ޔޫރަޕްގައި ހޫނުގެ ސަބަބުން ގިނަ އަދަދަކަށް މީހުން މަރުވަނީ ގެދޮރު ފަރުމާކޮށްފައިވާގޮތުން: ޑަބްލިޔުއެޗްއޯ

ޖެނީވާ (30 ޖޫން 2026): ދިރިއުޅެން ދަތިވާ ވަރަށް ޔޫރަޕް ހޫނުވަމުންދާއިރު ގަދަ ހޫނުގެ ސަބަބުން ޔޫރަޕްގައި އާދަޔާ ޚިލާފަށް މީހުން މަރުވަމުންދާ އެއްސަބަބަކީ ޔޫރަޕްގެ ގައުމުތަކުގެ އިމާރާތްތައް ފަރުމާ ކޮށްފައިވަނީ ހޫނުގަދަ މާހައުލަށް އެކަށީގެންވާ ގޮތަކަށް ނުވާތީ ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ ޑަބްލިޔު.އެޗް.އޯ އިން ބުނެފިއެވެ.

އެ ޖަމިއްޔާގެ ޑައިރެކްޓަރު ޖެނެރަލް އަދަނޮމް ގެބްރިއޭސުސް ވިދާޅުވިގޮތުގައި ޔޫރަޕަށްވުރެ މެދުއިރުމަތީގެ ގައުމުތަކަށް ވާ ހޫނު ބޮޑުކަމުގައެވެ. ނަމަވެސް ހޫނުގެ ސަބަބުން ގިނައިން މީހުން މަރުވަނީ ޔޫރަޕުންކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހެންވަނީ ޔޫރަޕްގެ ގައުމުތަކުގެ ގެތަކާއި އޮފީސްތައް އަދި އެ ނޫންވެސް އިމާރާތްތައް ފަރުމާ ކޮށްފައިވަނީ މިފަދަ ހޫނުން ސަލާމަތްވާ ފަދަ ގޮތަކަށް ނުވާތީކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫރަޕްގެ ގައުމުތަކުގައި ހޫނުން ސަލާމަތްވާނެ ވަސީލަތްތައް އިމާރާތްތަކުގައި ނުހުންނައިރު 30 ޑިގްރީއަށް ވުރެ މައްޗަށް ހޫނުމިން ގޮސްފިނަމަ ޔޫރަޕްގެ އިމާރާތްތަކުގައި ތިބުމަކީ ހީޓް ސްޓްރޯކް ޖެހުންފަދަ ސިއްހަތަށް ނުރައްކާ ހާލަތަށް ދާކަމެއްކަން ވަނީ ފާހަގަ ކުރެވިފައެވެ. ޔޫރަޕްގެ ބައެއް ގައުމުތަކުގެ ހޫނުމިން ބައެއް ދުވަސްތަކުގައި 40 ޑިގްރީ ސެލްސިއަސް އަށްވުރެ ވެސް މައްޗަށް ގޮސްފައެވެ.

ހޫނުގެ ސަބަބުން ފަރަންސޭސިވިލާތުގެ ޕެރިހުުގެ މީހުން ގެދޮރުގައި ނުތިބެވިގެން މަގުތަަކަށް ނުކުމެ ފެންވަރަނީ

މި ހޫނުގެ ސަބަބުން ފާއިތުވި ދެތިން ހަފްތާ ތެރޭގައި ދޮޅު ހާހަށް ވުރެގިނަމީހުން ޔޫރަޕްގެ އެކިގައުމުތަކުގައި މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ރިޕޯޓް ނުކުރެވި އެކަހެރި ސަރަހައްދުތަކުން މިއަށް ވުރެގިނަމީހުން މަރުވެފައިވާނެކަމަށް ވަނީ ލަފާކުރެވިފައެވެ. އިޓަލީ އާއި ގްރީސް އަދި ސްޕެއިންއާއި ފަރަންސޭސިވިލާތުގެ ޖަރުމަނާއި ޕޮލެންޑް އަދި ޗެކް ރިޕަބްލިކް އާއި ބަލްކަންގެ ގައުމުތަކުގައިވެސް ވަނީ 40 ޑިގްރީ އަށްވުރެ މައްޗަށް ހޫނުމިން ގޮސްފައެވެ.

ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު މިހާރު ޔޫރަޕް ވެފައިވަނީ ހޫނު މޫސުމުގައި ދިރިއުޅެން ދަތިވާ ވަރަށް ހޫނު އަދި ފިނި މޫސުމުގައި ދިރިއުޅެން ދަތިވާވަރަށް ފިނި ގަދަ ގައުމުތަކަކަށް ވެފައެވެ. މިހާރު ސަލާމަތުން ޔޫރަޕްގައި އުޅެވެނީ ރަބީއު މޫސުމާއި ޚަރީފު މޫސުމުގައެވެ. ފިނި މޫސުމުގައި ސްނޯގެ ސަބަބުންނާއި ފަދަ ފިނީގެ ސަބަބުން ޔޫރަޕްގައި ދިރިއުޅެން ދަތިވާ ހިސާބަށް ވަނީ ގޮސްފައެވެ. ހޫނު މޫސުމުގައި ވެސް އާވިގަދަ ހޫނުގެ ސަބަބުން ހީޓް ސްޓްރޯކް ޖެހި ގިނަ އަދަދަކަށް މީހުންވަނީ މަރުވާން ފަށާފައެވެ.

ނަތީޖާއަކީ ޔޫރަޕްގައި އިގްތިސާދީ ހަރަކާތްތައް ހިންގުމަށް ދަތިވުމެވެ. މިކަމުގެ ސަބަބުން ޔޫރަޕް މުއްސަނދިން އެހެން ގައުމުތަކަށް ދިރިއުޅުން ބަދަލުކުރުމާމެދު ވިސްނަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ. ގަދަ ހޫނުގެ ސަބަބުން ޔޫރަޕްގެ ގިނަ ގައުމުތަކުގައި ސްކޫލްތައް ބަންދުކޮށްފައިވާއިރު ގިނަ ކާރުޚާނާތައްވެސް ވަނީ ބަންދުކޮށްފައެވެ.

ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބަޔާންކޮށްފައިވާ ގޮތުގައި، ޔޫރަޕަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު މަރުވަމުންދާ މައިގަނޑު އެއް ސަބަބަކީ އެ ސަރަހައްދުގެ އިމާރާތްތައް ފަރުމާކޮށްފައިވާ ގޮތެވެ. މެދުއިރުމައްޗަށްވުރެ ޔޫރަޕުގެ ފިނިހޫނުމިން ދަށް ނަމަވެސް، ޔޫރަޕުގެ ގެދޮރާއި އޮފީސްތައް ބިނާކޮށްފައިވަނީ ގަދަ ހޫނުން ރައްކާތެރިވެވޭ ފަދަ ވަސީލަތްތަކާއެކުގައެއް ނޫނެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ފިނިހޫނުމިން 30 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދިއުމުން ހީޓް ސްޓްރޯކް ފަދަ ނުރައްކާތެރި ސިއްހީ މައްސަލަތަކާ ކުރިމަތިލާންޖެހެއެވެ. މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު ޔޫރަޕުގެ ގައުމުތަކުގެ ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ފާއިތުވި ހަފުތާތަކުގެ ތެރޭގައި އެކަނިވެސް ދޮޅުހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މި ހާލަތުގެ ސަބަބުން އިގުތިސާދީ ހަރަކާތްތަކަށް ހުރަސްއެޅި، ގިނަ ކާރުޚާނާތަކާއި ސްކޫލްތައް ބަންދުކުރަން މަޖުބޫރުވެފައިވެއެވެ. އަދި މުއްސަނދިން އެހެން ގައުމުތަކަށް ހިޖުރަކުރުމަށް ވިސްނަމުންދާކަންވެސް ރިޕޯޓުތަކުން ދައްކައެވެ.

  • ޔޫރަޕުގައި ހޫނުގެ ސަބަބުން މީހުން މަރުވާ ނިސްބަތް އިތުރުވަނީ އިމާރާތްތައް ފަރުމާކޮށްފައިވާ ގޮތުންކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ކަށަވަރުކޮށްދީފައެވެ.
  • އިމާރާތްތަކުގައި ހޫނުން ސަލާމަތްވާނެ ވަސީލަތްތައް ނެތުމުގެ ސަބަބުން، ހީޓް ސްޓްރޯކް ޖެހުމުގެ ނުރައްކާ ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
  • ފާއިތުވި މަދު ހަފުތާތަކެއްގެ ތެރޭގައި ޔޫރަޕުގެ އެކި ގައުމުތަކުން 1500 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.
  • ގަދަ ހޫނުގެ ސަބަބުން ސްކޫލްތަކާއި ކާރުޚާނާތައް ބަންދުކުރަން ޖެހި، ޔޫރަޕުގެ އިގުތިސާދީ ހަރަކާތްތަކަށް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެފައެވެ.
  • މޫސުމީ ބަދަލުތަކުގެ ސަބަބުން ޔޫރަޕަކީ ހޫނު މޫސުމުގައްޔާއި ފިނި މޫސުމުގައިވެސް ދިރިއުޅެން އުނދަގޫ ސަރަހައްދަކަށް މިހާރު ވަނީ ވެފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު