މޭރީ މަރާލި މައްސަލައިގައި ލަމްހާ 15 އަހަރަށް ޖަލަށް

ލަމްހާ އާއި އޭނާގެ ލޯބިވެރިޔާ މާވިން: ދެ މީހުންނަށް ވެސް ވަނީ ޖަލު ހުކުމެއް ކޮށްފައި

އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި، މޭރީގެ ފިރިމީހާ ފިލިޕީންސްގެ މާވިން އެސްވައިގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާ އަބްދުއްރަހްމާން 15 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ދަންޖެހިގެން ޚަބަރު ހުސްވެފައިވާކަމަށް ބުނެ މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހެވެ. އޭނާގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން މާވިން ހައްޔަރު ކުރީ އެ މަހުގެ 27 ވަނަ ދުވަހެވެ. އަދި ލަމްހާ ހައްޔަރު ކޮށްފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހެވެ.

އެ މައްސަލައިގައި މޭރީ މަރާލި ކަމަށް މާވިންގެ މައްޗަށް ސާބިތުވެ، އޭނާ އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.

ލަމްހާގެ މައްޗަށް ސާބިތުވީ މޭރީ މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އަދި އެހެން މީހެއްގެ މުދަލެއް ހުއްދަ ނޫން ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއަކާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް، ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާވެސް ލަމްހާގެ މައްޗަށް ސާބިތުވެފައިވެއެވެ.

މި މައްސަލައިގައި، މާވިންއެކޭ އެއްގޮތަށް ލަމްހާގެ މައްޗަށް ވެސް ދައުލަތުން އެދުނީ ގާނޫނުން ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށެވެ. އެކަމަކު ލަމްހާ އެދުނީ ލުއި އަދަބެއް ދިނުމަށެވެ. އެގޮތުން ގޭބަންދު ނުވަތަ ޖޫރިމަނާ އަދަބަކަށް ވެސް ލަމްހާގެ ފަރާތުންވަނީ އެދިފައެވެ. އެއީ، އޭނާގެ 58 އަހަރުގެ މަންމައަކީ އެކަނި ދިރިއުޅޭ މީހަކަށްވާތީ އާއި ލަމްހާއަކީ ޓިއުޝަންދީގެންނާއި ފަހައިގެން އާމްދަނީ ހޯދައި މަންމައަށް އެހީތެރިކަން ފޯރުކޮށްދެވޭނެ މީހަކަށްވާތީ ކަމަށް ބުނެއެވެ.

ދައުލަތުގެ ދައުވާގައި ބުނާ ގޮތުން މޭރީ މަރާލީ މާވިން އާއި ލަމްހާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ އުފެދުނު މައްސަލަތަކެއްގެ ތެރެއިންނެވެ.

އެހެންވެ، މިއަދު ކޯޓުން ވަނީ ލަމްހާއަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

މޭރީ މަރާލުމުގުގައި ބައިވެރިވިކަމުގެ ކުށް ލަމްހާގެ މައްޗަށް ސާބިތުވީ އޭނާއާ ދެކޮޅަށް 74 މީހުން ހިމެނޭ ގޮތަށް 100 ވުރެ ގިނަ ހެކި ދައުލަތުން ހުށަހެޅި ފަހުންނެވެ. އައިޖީއެމްއެޗްގައި ބޭނުންކުރަން ގެނެސްފައި ހުރި ބާރުގަދަ ބޭސްތަކެއް ލަމްހާގެ ކޮޓަރިން ފެނިގެންވެސް ދައުލަތުން ހެކި ހުށަހެޅިއެވެ.

https://sun.mv/223714

ލަމްހާގެ ދިފާއުގައި ލަމްހާގެ ފަރާތުން ހުށަހެޅީ 11 މީހުންނެވެ. އޭގެ ތެރޭގައި އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ އިބްރާހިމް ސަލީމާއި އެ ހޮސްޕިޓަލްގެ ޑޮކްޓަރެއް ކަމަށްވާ އަލީ ޝާން އާއި ޑެޕިއުޓީ ޑިރެކްޓާ އޮފް ފާމަސޫޓިކަލްސް އާއި މޭރީގެ ޕޯސްޓްމޯޓަމް ހެދި ބޭރުގެ ދެ ޑޮކްޓަރުންނާއި ލަމްހާ ދިރިއުޅުނު ގޭގެ ބައެއް މީހުން ހިމެނެއެވެ. އަދި ތަހުގީގަށް ލަމްހާ އުޅުނު ގެ ފާސްކުރި ދެ ފުލުހަކާއި ނޫހެއްގައި ޝާއިއުކުރި އިންޓަވިއުއަކާ ގުޅިގެން ނޫސްވެރިއަކާއި އިތުރު މީހަކު ވެސް ހިމެނެއެވެ.




އޮކްޓޯބަރު 2021 ގައި އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި، އޭނާގެ ފިރިމީހާ މާވިންގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ކުށް ވަނީ ސާބިތުވެފައެވެ. މޭރީ ދަންޖެހިގެން މަރުވީކަމަށް ބުނެ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ތަހުގީގުން ވަނީ އޭނާ މަރާލާފައިވާކަން ހޯދާފައެވެ. މި މައްސަލައިގައި މޭރީ މަރާލުމުގެ ކުށް ސާބިތުވެ މާވިން އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު، ލަމްހާގެ މައްޗަށް ސާބިތުވީ އެ ކުށުގައި ބައިވެރިވުމުގެ ދައުވާއެވެ. ދައުލަތުން ލަމްހާއާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި އޭނާގެ ކޮޓަރިން ފެނުނު ހޮސްޕިޓަލުގެ ބާރުގަދަ ބޭސްތައް ހިމެނެއެވެ.

  • މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވިކަން ސާބިތުވެ ލަމްހާ 15 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.
  • މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް މީހަކު މެރުމުގެ ކުށް ސާބިތުވެ އޭނާ ވަނީ އުމުރަށް ޖަލަށްލާފައެވެ.
  • ލަމްހާއާ ދެކޮޅަށް ދައުލަތުން 100 އަށްވުރެ ގިނަ ހެކި ހުށަހެޅިއިރު 74 މީހެއްގެ ހެކިބަސް ހިމެނެއެވެ.
  • ލަމްހާގެ ކޮޓަރިން އައިޖީއެމްއެޗްގެ ބާރުގަދަ ބޭސްތަކެއް ފެނިފައިވުން ދައުލަތުން ހެއްކެއްގެ ގޮތުގައި ބޭނުންކުރިއެވެ.
  • ލަމްހާގެ ދިފާއުގައި ހޮސްޕިޓަލުގެ އިސްވެރިންނާއި ޑޮކްޓަރުން ހިމެނޭހެން 11 މީހަކު ހުށަހެޅިއެވެ.
comment ކޮމެންޓް