އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކަށް ފެންނަ ކޮންޓެންޓް ނުވަތަ ޕޯސްޓްތައް ފަރުމާކުރުމަށްޓަކައި "ޔޯ އެލްގޮރިދަމް" ފީޗާ ބޭނުންކުރެވޭނެ އިތުރު ގޮތްތަކެއް އިންސްޓަގްރާމުން ޓެސްޓްކުރަން ފަށައިފިއެވެ.
މި އާ ބަދަލުތަކުގެ ބޭނުމަކީ އެލްގޮރިދަމް އަކީ ހަމައެކަނި ސެޓިންގްސްގެ ބައެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި، އެޕްލިކޭޝަން ބޭނުންކުރާއިރު އޭގެ ތެރެއިން ފަސޭހައިން ބަދަލުތައް ގެނެވޭނެ ނިޒާމަކަށް ހެދުން ކަމަށް އިންސްޓަގްރާމްގެ އިސްވެރިޔާ އެޑަމް މޮސޭރީ ވަނީ ވިދާޅުވެފައެވެ.
މިހާރު ޓެސްޓްކުރެވެމުންދާ ބައެއް ފީޗާތަކުގެ ތެރޭގައި، އިންސްޓަގްރާމް ފީޑް ތިރިއަށް ދަމާލުމުން (ޕުލް ޑައުން ކުރުމުން) އެލްގޮރިދަމް މެނޫ ފެންނާނެ ގޮތް ހެދުމާއި، ރީލްސް ބަލާއިރު މައްޗަށް ސްވައިޕްކޮށްލުމުން ކަސްޓަމައިޒް ކުރެވޭނެ މެނޫއެއް ފެންނާނެ ގޮތް ހެދުން ހިމެނެއެވެ.
މީގެ އިތުރުން ކޮންމެ ރީލްއެއްގެ ތިރީގައި، އެއާ ގުޅޭ ވީޑިއޯތައް އިތުރަށް ބަލަން ބޭނުންވާކަން ނުވަތަ ނޫންކަން އަންގައިދޭ ބަޓަންތަކެއް ހިމެނުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
މި ބަދަލުތަކާ ގުޅޭގޮތުން މޮސޭރީ ކުރެއްވި ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، އާންމުންގެ ފަރާތުން އެންމެ ބޮޑު އެދުމަކަށް ވެފައިވަނީ އެލްގޮރިދަމްއަށް ބަދަލު ގެނައުމުގެ ބަދަލުގައި، އެމީހުން ފޮލޯކޮށްފައި ތިބޭ މީހުންގެ ޕޯސްޓްތައް އެކަނި ފެންނާނެ ގޮތް ހަދައިދިނުމަށެވެ. އަދި އިންސްޓަގްރާމްގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި އެލްގޮރިދަމް އަކީ ބޭނުންކުރާ މީހާއާ މުއާމަލާތްކުރާ އެއްޗަކަށް ހެދުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އިންސްޓަގްރާމުން "ޔޯ އެލްގޮރިދަމް" ފީޗާ އެންމެ ފުރަތަމަ ތައާރަފްކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ. މި ފީޗާގެ މައިގަނޑު ބޭނުމަކީ ބޭނުންކުރާ ފަރާތްތަކަށް އެޕްލިކޭޝަންގެ ތެރެއިން ފެންނަން ބޭނުންވާ މައުލޫމާތުތަކާއި ޓޮޕިކްތައް އަމިއްލައަށް އިޚްތިޔާރުކުރުމުގެ ފުރުސަތު ދިނުމެވެ. އޭގެ ފަހުން އިންސްޓަގްރާމުން ދަނީ މި ފީޗާ އެޕްލިކޭޝަންގެ އެކި ދާއިރާތަކަށް ފުޅާކޮށް، ބޭނުންކުރާ މީހާއަށް އެލްގޮރިދަމްގެ މައްޗަށް ބާރު ފޯރުވޭނެ އިތުރު ގޮތްތައް ތަރައްގީކުރަމުންނެވެ.