އާ ހަތަރު ކެޓަގަރީއާ އެކު ދިރާގު ރޯޑް ރޭހުގައި ބައިވެރިވާން ފުރުސަތު ހުޅުވައިލައިފި

ދިރާގުގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.... ފޮޓޯ/ ދިރާގު

ދިރާގު "މޯލްޑިވްސް ރޯޑް ރޭސް 2026" ގައި ބައިވެރިވުމަށް ރަޖިސްޓަރކުރުމުގެ ފުރުސަތު މިއަދު އާންމުކޮށް ހުޅުވައިލައިފިއެވެ.

މި އަހަރުގެ ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި އިވެންޓުގައި ރަޖިސްޓަރ ކުރުމުގެ ފުރުސަތު 4000 ބައިވެރިންގެ ލިމިޓް ހަމަވަންދެން ހުޅުވިފައި އޮންނާނެއެވެ.

ޑީއެމްއާރްއާރްގެ ރަޖިސްޓްރޭޝަން ހުޅުވައިލައިފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިދިޔަ އަހަރު ބޭއްވި ދިރާގު ރޯޑް ރޭސްގެ ތެރެއިން --- ފޮޓޯ; ދިރާގު

މި ބައްދަލުވުމުގައި، ދިރާގާއިއެކު މި އިވެންޓް ކާމިޔާބުކޮށް ކުރިއަށްގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ޕާޓްނަރުންކަމުގައިވާ އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް ޕޮލިސް ސާވިސް، އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސް އޮފިޝަލުން ވަނީ ބައިވެރިވެފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މި އަހަރުގެ ދުވުމަށް މުޅިން އައު ހަތަރު ޓީމު ކެޓަގަރީއެއް ވަނީ ތައާރަފުކޮށްފައެވެ. އެއީ ކޯޕަރޭޓް ޓީމް، ރިޒޯޓް ޓީމް، ރަނިންގ ކްލަބްސް އަދި ކޮލެޖް/ޔުނިވަރސިޓީ ކެޓަގަރީއެވެ.

މީގެން ކޮންމެ ކެޓަގަރީއެއްގައި ވެސް ހަތަރު ދުވުންތެރިންގެ ޓީމުތަކުން ބައިވެރިވެވޭނެއެވެ. އަދި ކޮންމެ ކެޓަގަރީއަކުން ޗެމްޕިއަން ޓީމެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިން ބޭއްވި ދިރާގު ރޯޑް ރޭސްގެ މަންޒަރެއް---ފޮޓޯ: ދިރާގު

މީގެ އިތުރުން ހާފް މެރަތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރުގެ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވައިލައިފައެވެ. މި ދުވުމުގެ އެކި ވަނަތަކަށް ހޮވޭ ދުވުންތެރިންނަށް ޖުމްލަ 296,000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑައަޅައިފައެވެ.

ޝައުގުވެރިވާ ފަރާތްތަކަށް dmrr.dhiraagu.com.mv މެދުވެރިކޮށް މިހާރު ރަޖިސްޓަރ ކުރެވޭނެއެވެ.

ދިރާގު ރޯޑް ރޭސް 2025 ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެތެރެއިން: --ފޮޓޯ: ދިރާގު

"ޑީއެމްއާރްއާރް އަކީ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ ދުވުމެއް. އަޅުގަނޑުމެންގެ މަގުސަދަކީ މި އަހަރުގެ ދުވުމުގައި ވެސް ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ހިތްވަރުދީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދުވުމުގެ އާދަ އަށަގަންނުވައި، މި ކަމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުވުން. އަދި، މި އަހަރު މި ތައާރަފްކުރި ކެޓަގަރީތަކުގެ އެހީގައި، މި ދުވުމުގައި ބައިވެރިވެވޭނެ އިތުރު މަގުތައް ފަހިވެ އެކަކު އަނެކަކާ ގުޅުންބަދަހިކުރުމުގެ އިތުރު ފުރުސަތުތައް ލިބިގެންދާނެކަމަށް އުންމީދުކުރަން." ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުޙައްމަދު މިރްޝާން ހަސަން ވިދާޅުވިއެވެ.

ޑީއެމްއާރްއާރް އަކީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ދުވުމެވެ. މި ދުވުމުގެ އިވެންޓުގައި ސަރަހައްދީ ގައުމުތަކުގެ ދުވުންތެރިން ވެސް ބައިވެރިވެއެވެ.

ދިރާގު ރޯޑް ރޭސް 2025ގެ ވަނަތަކަށް އައި މީހުންނާ އިނާމުތައް ހަވާލުކުރުމުގެ ހަފުލާގެ ތެރެއިން --- ފޮޓޯ; ދިރާގު

އެހެން އަހަރުތަކާ އެއްފަދައިން، ޑީއެމްއާރްއާރް 2026 އަކީ ވެސް ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ.

މި އިވެންޓުގައި އެންޑޯޒްކޮށްފައިވާ އެންޖީއޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ 5 ޖަމިއްޔާތަކުން ރާވައިފައިވާ ޕްރޮގްރާމްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން ޖުމްލަ 200،000 ރުފިޔާގެ ފައިސާގެ އެހީތެރިކަން ދިރާގުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާ އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ވެސް ހަމަހަމަކޮށް އެންޑޯޒްކޮށްފައިވާ ޖަމިއްޔާތަކަށް ހަދިޔާ ކުރާނެއެވެ. ނިމިދިޔަ އަހަރު، ދިރާގުން ވަނީ ބައިވެރިވި ޖަމްއިއްޔާތަކަށް އެހީތެރިވުމުގެ ގޮތުން ޖުމްލަ 685,000 ރުފިޔާ ހަދިޔާކޮށްފައެވެ.

comment ކޮމެންޓް