ވޮޝިންޓަން (30 ޖޫން 2026) : އީރާންއާއެކު ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާ ސުލްހައިގެ ވާހަކަތައް ފަސޭހަވާނެކަމަށް ބަލާފައި ނުވާނެކަމަށާއި އީރާންއާ މުއާމަލާތް ކުރުމަކީ ފަސޭހަކަމެއް ނޫންކަމަށް އެމެރިކާ ދެކޭކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވެއްޖެއެވެ.
ކޮންގްރެސް އަށް މައުލޫމާތު ދެއްވަމުން ރޫބިއޯ ވިދާޅުވީ އީރާންއަކީ އެއްކަމެއްގައި ވެސް އެމެރިކާ ބޭނުންވާނެ ދޫތައް ދޭނެ ގައުމެއް ނޫންކަމަށް އެމެރިކާ ދެކޭ ކަމަށެވެ. މިއާއެކު އެމެރިކާ އުޅެނީ އީރާންއާއި އެމެރިކާއާ ދެމެދުގައިވާ މައްސަލަތައް ފަސޭހައިން ހައްލުވާނެކަމަށް ދެކޭ ހުވަފެނީ ދުނިޔެއެއްގައި ނޫންކަމަަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
އެމެރިކާއާއި އީރާނުގެ ވާހަކަތައް ނާކާމިޔާބުވުމަކީ ވެސް އެކަށީގެންވާ ކަމެއްކަން ބަޔާން ކުރައްވަމުން ރޫބިއޯ ވިދާޅުވީ އީރާންއާއި އެމެރިކާއާ ދެމެދުގައިވާ މައްސަލަތައް ވާހަކަ ދައްކައިގެން ނޫންގޮތަކަށް ހައްލުނުކުރެވޭނެކަން ގަބޫލުކުރަން ޖެހޭކަމުގައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ސަރުކާރުން ނިންމާފައިވަނީ ހަނގުރާމައިގެ ބަދަލުގައި ޑިޕްލޮމަސީއަށް ފުރުސަތު ދިނުމަށް ކަމަށް ވެސް ރޫބިއޯ ވިދާޅުވިއެވެ.
އިސްރާއީލުގެ އެޖެންޓުންގެ ގޮތުގައި ކޮންގްރެސްގައި ހަރަކާތްތެރިވާ އިސްރާއީލަށް ވަފާތެރި މެންބަރުން ރުއްސުމުގެ ގޮތުން ރޫބިއޯ ވިދާޅުވީ އީރާން އާއެކު އެއްބަސްވުމަކަށް އައިނަމަވެސް އެމެރިކާ ހިފަހައްޓާފައިވާ އީރާނުގެ އެތަށް ބިލިޔަން ޑޮލަރެއްގެ ތެރެއިން ކުޑަ މިންވަރެއް އެމެރިކާ ސަރުކާރުން އަދި އީރާނަށް ދީފައިނުވާނެ ކަމުގައެވެ.
މި ފައިސާގެ ބައެއް ދޫކުރަން އެމެރިކާ އުސޫލެއްގެ ގޮތުން އެއްބަސްވެފައިވީނަމަވެސް އިސްރާއީލުގެ ނުފޫޒުގެ ސަބަބުންނާއި ކޮންގްރެސް އާއި ވައިޓް ހައުސް ފަދަ އެމެރިކާގެ ސިޔާސީ މުއައްސަސާތަކުގައި ތިބޭ އިސްރާއީލުގެ އެޖެންޓުންގެ ފިއްތުންތަކުގެ ބޮޑުކަމުން އެމެރިކާ ވަނީ ހިފަހައްޓާފައިވާ މި ފައިސާތަކުގެ ތެރެއިން ފުރަތަމަ ދޫކުރުމަށް ނިންމި ފައިސާވެސް އީރާނުގެ މަރުކަޒީ ބޭންކަށް ޓްރާންސްފާކޮށްދިނުމަށް އަދިވެސް ފަސްޖެހިފައެވެ. އީރާނާއި އެމެރިކާގެ ފަންނީ ވަފްދުގެ ވާހަކަތައް ކުރިޔަށްގެންދަން އީރާން ފަސްޖެހޭ މައިގަނޑު ސަބަބަކީ މިއީ ކަމަށް މުރާސިލުން ބުނެއެވެ.
އަނެއްކޮޅުން އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރަގްޖީ ވަނީ ހުރުމުޒު ކަނޑުއޮޅިން ވަދެނުކުމެވޭނީ އީރާން ހުއްދަދޭ އުޅަނދުތަކަށް އެކަނިކަން އެމެރިކާއަށް ހަނދާން ކޮށްދެއްވާފައެވެ. އިރާގަށް ކުރައްވާ ދަތުރުފުޅެއްގައި އެމެރިކާއަށް އިޝާރާތް ކުރައްވައި ދެއްވި ބަޔާނެއްގައި އަރަގްޖީ ވިދާޅުވީ ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން އީރާން ކަނޑައަޅާފައިވާ މަގުތައް ފިޔަވައި އިތުރު މަގުތައް ޚިޔާރުކުރަން އުޅަނދުތަކަށް އެމެރިކާ ބާރުއަޅާނަމަ އުފެދޭނީ އިތުރު މައްސަލަތަކެވެ.
ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން އީރާން ކަނޑައަޅާފައިވާ މަގުތައް ވާނެކަމަށާއި އެމަގުތައް ފިޔަވައި އިތުރު މަގުތައް ޚިޔާރުކުރާ އުޅަނދުތަކަށް އީރާނުން ހަމަލާދީ އެކަން ހުއްޓުވާނެކަމަށް ވެސް އަރަގްޖީ ވިދާޅުވިއެވެ.
ހަނގުރާމައިގެ ދުވަސްވަރު ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމަށް ޓަކައި އީރާނުން އަޅާފައިވާ މައިންތައް ސާފުކުރުމަށް މަސައްކަތް ކުރާނެކަމަށް ފަރަންސޭސި ރައީސް މެކްރޮން އިއްޔެ ވިދާޅުވުމުން އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ކާޒިމް ޣަރީބު އާބާދީ ވަނީ އެކަން ނުކުރުމަށް ފަރަންސޭސި ރައީސަށް އިންޒާރު ދެއްވާފައެވެ.
ކާޒިމް ޣަރީބު އާބާދީ ވިދާޅުވިގޮތުގައި ހުރުމުޒު ކަނޑުއޮޅީގެ ތެރެއަށް ފަރަންސޭސި ބޯޓުތައްވަދެ މައިންތައް ސާފުކުރަން އުޅުމަކީ އިތުރު މައްސަލަތައް އުފެދޭނެކަމެކެވެ. އެކަންކުރާ ފަރާތްތަކަށް އީރާނުން ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް އާބާދީ ދެއްވިއެވެ.
އޭނާ ވިދާޅުވިގޮތުގައި އީރާން އެޅި މައިންތައް ނަގައި ސާފުކުރާނީ އީރާނުންނެވެ. ހުރުމުޒު ކަނޑުއޮޅީގެ ބޮޑުބައި އޮންނަނީ އީރާނުގެ ކަނޑުގެ ސަރަހައްދުގެ އިމުގެތެރޭގައި ކަމަށްވާތީ އެކަނޑުއޮޅިއާބެހޭ ކަންކަން ކުރުމަކީ އީރާނުގެ ކަމެއްކަމަށާއި އެއީ ފަރަންސޭސިވިލާތާ ބެހޭ ކަމެއްނޫންކަމަށް އާބާދީ ވިދާޅުވިއެވެ.
ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން އީރާން ކަނޑައަޅާފައިވާ މަގުތައް ފިޔަވައި އިތުރު މަގުތައް ޚިޔާރުކުރި އިނގިރޭސިވިލާތުގެ އާގު ބޯޓަކަށް މިދިޔަ ހަފްތާގައި އީރާން ވަނީ ހަމަލާދީފައެވެ. މިހަމަލާއާއެކު އެބޯޓަށް ބޮޑެތި ގެއްލުންތަކެއްލިބި ދަތުރު ނުކުރެވޭވަރުވުމުން އެބޯޓުވަނީ ކަފުޖަހައިގެން ގަލްފުގެ ގައުމެއްގެ ބަނދަރަށް ގެންގޮސްފައެވެ.
މިމައްސަލާގައި އެމެރިކާ އީރާނަށް ހަމަލާތަކެއް ދިނުމުން ރައްދުގައި އީރާންވަނީ ކުވައިތު އަދި ބަހްރައިންގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް މިސައިލާއި ޑްރޯނުން ހަމަލާދީފައެވެ. ނަމަވެސް ފަހުންވަނީ ގަތަރު މެދުވެރިއަކަށް ވެގެން ދެފަރާތުން ހަމަލާތައް ހުއްޓާލާފައެވެ.
އެމެރިކާއާއި އީރާނުގެ އެއްބަސްވުމުގެ ދަށުން އެމެރިކާ އީރާނަށް ދިން ދޫތަކަކީ އީރާނުގެ ބަނދަރުތައް ހިސާރުކޮށްފައި އޮންނަ އޮތުން ދޫކޮށްލުމާއި އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުމާ ދެކޮޅަށް އެމެެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މެދުކަނޑާލުމެވެ. މިއާއެކު އީރާންވަނީ ޗައިނާއާއި އިންޑިއާ އަށް ގިނަ އަދަދަކަށް ތެލާއި ގޭސް އެކްސްޕޯޓް ކުރަން ފަށާފައެވެ.