ދިވެހިރާއްޖޭގެ ގުޅުން ޕލކ (ދިރާގު)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު، އިސްމާޢިލް ރަޝީދު، ދިރާގަށާއި ދިވެހިރާއްޖެއަށް ކޮށްދެއްވި ގާތްގަނޑަކަށް 40 އަހަރުގެ ޚިދުމަތާއެކު ރިޓަޔާކުރެއްވުމަށް ނިންމެވުމާއެކު، ރޭވިފައިވާ ގޮތަށް ދިރާގުގެ ހިންގުމުގެ އިސް މަގާމަށް އަންނަ ބަދަލުތައް ދިރާގުން އިއުލާންކޮށްފިއެވެ.
އިސްމާޢިލް ރިޓަޔާކުރައްވަން ނިންމުމާއި ގުޅިގެން, ސައުތު އެފްރިކާގެ ރައްޔިތެއް ކަމަށްވާ ވަލްޑެމާރ ފެރަޑާޒް ވަނީ ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑެޒިގްނޭޓްގެ ގޮތުގައި ކުންފުންޏާ ގުޅިވަޑައިގެންފައެވެ. އެ މަގާމަކީ ދިރާގުގެ މައި ހިއްސާދާރު ބިޔޯންއިން އައްޔަންކުރާ މަގާމެކެވެ. އަދި އައު ޗީފް އެގްޒެކެޓިވް އޮފިސަރު ހޯދުމުގެ މަސައްކަތް ލީޑުކުރީ ބިޔޮން އިން، ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ ރެމިއުނަރޭޝަން، ނޮމިނޭޝަން އެންޑް ގަވަނަންސް ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.
ދިރާގު 1988 ވަނަ އަހަރު އުފެދުނުއިރު އޮތް ޓީމުގައި އިސްމާޢިލް ހިމެނިވަޑައިގަންނަވައެވެ. ޓެލެކޮމިއުނިކޭޝަންސް ދާއިރާގައި އިސްމާޢިލްގެ ކެރިއަރު ފެއްޓެވީ ކޭބަލް އެންޑް ވަޔަލެސްގައެވެ. އިސްމާޢީލްގެ ފަޚުރުވެރި އަދި ކުލަގަދަ ކެރިއަރުގައި އެ ބޭފުޅާވަނީ ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ކަނެކްޓިވިޓީގެ ތަރައްގީއާ ގުޅޭ މުހިންމު ގިނަ މަސައްކަތްތައް ކުރައްވާފައެވެ. މިގޮތުން، ދިވެހިރާއްޖޭގެ ކޮމިއުނިކޭޝަންސް އުދަރެސް ބަދަލުކުރަނިވި މަޝްރޫއުތައް ލީޑުކުރެއްވުމާއި، މިއަދުގެ ޑިޖިޓަލް އިގްތިޞާދުގެ ބިންގާ އެޅުއްވުމަށް އިސްމާޢީލް މުހިންމު ދައުރެއް އަދާކުރެއްވިއެވެ.
އިސްމާޢީލްގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއް ގުޅުވާލަދިން ނެޓްވޯކް ރޯލްއައުޓް ޕްރޮގްރާމް ލީޑުކޮށް އެ މަޝްރޫއު ކާމިޔާބުކަމާއެކު ހާސިލުކުރެއްވުމާއި، ރާއްޖޭގައި ޖީ.އެސް.އެމް މޯބައިލް ޚިދުމަތް ތައާރަފުކުރުން ހިމެނެއެވެ. އަދި 2006 ވަނަ އަހަރު ދިރާގު-އެސް.އެލް.ޓީ ސަބްމެރީން ކޭބަލް ސިސްޓަމް އެޅުމާއި، ރާއްޖޭގެ އުތުރާއި ދެކުނުގައި ޑޮމެސްޓިކް ސަބްމެރީން ކޭބަލް ގާއިމްކޮށް، އެ ނެޓްވޯކް ތަރައްގީކޮށް ދިރާގުގެ މިއަދުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާގެ މައިބަދަ ގާއިމުކުރުމުގައި އޭނާ އިސް ރޯލެއް އަދާކުރެއްވިއެވެ.
މީގެ އިތުރުން، 2011 ވަނަ އަހަރު ލިސްޓުކުރުމަށް ދިރާގުން ކުރިއަށް ގެންދިޔަ އައިޕީއޯގައި ރާއްޖޭގައިއާއި ބައިނަލްއަގްވާމީ ފެންވަރުގައި އިދާރީ އަދި ރީޓެއިލް އިންވެސްޓަރުންނަށް މި އޮފަރިން މާކެޓްކޮށް، މެނޭޖްކުރެއްވުން ހިމެނެއެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި އިސްމާޢީލް އައްޔަންވުމަށްފަހު ދިރާގަށް ބޮޑެތި ކުރިއެރުންތަކާއި ބަދަލުތަކެއް ގެނެސްދެއްވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 100 އިންސައްތަ ފައިބަރ-ޓު-ދަ-ހޯމް (އެފްޓީޓީއެޗް) ކަވަރެޖް ވަނީ ކާމިޔާބުކަމާއެކު ފޯރުކޮށްދީފައެވެ.

ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑެޒިގްނޭޓް ވަލްޑެމާރ ފެރަޑާޒް -- ފޮޓޯ/ ދިރާގު
ވަލްޑޭ، ދިރާގާ ގުޅެނީ 30 އަހަރަށްވުރެ ގިނަ ދުވަހުގެ ބައިނަލްއަގްވާމީ ޓެލެކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ސާވިސަސް ލީޑަޝިޕް ތަޖުރިބާއާއެކުގައެވެ. ވަލްޑޭގެ ލީޑަޝިޕް ތަޖުރިބާ އެފްރިކާ، ޔޫރަޕް، އޭޝިއާ އަދި ކެރީބިއަންގެ ޓެލެކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ސާވިސަސް ދާއިރާތަކާ ގުޅިފައިވެއެވެ. އޭނާގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި ދެކުނު އެފްރިކާގެ ފުރަތަމަ މޯބައިލް ނެޓްވޯކް ތައާރަފުކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވުން ހިމެނެއެވެ.
މީގެ އިތުރުން، އެމްވީއެންއެކްސް، ޑިޖިސެލް، ސެލް ސީ، ޓެލްކޮމް މޯބައިލް އަދި ވޮޑަފޯން ފަދަ ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ކުންފުނިތަކުގެ ސީނިއާ ލީޑާޝިޕް މަގަގާމުތައް ވަލްޑޭ ވަނީ ފުރުއްވައިފައެވެ. އޭނާ ވަނީ ތަރައްގީވެފައިވާ މާކެޓުތަކާއި ކުރިއަރަމުން އަންނަ މާކެޓުތަކުގައި ޓެލެކޮމް ވިޔަފާރިތައް ބިނާކުރުމާއި، ކުރިއެރުވުމާއި، ޒަމާނީ ބަދަލުތައް ގެނައުމުގައި ނަމޫނާ ދައްކަވައި، މި ދާއިރާގައި ޝަރަފުވެރި ކެރިއަރެއް ބިނާކުރައްވައިފައެވެ.
ވަލްޑޭ ދިރާގާ ގުޅިވަޑައިގަތުމަކީ، މޯބައިލް އަދި ފިކްސްޑް ޓެލެކޮމިއުނިކޭޝަންސް، ޑިޖިޓަލް ޚިދުމަތްތައް، އެންޓަޕްރައިޒް އަދި ކޮންސިއުމާ މާކެޓްތަކުގެ އިތުރުން، ވިޔަފާރިތައް އިތުރަށް ހަރުދަނާކުރުމުގެ ފުޅާ ތަޖުރިބާ އެ ކުންފުންޏަށް ލިބޭނެ ކަމެކެވެ. އޭނާގެ ކެރިއަރުގައި އެކި ގައުމުތަކުގެ ސަރުކާރުތަކާއި، ރެގިއުލޭޓަރުންނާއި، އިންވެސްޓަރުން އަދި ސްޓްރެޓީޖިކް ބައިވެރިންނާއެކު ގާތުން މަސައްކަތްކުރައްވައި، ގައުމީ ޑިޖިޓަލް ތަރައްގީގެ މަޝްރޫއުތައް ކާމިޔާބުކަމާއެކު ކުރިއަށްގެންދަވައި، ބައިނަލްއަގްވާމީ މާކެޓުތަކުގައި ދެމެހެއްޓެނިވި ކުރިއެރުންތަކެއް ވަނީ ހޯއްދަވައިދެއްވައިފައެވެ.
ވަލްޑޭގެ އެގްޒެކެޓިވް ތަޖުރިބާގެ ބޭރުން، ގުޅިގެން މަސައްކަތްކުރުމުގެ ލީޑަޝިޕް ސްޓައިލެއް ގެންގުޅުއްވައެވެ. ވަލްޑޭގެ ލީޑަޝިޕް ބިނާވަނީ އެންމެންގެ އަޑުއަހައި، މީހުން ބާރުވެރިކުރުވައި، ކުންފުނީގެ އެތެރޭގެ ސަގާފަތް ވަރުގަދަކޮށް ދެމެހެއްޓުމަށެވެ. ވަލްޑޭ ގަބޫލުކުރައްވާ ގޮތުގައި ޓެކްނޮލޮޖީ އަބަދުވެސް ބަދަލުވަމުންދާނެއެވެ. އެހެން ނަމަވެސް، ދެމެހެއްޓެނިވި ކާމިޔާބީ އުފެދޭނީ އިތުބާރު ލިބިފައިވާ ގުޅުންތަކާއި، ކަސްޓަމާ ފޯކަސްޑް އަދި އަގުވަޒަންކުރެވޭ ބާރު ލިބިފައިވާ މީހުން އުޅޭ މާހައުލަކުން ކަމަށް އޭނާ ދެކެއެވެ.
މި އިންތިގާލީ މަރުހަލާގައި އިސްމާޢިލާއެކު ވާލްޑޭ ގާތުން މަސައްކަތް ކުރައްވާނެއެވެ. ކުންފުނީގެ ބޯޑުން ހާމަކުރައްވާފައިވާ ގޮތުގައި، މި ބަދަލުވުމުގެ މަރުހަލާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ވިޔަފާރީގެ ހިންގުމަށް އެއްވެސް މެދުކެނޑުމެއްނެތި، ކަމާބެހޭ ފަރާތްތަކުގެ އިތުބާރު ދެމެހެއްޓޭނެ، އަދި ކުންފުނީގެ ސްޓްރެޓެޖީތަކަށް ބަދަލެއް ނުގެނެސް ކުރިއަށް ގެންދެވޭނެ ގޮތަށެވެ. މީގެ އިތުރުން، ކުންފުނިން އިސްކަންދޭ ކަންތައްތަކާއި، ކުރުމަށް ކަނޑައަޅައިފައިވާ ކަންކަމާއި، ދިގު މުއްދަތުގެ މިސްރާބަށް އެއްވެސް ބަދަލެއް ނާންނާނެކަމުގެ ޔަގީންކަން ބޯޑުން ވަނީ ދެއްވައިފައެވެ.