންވެސް ގޮތަކަށް ފުރައްސާރަކޮށް ޒާތީގޮތުން ހަމަލާދީ، ކުރިމަތިކުރުވާ ބިރުދެއްކުމުގެ އަމަލުތަކަކީ ތަހުޒީބީ މުޖުތަމައަކުން ފެނިގެން ނުވާނެ ކަންކަން ކަމުގައި މި ޔޫނިއަނުން ދެކެމެވެ،" އެ ބަޔާނުގައި ވެއެވެ.
ވަކިން ޚާއްސަކޮށް، ރާއްޖެ ފަދަ ކުޑަ މުޖުތަމައެއްގައި އެގޮތަށް ފުރައްސާރަކުރެވޭ ސިއްހީ ޚިދުމަތްތެރިންގެ އިތުރުން، އެ މީހުންގެ އާއިލާތަކާއި އެކުވެރިންނަށް ފުރައްސާރައާއި ކުރިމަތިލާންޖެހި، މުޅި މުޖުތަމައު ހަލަބޮލިކަމުގެ ތެރެއަށް ވެއްޓޭކަމަށް، އެ ބަޔާނުގައި ބުންޏެވެ.
އެމްއެޗްޕީޔޫގެ ބަޔާނުގައި އިތުރަށް ބުނީ، ސިއްހީ ޚިދުމަތް ދިނުމުގައި ހިތާމަވެރި ހާދިސާއެއް ހިނގުމުން ކަމާބެހޭ މުއައްސަސާތަކުން އެކަށީގެންވާ ވަގުތުގައި ދެ ފުށް ފެންނަ ގޮތަށް މައުލޫމާތު ހާމަނުކުރާ ކަމަށެވެ. އެއީވެސް ސިއްހީ ޚިދުމަތްތެރިންނާ މެދު އާންމުންގެ ނުރުހުން އިތުރުވެ އެކިކަހަލަ ދޮގު މައުލޫމާތު ފެތުރެން މެދުވެރިވާ ސަބަބެއްގެ ގޮތުގައި އެ ޔޫނިއަނުން ފާހަގަކުރިއެވެ.
ހަމަ އެއާއެކު، ސިއްހީ ޚިދުމަތް ދިނުމުގައި ދިމާވާ ހާދިސާތައް މިނިވަންކަމާއެކު ތަހުގީގުކޮށް، ސިއްހީ ޚިދުމަތްތެރިންގެ ކަރާމާތާއި ރައްކައުތެރިކަން ކަށަވަރުކުރުމަކީ ހެލްތު މިނިސްޓްރީއާއި ކަމާބެހޭ އިދާރާތަކާއި މުއައްސަސާތަކުގެ ޒިންމާއެއްކަންވެސް އެމްއެޗްޕީޔޫއިން ފާހަގަކުރިއެވެ.
އެހެންކަމުން، ބަލި މީހުންނާއި ސިއްހީ ޚިދުމަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށާއި ގައުމުގެ ސިއްހީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށްޓަކައި، ސިއްހީ ޚިދުމަތްތެރިންނަށް ދިމާވާ ފުރައްސާރައާއި ގޯނާތަކުން އެ ފަރާތްތައް ރައްކާތެރިކުރުމަށް ހުރި ނިޒާމުތައް ހަރުދަނާކުރުމަށް އެމްއެޗްޕީޔޫއިން ވަނީ ކަމާބެހޭ އިދާރާތަކަށް ގޮވައިލައިފައެވެ.
"އަދި ކްލިނިކަލް ގޮތުން ދިމާވާ މައްސަލަތައް ޚާއްސަ އިސްކަމެއް ދީގެން މިނިވަންކަމާއެކު ބެލުމަށާއި، އަދި ރައްޔިތުންނަށް ދެފުށްފެންނަ ސައްހަ މައުލޫމާތު ވަގުތުން ފޯރުކޮށްދިނުމަށް، މިނިސްޓްރީ އޮފް ހެލްތަށާއި ސިއްހީ ޚިދުމަތްދޭ ހުރިހާ މުއައްސަސާތަކަށް މި ޔޫނިއަން އިން ގޮވާލަމެވެ،" އެ ބަޔާނުގައި ވެއެވެ.