ރޭގަނޑު ނިދަން އުނދަގޫވަނީތަ؟ އިރުގެ އަލިން މިކަމަށް ހައްލެއް ހޯދިދާނެ

އިރުގެ އަލި، ނިދީގެ ފެންވަރާއި، ހޭލައި ހުންނަ ވަގުތުތަކުގައި އަޅުގަނޑުމެންގެ އިހުސާސްތައް ހުންނަ ގޮތް ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރޭ--ފޮޓޯ/އެމްއެސްއެން

އިރުގެ އަލިން ހަށިގަނޑަށް ސިއްހީ ފައިދާތަކެއް ލިބޭކަން އެއީ އަޅުގަނޑުމެންގެތެރެއިން ވަރަށް ގިނަ ބަޔަކު ދަންނަ މައުލޫމާތެކެވެ.

ނަމަވެސް، އިރުގެ އައްޔަށް ހުށަހެޅުމުގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުތަކަކީ އޭގެ ފައިދާ ކުރިއަށް އޮތް އެތައް އަހަރަކަށް ދެމިގެންދާނެ ކަމެއްކަން އެނގެނީ ވަރަށް މަދު ބަޔަކަށެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، ގުދުރަތީ ގަދަ އައްޔަށް ހުށަހެޅުމަކީ ހަށިގަނޑުގެ އެތެރޭގެ ގަޑި (ސާކޭޑިއަން ރިދަމް) ރަނގަޅު ކުރުމަށް އެހީތެރިވެދޭ ކަމެކެވެ.

މިއީ ނިދީގެ ފެންވަރާއި، ހޭލައި ހުންނަ ވަގުތުތަކުގައި ތިމާގެ އިހުސާސްތައް ހުންނަ ގޮތް ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރާ ނިޒާމެކެވެ.

ހެނދުނު 15 އާއި 30 މިނެޓާ ދެމެދުގެ ވަގުތަކަށް އިރުގެ އައްޔަށް ނުކުމެ އުޅުމަކީ ވެސް ހަށިގަނޑުގެ ސާކޭޑިއަން ރިދަމްގެ ތަރުތީބު ހިފެހެއްޓުމަށް އެހީތެރިވެދޭ ކަމެއް--ފޮޓޯ/އެމްއެސްއެން

މިދިޔަ އަހަރު 'ބީއެމްސީ ޕަބްލިކް ހެލްތު' މަޖައްލާގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ހެނދުނުގެ ވަގުތުގައި އިރުގެ އައްޔަށް ހުށަހެޅުމަކީ ހަށިގަނޑުގެ ގުދުރަތީ އެކި ހަރަކާތްތައް ތަރުތީބުކުރުމަށް، ހާއްސަކޮށް ސާކޭޑިއަން ރިދަމްގެ ތަރުތީބު ހިފެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ.

ދުވާލުގެ އައްޔާއި ރޭގަނޑުގެ އަނދިރިކަމަށް ބިނާވެފައިވާ މި ނިޒާމުން، އަރާމު ނިދި ލިބުމަށް އެހީތެރިވެދޭ ހޯމޯންއެއް ކަމަށްވާ 'މެލަޓޯނިން' ބޭރުކުރާ މިންވަރު ކޮންޓްރޯލް ކުރެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ހާއްސަކޮށް ހެނދުނުގެ ވަގުތުގައި ގުދުރަތީ އައްޔަށް ހުށަހެޅުމަކީ އަވަހަށް ނިދުމަށާއި، ގިނަ ވަގުތު ނިދުމުގެ އިތުރުން ނިދީގެ ފެންވަރު ރަނގަޅުކުރުމާ ސީދާ ގުޅުންހުރި ކަމެކެވެ.

މީގެ އިތުރުން، ހެނދުނުގެ އަލި ލިބުމަކީ ބަނޑުފުރިފައި ހުރިކަން އަންގައިދޭ ހޯމޯން 'ލެޕްޓިން' އާއި، ބަނޑުހައިކަން އިހުސާސްކޮށްދޭ 'ގްރެލިން' އަށްވެސް ނުފޫޒު ފޯރުވާ ކަމެކެވެ. މި ދެ ހޯމޯން އަކީ ހަށިގަނޑުގެ ބަރުދަން ދުޅަހެޔޮ މިންވަރެއްގައި ހިފެހެއްޓުމަށް މުހިންމު ދެ ހޯމޯންއެވެ.

ނޯތުވެސްޓަން ޔުނިވަސިޓީގެ ދިރާސާވެރިން ހޯދި ގޮތުގައި، ހެނދުނުގެ ވަގުތު އިރުގެ އަލި ލިބޭ މީހުންގެ ބަރުދަން، ހަވީރުގެ ވަގުތުގައި ގަދަ އަލި ލިބޭ މީހުންނަށްވުރެ ކުޑަކޮށް ލުއިކަމަށް ފާހަގަކުރެވިފައިވެއެވެ.

ނިދުމުގެ ކުރިން ފޯނާއި ކޮމްޕިއުޓަރު ފަދަ ތަކެތި ބޭނުންކުރުން ހުއްޓާލުމަކީ ރޭގަނޑު ފަސޭހައިން ނިދުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/އެމްއެސްއެން

މިހާރުގެ ބުރަ ދިރިއުޅުމުގެ ސަބަބުން ގިނަ ބަޔަކަށް ހެނދުނު އިރުގެ އަލި ހޯދުމަކީ ދަތި ކަމަކަށް ވެފައިވާއިރު، މީގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ މުހިއްމު ސިއްހީ މާއްދާތައް ލިބުމަށް ހުރަހަކަށްވެއެވެ.

ނަމަވެސް މިކަން ހައްލު ކުރުމަށް ކުރެވިދާނެ ބައެއް ކަންކަމުގެތެރޭ، ކޮންމެ ދުވަހަކު ބޭރުގައި ވަގުތު ހޭދަކުރުން، ކުޑަދޮރުން ބޭރު ބަލާލުން އަދި ސްކްރީން ބޭނުންކުރުން މަދުކުރުން ހިމެނެއެވެ.

ހެނދުނު 15 އާއި 30 މިނެޓާ ދެމެދުގެ ވަގުތަކަށް އިރުގެ އައްޔަށް ނުކުމެ އުޅުމުގެ އިތުރުން، މެންދުރުފަހު ވަރުބަލިކަން އިހުސާސްވާން ފަށާ ވަގުތަކީވެސް (މެލަޓޯނިން ކުޑަކޮށް އުފެދެން ފަށާ ވަގުތު) އަލި ހޯދުމަށް ރަނގަޅު ވަގުތެކެވެ.

މާ ބުރަކޮށް އުޅޭނަމަ، ހަމައެކަނި ކުޑަދޮރުން ބޭރު ބަލާލުމަކީވެސް މިކަމަށް އެހީތެރިވެދޭނެ ކަމެކެވެ. އޮފީހުގައި މަސައްކަތް ކުރާ މޭޒު ކުޑަދޮރަކަށް ކުރިމަތިވާ ގޮތަށް ބެހެއްޓުން ނުވަތަ ކޮމްޕިއުޓަރުގެ ދެފަރާތުގައި ފަނޑު ކުލައެއްގެ އައްޔެއް ހުންނަ ބޮކި ބެހެއްޓުމަކީ ވެސް މިކަމަށް އެހީތެރިވެދޭނެ ކަމެކެވެ.

ހަމައެއާއެކު ނިދުމުގެ މަދުވެގެން ދެ ގަޑިއިރު ކުރިން ފޯނާއި ކޮމްޕިއުޓަރު ފަދަ ތަކެތި ބޭނުންކުރުން ހުއްޓާލުމަކީ ވެސް މިކަމަށް ހައްލު ހޯދުމަށް ކުރެވިދާނެ މުހިއްމު ކަމެކެވެ. ރޭގަނޑު ނިދާ ކޮޓަރީގެ ފަރުދާ ދަމައި، ފަނޑު އަލި ބޭނުން ކުރުމުގެ އިތުރުން ކޮންމެ ދުވަހަކުވެސް އެއް ގަޑިއެއްގައި ނިދުމަށް އަޅުގަނޑުމެންނަށް އާދަކުރެވިދާނެއެވެ. މިއީ ނިދުމުގެ ސިއްހީ އާދަތަކުގެ ތެރެއިން ވަރަށް މުހިންމު ކަމެކެވެ.

ގުދުރަތީ އަލި، ހާއްސަކޮށް ހެނދުނުގެ ވަގުތުގައި އިރުގެ އައްޔަށް ހަށިގަނޑު ހުށަހެޅުމަކީ ނިދީގެ ފެންވަރު ރަނގަޅުކޮށްދީ، ހަށިގަނޑުގެ އެތެރޭގެ ގަޑި ނުވަތަ ސާކޭޑިއަން ރިދަމް ތަރުތީބުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. މީގެ ސަބަބުން ނިދަން އެހީތެރިވެދޭ ހޯމޯން ކަމަށްވާ މެލަޓޯނިން ކޮންޓްރޯލްކޮށްދީ، އަވަހަށް ނިދުމަށް މަގުފަހިކޮށްދެއެވެ. އޭގެ އިތުރުން، ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރާ ލެޕްޓިން އަދި ގްރެލިން ފަދަ ހޯމޯންތަކަށްވެސް ހެޔޮ ބަދަލުތަކެއް ގެނެސްދެއެވެ. މިކަމުގެ ސަބަބުން ދުވާލުގެ ވަގުތުތަކުގައި ތިމާގެ އިހުސާސްތަކާއި ސިއްހަތު ރަނގަޅު ގޮތެއްގައި ބެހެއްޓުމަށް މަގުފަހިވެގެންދެއެވެ.

  • ކޮންމެ ދުވަހެއްގެ ހެނދުނު 15 އާއި 30 މިނެޓާ ދެމެދުގެ ވަގުތަކަށް އިރުގެ އައްޔަށް ނުކުމެ އުޅުން އާދަކުރުން.
  • ބޭރަށް ނުކުމެވެން ނެތް ހާލަތްތަކުގައި، އޮފީސް ނުވަތަ ގޭގެ ކުޑަދޮރުން ބޭރު ބަލައިލުން ނުވަތަ އަލި ލިބޭނެހެން މަސައްކަތްކުރާ މާހައުލު ބައްޓަންކުރުން.
  • ނިދުމުގެ މަދުވެގެން ދެ ގަޑިއިރު ކުރިން މޯބައިލް ފޯނާއި ކޮމްޕިއުޓަރު ފަދަ ސްކްރީންތައް ބޭނުންކުރުން ހުއްޓައިލުން.
  • ރޭގަނޑު ނިދާ ކޮޓަރީގައި ފަނޑު އަލި ބޭނުންކުރުމާއެކު، ކޮންމެ ދުވަހަކުވެސް އެއް ގަޑިއެއްގައި ނިދުމަށް ފަރިތަކުރުން.
comment ކޮމެންޓް