އިންސާނީ ހައްގުތަކުގެ ނަމުގައި އަޑުއުފުލާ ޔޫރަޕުން ޣައްޒާއަކަށް އަޅައެއް ނުލާ: އދ

ވޮލްކާ ޓާކް ޔޫރަޕްގެ ޕާލަމެންޓްގައި ތަގްރީރު ކުރައްވަނީ --

ބްރަސަލްސް (28 ޖޫން 2026): ޔޫރަޕްގެ ގައުމުތަކަކީ އިންސާނީ ހައްގުތަކުގެ ނަމުގައި އެންމެ އެންމެ ބޮޑަށް އަޑުއުފުލާ ގައުމުތައް ކަމަށް ވިޔަސް އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނާ މެދު ޔޫރަޕްގެ ގައުމުތަކުގެ އެއްވެސް އަޅާލުމެއް ނެތް ކަމަށް އދ އިން ހާމަކޮށްފިއެވެ.

ޔޫރަޕްގެ އިއްތިޙާދުގެ ޕާލަމެންޓް ގައި ތަގްރީރު ކުރައްވަމުން އިންސާނީ ހައްގުތަކާބެހޭ އދ. ގެ ހައި ކޮމިޝަނަރު ވޮލްކާ ޓާކް ވިދާޅުވީ މިނިވަންކަމަށް ކުރާ މަސައްކަތުގެ ސަބަބުން ފަލަސްތީނު ރައްޔިތުންނަށް އިސްރާއީލު ދެމުންގެންދާ އަނިޔާތަކަށް ޔޫރަޕުން އަޅައި ނުލަނީ ނުވަތަ އެކަން ހުއްޓުވަން މަސައްކަތް ނުކުރާކަން ވަނީ ފާހަގަ ކުރެވިފައެވެ. އޭނާ ވަނީ މިކަމުގެ ސަބަބަކީ ކޮބައިތޯ ޔޫރަޕްގެ ޕާލަމެންޓާ ސުވާލު ކުރައްވާފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފާފައި ވާއިރު އެބިންތައް މިނިވަން ކުރުމަށް މަސައްކަތްކުރުމަކީ އދ. ގެ ޗާޓަރު ހުއްދަ ކުރާ ކަމެއްކަން ޔޫރަޕްގެ ޕާލަމެންޓް މެންބަރުންނަށް ވޮލްކާ ހަނދާން ކޮށްދެއްވިއެވެ. ވޮލްކާގެ ވާހަކައިގައި އިސްރާއީލުން ޣައްޒާގެ ރައްޔިތުން ހާލުގައި ޖައްސާފައިވާ މިންވަރު ވަރަށް އަސަރާއެކު ޔޫރަޕްގެ ޕާލަމެންޓް މެންބަރުންނަށް ހަނދާން ކޮށްދެއްވިއެވެ. މިއާއެކު ޣައްޒާގެ ރައްޔިތުންނާ މެދު ޔޫރަޕްގެ ގައުމުތަކުގެ އަޅާލުން ނެތީ ކިއްވެތޯ އޭނާ ސުވާލުކުރެއްވިއެވެ.

އިސްރާއީލުން ފަލަސްތީނުގެ އަސީރުންނަށް ލާއިންސާނީ އަނިޔާތައް ދެނީ --

ދުނިޔޭގެ އެކި ގައުމުތަކުގެ 60 ސަރަހައްދެއްގައި މިހާރު ވެސް ހަނގުރާމަ އާއި ހަމަނުޖެހުންތައް ހިނގަމުންދާކަން ހާމަކުރައްވަމުން މި ސަރަހައްދުތަކުގެ ތެރެއިން ވެސް އެންމެ ގިނަ ވޭންތައް ތަހައްމަލް ކުރަމުންދަނީ ޣައްޒާގެ ރައްޔިތުންކަން އޭނާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް ސޫދާނާއި ޔަމަން ފަދަ ގައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކުގެ ސަބަބަބުން އެ ދެ ގައުމުގައި ވެސް އެތައް މިލިޔަން ބަޔަކު ވަރަށް ދަތި ހާލުގައި އުޅެން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ދަތި ހާލުގައި އުޅެން ޖެހިފައިވާ މީހުންނަށް ބޭނުންވާ އެހީއާއި އަޅާލުންތެރިކަން އެކަމަށް ބޭނުންވާ މިންވަރާ ގާތަށް ވެސް ނުދެވޭކަން އޭނާ ހާމަކުރެއްވިއެވެ. އެހީއާއި އަޅާލުން އެދެވޭ ގޮތެއްގައި ދެވޭނަމަ އެމީހުންގެ ހާލަތު މިހާރަށް ވުރެ އެތަށް ތަނެއް ރަނގަނޅު ކުރެވުނީސް ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މިފަދަ ނިކަމެތި ހާލަތަށް އާންމުން ވައްޓާލުމުގެ ޒިންމާ ނަގަންޖެހޭ އިސްރާއީލު ފަދަ ގައުމުތައް އެއްވެސް ވަރަކަށް ޖަވާބުދާރީ ނުކުރެވޭ ކަމަށް ވޮލްކާ ވިދާޅުވިއެވެ. ވޮލްކާ ވިދާޅުވި ގޮތުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާ ހަނގުރާމަވެރި ޖަމާއަތްތަކަށް އަދަބު ދޭން ދަތި ނަމަވެސް އެފަދަ އަމަލުތައް ހިންގާ ގައުމުތަކަށް އަދަބު ދިނުމަކީ ކުރަން ޖެހޭ ކަމެކެވެ. އެެހެން ނޫނީ އޭގެ ނަތީޖާ ހިތިވާނެކަން މެދުއިރުމަތިން ދަނީ ފެންނަމުންކަން ވެސް ވިދާޅުވިއެވެ.

އިސްރާއީލުގެ ނަން ވިދާޅުނުވެ އިސްރާއީލުން ޣައްޒާއާއި ހުޅަނގު އައްސޭރީގައި ހިންގާ ޖަރީމާތަކަށް އަދަބު ނުދެވޭކަމާއި މިކަމަށް ޔޫރަޕްގެ އެއްބާރުލުން ލިބޭމިންވަރުގެ ކުޑަކަން ވޮލްކާ ފާހަގަ ކުރެއްވިއެވެ. ވޮލްކާ ވިދާޅުވި ގޮތުގައި އިސްރާއީލުން ޣައްޒާގައި ހިންގާ ޖަރީމާތަކާއި ޔަހޫދީ ވަޒަންވެރިން ހުޅަނގު އައްސޭރީގައި ހިންގާ ޖަރީމާތަށް ހުއްޓުވުމަށް ޔޫރަޕްގެ ގައުމުތަކަށް މުހިއްމު ފިޔަވަޅުތަކެއް އެޅިދާނެއެވެ. ނަމަވެސް މިފަދަ އެއްވެސް ފިޔަވަޅެއް އެޅުމަށް ޔޫރަޕް ވަރަށް ބޮޑަށް ފަސްޖެހޭކަން އޭނާ ފާހަގަ ކުރެއްވިއެވެ. ޚާއްސަކޮށް ޣައްޒާގެ ރައްޔިތުންގެ ވޭންތަކާއި ކެކުޅުންތަކާއި އާދޭސްތަކަށް ޔޫރަޕް ފުރަގަސްދޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ޣައްޒާގެ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކަށް ދުނިޔޭގެ ބޮޑެތި ބައެއް ބާރުތަކުން ބިރުދައްކައި ދަތިކުރުމުގެ ފިޔަޅުތައް އަޅާކަންވެސް އޭނާ ހާމަކުރެއްވިއެވެ. މިއީ ނުސީދާ ގޮތެއްގައި އެމެރިކާއަށް ކުރެއްވި އިޝާރާތެއް ކަމަށް ބެލެވެއެވެ.

އިންސާނީ ހައްގުތަކުގެ ވަކާލާތުކުރުމުގައި ޔޫރަޕްގެ ގައުމުތަކުން ކުރީސަފުގައި ތިބި ނަމަވެސް، އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނާއި ޣައްޒާގެ ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް އެ ގައުމުތަކުން އެއްވެސް ވަރަކަށް އަޅާނުލާކަމަށް އދ. ގެ އިންސާނީ ހައްގުތަކާބެހޭ ހައި ކޮމިޝަނަރު ވޮލްކާ ޓާކް ވަނީ ވިދާޅުވެފައެވެ. ޔޫރަޕްގެ އިއްތިޙާދުގެ ޕާލަމެންޓުގައި ވާހަކަފުޅުދައްކަވަމުން އޭނާ ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 60 ސަރަހައްދެއްގައި ހިނގަމުންދާ ހަނގުރާމަތަކުގެ ތެރެއިން އެންމެ ބޮޑު ވޭނެއް ތަހައްމަލުކުރަމުންދަނީ ޣައްޒާގެ ރައްޔިތުންނެވެ. އަދި އަމިއްލަ ބިން މިނިވަންކުރުމަށް މަސައްކަތްކުރުމަކީ އދ. ގެ ޗާޓަރުން ހުއްދަކުރާ ކަމެއްކަން ޔޫރަޕްގެ މެންބަރުންނަށް އޭނާ ހަނދާންކޮށްދެއްވިއެވެ. ހަނގުރާމައިގެ ޖަރީމާތައް ހިންގާ ގައުމުތައް ޖަވާބުދާރީކުރުވުމުގައި ބައިނަލްއަގުވާމީ މުޖުތަމައު ނުކުޅެދިފައިވާކަމާއި، ޚާއްސަކޮށް އިސްރާއީލުން ޣައްޒާއާއި ހުޅަނގު އައްސޭރީގައި ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ފިޔަވަޅުއެޅުމަށް ޔޫރަޕުން ފަސްޖެހޭކަން ވޮލްކާ ވަނީ ކުށްވެރިކުރައްވާފައެވެ. މީގެ އިތުރުން، ޣައްޒާގެ ދިފާއުގައި އަޑުއުފުލާ ފަރާތްތަކަށް ބައެއް ބޮޑެތި ބާރުތަކުން ބިރުދައްކައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. މިއީ މުޅި ދުނިޔޭގެ އިންސާނީ ހައްގުތަކުގެ ނިޒާމާމެދު ސުވާލު އުފެދޭކަމެއްކަން ވަނީ ހާމަކުރައްވާފައެވެ.

  • އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޔޫރަޕުން، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް ފުރަގަސްދީފައިވާކަން.
  • އިސްރާއީލުން ހިފާފައިވާ ބިންތައް މިނިވަންކުރުމަށް ފަލަސްތީނުން ކުރާ މަސައްކަތަކީ އދ. ގެ ޗާޓަރުން ހުއްދަކުރާ ކަމެއްކަން.
  • ދުނިޔޭގައި ހިނގާ 60 ހަމަނުޖެހުމުގެ ތެރެއިން އެންމެ ބޮޑު އަނިޔާއެއް ލިބެމުންދަނީ ޣައްޒާގެ ރައްޔިތުންނަށްކަން.
  • ހަނގުރާމައިގެ ޖަރީމާތައް ހިންގާ ގައުމުތައް ޖަވާބުދާރީ ކުރުވުމުގައި ފިޔަވަޅުއެޅުމަށް ޔޫރަޕުން ފަސްޖެހޭކަން.
  • ޣައްޒާގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި ބާރުތަކުން ބިރުދައްކައި ދަތިކުރުމުގެ ފިޔަވަޅު އަޅަމުންދާކަން.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު