ލަންޑަން (01 ޖުލައި 2026): އިނގިރޭސިވިލާތުގެ ދިފާއީ ބަޖެޓް ބޮޑުކުރުމަށްޓަކައި މަދަނީ އިންފްރާސްޓްރަލްޗާގެ ބައެއް މަޝްރޫއުތަކާއި ހަކަތައިގެ މަޝްރޫއުތަކަށް ކުރާ އިންވެސްޓްމަންޓްތައް އުވާލުމަށް ބޮޑުވަޒީރު ކެއިރު ސްޓާމާ ނިންމަވައިފިއެވެ.
ސްޓާމާ އާ ހަވާލާދީ ފައިނޭންޝަލް ޓައިމްސް ބުނާގޮތުން އިނގިރޭސިވިލާތުގެ ބައެއް މަގުތައް ހެދުމާއި ގިނަ މަގުތަކެއް މަރާމާތު ކުރުމަށް ކަނޑައަޅާފައިވާ ބަޖެޓާއި ނޯތްސީން ނަގާ ތެލުގެ މިންވަރު އިތުރުކުރުމަށް ކުރަންޖެހޭ އިންވެސްޓްމަންޓްތަކުގެ ބަޖެޓް، ދިފާއީ ބަޖެޓްގެ ތެރެއަށް ލައި ދިފާއީ ބަޖެތް ބޮޑުކުރުމަށް ސްޓާމާ ވަނީ ނިންމަވާފައެވެ.
އެމެރިކާއިން ޔޫރަޕް ދިފާއުކޮށްދޭނެ ކަމުގެ ގެރެންޓީ ކުޑަވުމާއި ނޭޓޯގެ އެއްބައިވަންތަކަން ބަލިކަށިވުމާއި އީރާން-އެމެރިކާގެ އަސްކަރީ ކުރިމަތިލުންތަކުގެ މިސްރާބު ދާގޮތުންނާއި ޔުކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާގެ ކުރިމަތީގައި ދިފާއީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށްޓަކައި 20 ބިލިޔަން ޑޮލަރު (15 ބިލިޔަން ސްޓާލިން ޕައުންޑް) ގެ ދިފާއީ އެޑިޝަނަލް ބަޖެޓެއް އިނގިރޭސިވިލާތަށް ކޮންމެހެންވެސް ބޭނުންވާ ކަމަށް ސްޓާމާ ވަނީ ވިދާޅުވެފައެވެ.
ވިހި ބިލިޔަން ޑޮލަރުގެ ދިފާއީ އިތުރު ބަޖެޓް ހިމެނޭ "ބްރިޓިޝް ޑިފެންސް އިންވެސްޓްމަންޓް ޕްލޭން"، ސްޓާމާ އިއްޔެވަނީ އިއުލާން ކުރައްވާފައެވެ. މި ޕްލޭން އިއުލާން ކުރައްވަމުން ސްޓާމާ ވިދާޅުވީ "ބްރިޓިޝް ޑިފެންސް އިންވެސްޓްމަންޓް ޕްލޭން" އަކީ މިދިޔަ އަހަރުން ފެށިގެން ތައްޔާރުކޮށްފައިވާ ޕްލޭނެއްކަމަށާ މިޕްލޭން ތަންފީޒުކުރުން ލަސްކުރެވެން ނެތްކަމުގައެވެ.
އިނގިރޭސި އަސްކަރީ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ އަހަރުތަކެއް ވެއްޖެކަން ބަޔާން ކުރައްވަމުން ސްޓާމާ ވިދާޅުވީ ބަޖެޓް ކުޑަކަމުން ދިފާއީ ކަންކަން ނުކުރެވުމާއި އިނގިރޭސިވިލާތަށް ކުރިމަތިވެފައިވާ ބޭރުގެ ނުރައްކާތަކާ ކުރިމަތި ނުލެވި އަހަރުތަކެއް ފާއިތުވެފައިވާ ކަމުގައެވެ. ގައުމުގެ ދިފާއަށް ޓަކައި "ބްރިޓިޝް ޑިފެންސް އިންވެސްޓްމަންޓް ޕްލޭން" އަކީ ވަގުތުން ތަންފީޒު ކުރަންޖެހޭ އެއްޗެއްކަމަށް އޭނާ ވިދާޅުވިއެވެ.
ސްޓާމާ ވަނީ މިދިޔަ ހަފްތާގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް ބޮޑުވަޒީރު ކަމުގެ މަގާމަށް އައު ބޭފުޅަކު އައްޔަން ކުރެވެންދެން މަގާމުގައި ދެމި ހުންނެވުމަށް އޭނާ ވަނީ ނިންމަވާފައެވެ. އައު ބޭފުޅަކުން ބޮޑުވަޒީރުކަމަށް އައްޔަންކުރާނީ މިޖުލައިމަހުގެ މެދެއްހާ ހިސާބު ގައި ކަމަށްވަނީ ބެލެވިފައެވެ. އެ ތާރީޚުގެ ކުރިން ބޮޑުވަޒީރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަން ސްޓާމާއަށް ކުރެއްވޭނެއެވެ.
ސްޓާމާ އިއުލާން ކުރެއްވި 20 ބިލިޔަން އެމެރިކާ ޑޮލަރުގެ "ބްރިޓިޝް ޑިފެންސް އިންވެސްޓްމަންޓް ޕްލޭން" ގައި ހިމެނޭ ކަންކަމުގެ ތެރޭގައި އިނގިރޭސިވިލާތުގައި މިހާރު ގާއިމްކޮށްފައިވާ އަސްކަރީ އިންފްރާސްޓްރަކްޗަރ މަރާމާތު ކުރުމާއި ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލް މަރުކަޒުތައް ޒަމާނީ ކުރުމާއި އެކިބާވަތުގެ މައިން ނައްތާލުމަށް ބޭނުންވާ ޑްރޯންއާއި ރޮބަޓް ފަދަ ވަސީލަތްތައް ތަރައްގީ ކުރުމާއި ވެއްޓިގަނެގެން ހަމަލާދޭ ބާވަތުގެ އަގުހެޔޮ ޑްރޯންތައް އުފެއްދުމާއި ވައިގެ ދިފާއީ ނިޒާމުތަކާއި ސަވައިލެންސް ނިޒާމުތައް ވަރުގަކޮށް ޒަމާނީ ކުރުން ހިމެނެއެވެ.
އިނގިރޭސި ދިފާއީ ރިޕޯޓެއް ބުނާގޮތުން އިސްރާއީލަށާއި ގަލްފުގައިވާ އެމެރިކާގެ ބޭސްތަކަށް ހަމަލާދިނުމަށް އީރާނުން ދުވާލެއްގެ މައްޗަށް 200 އަށް ވުރެ ގިނަ ޑްރޯން ބޭނުންކޮށްފައިވާއިރު ޔުކްރެއިނުން ރަޝިޔާއަށް ހަމަލާދިނުމަށް މަހެއްގެ ތެރޭގައި އެވްރެޖްކޮށް 700 އަށް ވުރެގިނަ ޑްރޯން ބޭނުންކުރެއެވެ. މިފެންވަރަށް އަސްކަރީ ޑްރޯން އުފެއްދުމުގެ ގާބިލްކަން އިނގިރޭސިވިލާތުގައި ނެތްކަމާއި އެއީ ވަރަށް ބޮޑު މައްސަލައެއްކަން އެރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
އީރާން އާއި ޔުކްރެއިން އަދި ޗައިނާ ފަދަ ގައުމުތަކުން އަގުހެޔޮކޮށް ހަނގުރާމަ މަތީ ޑްރޯންއާއި ރޮބަތް ފަދަ ތަކެތި އުފައްދާއިރު މިގޮތަށް އަގުހެޔޮކޮށް ތަކެތި އުފެއްދުމުގެ ގާބިލްކަން އެމެރިކާއާއި ނޭޓޯގެ ގައުމުތަކުގައި ވަރަށް ކުޑަކަން އަސްކަރީ ތަޖުރިބާކާރުންވެސް ފާހަގަ ކުރައްވައެވެ.