ޖޭސްމިންގެ ގޮހޮރުގެ ބައްޔަކަށް ފަރުވާ ހޯދަނީ

ޓެލެވިޒަން ބަތަލާ ޖޭސްމިން ބާސިން--ފޮޓޯ/އެންޑީޓީވީ

އިންޑިއާގެ މަޝްހޫރު ޓެލެވިޒަން ބަތަލާ ޖޭސްމިން ބާސިން ގޮހޮރުގެ ބައްޔެއް ކަމަށްވާ 'ޓާމިނަލް އިލިއައިޓިސް'އަށް ފަރުވާ ހޯދަމުން އަންނަ ކަމަށް ބުނެފިއެވެ.

ޓާމިނަލް އިލިއައިޓިސް އަކީ ކުޑަގޮހޮރާއި ބޮޑުގޮހޮރު ގުޅޭ ހިސާބުގައިވާ ކުޑަގޮހޮރުގެ އެންމެ ފަހުބައި (ޓާމިނަލް އިލިއަމް) ދުޅަވުމެވެ. މި ބައްޔަށް ފަރުވާ ހޯދުމަށް މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ޖޭސްމިން ވަނީ ދުބާއީގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައެވެ.

"ތަޝަން-އޭ-އިޝްގް" އަދި "ކެރީ އޮން ޖައްޓިޔޭ" ފަދަ މަޝްހޫރު ފިލްމުތަކާއި ޑްރާމާތަކުން ބޮޑު މަގުބޫލުކަމެއް ލިބުނު ބަތަލާ، އޭނާގެ އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް އިއްޔެގެ ވަގުތެއްގައި އާންމުކުރި ވީޑިއޯއެއްގައި ބުނެފައިވަނީ، އޭނާގެ ސިއްހީ ހާލަތާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާތީ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރީ ކަމަށެވެ.

ޓެލެވިޒަން ބަތަލާ ޖޭސްމިން ބާސިން ލޯބިވެރިޔާ އަލީ ގޯނީއާ އެކު--ފޮޓޯ/އެންޑީޓީވީ

ޖޭސްމިން ބުނި ގޮތުގައި، އޭނާގެ ހާލަތު އަދިވެސް މުޅިން ނުރައްކަލުން ސަލާމަތް ނުވާތީ، ވައިގެ މަގުން ދަތުރުކުރުމުގެ ސިއްހީ ހުއްދަ ހޮސްޕިޓަލުން އަދި ދީފައެއް ނުވެއެވެ. ނަމަވެސް، އިތުރު ފަރުވާ ހޯދުމަށް އިންޑިއާއަށް އެނބުރި ދިއުމަށް އޭނާ ވަނީ ނިންމާފައެވެ.

"އަމިއްލަ ގައުމަށް ދިއުމަކީ ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އިންޖެކްޝަންތައް ޖަހައިގެން މިވަގުތު ހާލަތު ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައިވާތީ މިހާރު މިހުރީ އެއާޕޯޓުގައި. އިންޑިއާއަށް ގޮސް އެހެން ހޮސްޕިޓަލެއްގައި އެޑްމިޓްވެގެން ފަރުވާ ކުރިއަށް ގެންދާނަން،" ޖޭސްމިން ބުންޏެވެ.

ޖޭސްމީންއަށް މި ބަލި ޖެހިފައިވާކަން އެނގުނީ ބަތަލާގެ 36 ވަނަ އުފަން ދުވަސް ފާހަގަ ކުރުމަށް ދުބާއީއަށް ގޮސް ހުއްޓައެވެ. އުފަންދުވަސް ކުލަގަދަކޮށް ފާހަގަކުރަން ނިންމި ނަމަވެސް ޖޭސްމީންއަށް ޖެހުނީ އެ ދުވަހު ހޮސްޕިޓަލުގައި އެނދުމަތިވެ ފަރުވާ ހޯދުމަށް ކަމަށް ބުނެ ބަތަލާގެ ލޯބިވެރިޔާ އަލީ ގޯނީ ވެސް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުންނާ އެ ހަބަރު ހިއްސާކޮށްފައެވެ.

ޖޭސްމިން އާއި އަލީގެ ލޯބީގެ ގުޅުން ފެށުނީ ދެ ތަރިން އެކީގައި ބައިވެރިވި ރިއަލިޓީ ޝޯ "ބިގް ބޮސް 14"ގައި މަސައްކަތްކުރި ދުވަސްވަރުއެވެ.

ޖޭސްމިން އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި "ބަދުނާމް" ކިޔާ ފިލްމަކުންނެވެ.

އިންޑިއާގެ މަޝްހޫރު އެކްޓްރެސް ޖޭސްމިން ބާސިން ކުޑަގޮހޮރުގެ ބައްޔެއް ކަމަށްވާ ޓާމިނަލް އިލިއައިޓިސްއަށް ފަރުވާ ހޯދަމުން އެބަދެއެވެ. އޭނާގެ 36 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ދުބާއީއަށް ކުރި ދަތުރުގައި ބަލިވެ، މިދިޔަ އާދީއްތަ ދުވަހު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. ސިއްޙީ ޙާލަތު އެއްކޮށް ރަނގަޅުނުވި ނަމަވެސް، އިންޖެކްޝަންތަކެއްގެ އެހީގައި ޙާލަތު ކޮންޓްރޯލްކޮށް، އިތުރު ފަރުވާ ހޯދުމަށް އިންޑިއާއަށް އެނބުރި ދިއުމަށް އޭނާ ވަނީ ނިންމާފައެވެ.

  • ޖޭސްމިން ފަރުވާ ހޯދަމުންދަނީ ކުޑަގޮހޮރާއި ބޮޑުގޮހޮރު ގުޅޭ ހިސާބު ދުޅަވާ ބައްޔަކަށެވެ.
  • ބަލިވިކަން އެނގުނީ އުފަންދުވަސް ފާހަގަކުރުމަށް ދުބާއީގައި ހުއްޓައެވެ.
  • ފުރިހަމަ ސިއްޙީ ހުއްދަ ނުލިބުނަސް، އޭނާ މިހާރު ދަތުރުކުރަނީ އިންޑިއާއަށެވެ.
  • އިންޑިއާއަށް ގޮސް އެހެން ހޮސްޕިޓަލެއްގައި އެޑްމިޓްވެ ފަރުވާ ކުރިއަށް ގެންދާނެއެވެ.
  • ޖޭސްމިން ބާސިންއަށް ޓާމިނަލް އިލިއައިޓިސް ޖެހިއްޖެ.
  • ފުރަތަމަ ފަރުވާ ހޯދީ ދުބާއީގެ ހޮސްޕިޓަލަކުން.
  • އިތުރު ފަރުވާއަށް މިހާރު ދަތުރުކުރަނީ އިންޑިއާއަށް.
comment ކޮމެންޓް