ނޭޝަނަލް ކުލަބް ޗެސް ޗެމްޕިއަންޝިޕްގެ ޓްރޮފީ ޒުގްޒުވާންގުން އުފުލާލައިފި

ނޭޝަނަލް ކުލަބް ޗެސް ޗެމްޕިއަންޝިޕް 2026" ގެ ޗެމްޕިއަންކަން ހޯދި ޒުގްޒުވާންގް ޗެސް ކުލަބަށް، ޝަރަފްވެރި މެހެމާނު ކަމަށްވާ އެމް ސެވަން ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޢަބްދުލް ސައްތާރު ޓްރޮފީ ހަވާލުކޮށްދެއްވަނީ -- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

މޯލްޑިވްސް ޗެސް އެސޯސިއޭޝަން (އެމްސީއޭ) އިން އިންތިޒާމު ކޮށްގެން ބޭއްވި "ނޭޝަނަލް ކުލަބް ޗެސް ޗެމްޕިއަންޝިޕް 2026" ގެ ޗެމްޕިއަންކަން ހޯދި ޒުގްޒުވާންގް ޗެސް ކުލަބުން ޓްރޮފީ އުފުލާލައިފިއެވެ.

ޖުމްލަ 17 ޓީމަކާއެކު މި މަހުގެ 17 އިން 25 ގެ ނިޔަލަށް ހުޅުމާލޭގެ ޗެސް އާކޭޑްގައި ކުރިއަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން އެ ޓީމުން ހޯދީ މުބާރާތް ނިމެން އެއްބުރު ބާކީ އޮއްވައި ބޮޑު ތަފާތަކާއެކުއެވެ.

މުބާރާތުގެ ދެވަނަ ހޯދި ކުލަބު ޑަބަލް އެއިޓާއި ތިންވަނަ ހޯދި ކާސަލް ޗެސް ކުލަބް އެންޑް އެކަޑަމީއަށް ވެސް ވަނީ މި ރަސްމިއްޔާތުގައި އިނާމު ދީފައެވެ.

ނޭޝަނަލް ކުލަބް ޗެސް ޗެމްޕިއަންޝިޕް 2026" ގެ ޗެމްޕިއަންކަން ހޯދި ޒުގްޒުވާންގް ޗެސް ކުލަބް -- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

ޒުގްޒުވާންގް ޓީމުގައި ތަފާތަކަށް ފެނުނީ އިންޑިއާގެ ގްރޭންޑް މާސްޓާއެއް މި ޓީމުގައި ހިމެނުމެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޒުގްޒުވާންގް ޗެސް ކްލަބުން ވަނީ އިންޑިއާގެ ގްރޭންޑް މާސްޓާ (ޖީއެމް) ހަރިކްރިޝްނާގެ އިތުރުން އިންޓަނޭޝަނަލް މާސްޓާ (އައިއެމް) މުތައްޔާ މި މުބާރާތަށް ގެނެސްފައެވެ.

ގްރޭންޑް މާސްޓާއަކީ ރާޒުވާގެ ދުނިޔޭގައި ކުޅުންތެރިއަކަށް ހާސިލުކުރެވޭނެ އެންމެ މަތީ ޝަރަފުވެރި ލަގަބެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ވެސް މި މުބާރާތުގައި ވާދަކޮށްފައިވެއެވެ. އެއްވަނަ ހޯދި ޓީމާ ބޮޑު ފަރަގެއް އޮތް ކަމުގައިވީ ނަމަވެސް ދެވަނަ ހޯދި ކުލަބް ޑަބަލް އެއިޓް ޓީމުގައި ތިބި ގައުމީ ފެންވަރުގެ ކުޅުންތެރިން ވަނީ ބޮޑު ކުރިއެރުންތަކެއް ހޯދާފައެވެ.

ނޭޝަނަލް ކުލަބް ޗެސް ޗެމްޕިއަންޝިޕް 2026" ގެ ނިންމުމުގެ ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާނު މުޙައްމަދު ޢަބްދުލް ސައްތާރު ވާހަކަފުޅުދައްކަވަނީ-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

ހުޅުމާލޭ ޗެސް އާކޭޑްގައި ބޭއްވި މުބާރާތް ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެމް ސެވަން ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޢަބްދުލް ސައްތާރެވެ.

ވަނަވަނައަށް ހޮވުނު ޓީމުތަކަށް އިނާމު ދިނުމުގެ ކުރިން ވާހަކަދައްކަވަމުން މުޙައްމަދު ޢަބްދުލް ސައްތާރު ވަނީ ކުޑައިރުން ފެށިގެން ރާޒުވާއަށް އޮތް ޝައުގު ފާހަގަކުރައްވާފައެވެ.

"އަޅުގަނޑަކީ ކުޑައިރުއްސުރެ ރާޒުވާ ކުޅޭ މައިދާންތައް ބަލައި، އެ ކުޅިވަރަށް ޝައުގުވެރިކަން ހުންނަ މީހެއް. އަދި 2008 ވަނަ އަހަރު އެސޯސިއޭޝަން އުފެދި، ގައުމީ ފެންވަރެއްގައި ހަރަކާތްތައް ހިންގަން ފެށުމަކީ މި ކުޅިވަރަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" މުޙައްމަދު އަބްދުލް ސައްތާރު ފާހަގަކުރެއްވިއެވެ.

ނޭޝަނަލް ކުލަބް ޗެސް ޗެމްޕިއަންޝިޕް 2026" ގެ ޗެމްޕިއަންކަން ހޯދި ޒުގްޒުވާންގް ޗެސް ކުލަބުގެ ގްރޭންޑް މާސްޓާއަށް، ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ -- ސަން ފޮޓޯ: ޝާތިއު އަބްދުﷲ

މީގެ އިތުރުން ސައްތާރު ވިދާޅުވީ، ކަމާ ބެހޭ އިދާރާތަކުން ހިންގާ ބޮޑެތި މަޝްރޫއުތަކުގެ ތެރެއިން ރާޒުވާ ބޯޑުތައް ފަސޭހައިން ބެހެއްޓޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުމަކީ، މާބޮޑު ޚަރަދެއް ނުހިނގި ނަމަވެސް، ކުޅިވަރު ކުރިއެރުވުމަށް ލިބޭނެ ވަރަށް ބޮޑު ބާރެއް ކަމަށެވެ. އަދި ރާޒުވާގެ ސަބަބުން ކުދިންގެ ވިސްނުމާއި ސިކުނޑި ތަރައްގީވެ، އެއްބައިވަންތަކަން އިތުރުވެގެންދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސައްތާރުގެ އުންމީދަކީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން މި ކުޅިވަރަށް މިއަށްވުރެ ބޮޑަށް ސަމާލުކަން ދޭނެ ދުވަހެއް ފެނުމެވެ. މިހާރުވެސް މި ކުޅިވަރުގައި ހުނަރުވެރި ކުޅުންތެރިން ތިބިކަން ފާހަގަކުރައްވައި ވިދާޅުވީ ގައުމީ ފެންވަރުގައްޔާއި އަވަށްޓެރި ގައުމުތަކުގެ ކުޅުންތެރިންނާ އެކި ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު ދިވެހި ކުޅުންތެރިންނަށް ލިބެން ޖެހޭނެ ކަމަށެވެ.

ނޭޝަނަލް ކުލަބް ޗެސް ޗެމްޕިއަންޝިޕް 2026" ގެ ދެވަނަ ހޯދި ޑަބަލް އެއިޓްގެ ޓީމުގެ ބައެއް ކުޅުންތެރިން -- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

އަދި އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީ ރަނގަޅަށް ހިންގައި، ހުނަރުތައް ތަރައްގީކޮށް، ފައިތިލަ ސާބިތުކޮށްފައިވާ އެސޯސިއޭޝަނަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތަކީ އެ އެސޯސިއޭޝަންގެ ރަޖިސްޓްރީ ކްލަބްތަކާއި އޮފީސްތަކަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ވެސް ބާއްވާ ފޯރިގަދަ މުބާރާތެކެވެ.

ހުޅުމާލޭގެ ޗެސް އާކޭޑްގައި 17 ޓީމަކާއެކު ކުރިއަށްދިޔަ މި މުބާރާތް ޒުގްޒުވާންގް ޗެސް ކުލަބުން ކާމިޔާބުކުރީ އިންޑިއާގެ ގްރޭންޑް މާސްޓާ ހަރިކްރިޝްނާ އާއި އިންޓަނޭޝަނަލް މާސްޓާ މުތައްޔާގެ އެހީތެރިކަމާއެކުގައެވެ. މުބާރާތުގެ ދެވަނަ ކުލަބު ޑަބަލް އެއިޓަށް ލިބުނުއިރު، ތިންވަނަ ހޯދީ ކާސަލް ޗެސް ކުލަބް އެންޑް އެކަޑަމީންނެވެ. ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، އެމް ސެވަން ގްރޫޕުގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޢަބްދުލް ސައްތާރު ވަނީ ރާޒުވާ ކުރިއެރުވުމަށް ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އެހީތެރިކަމާއި، ޢާންމު ތަންތަނުގައި ރާޒުވާ ކުޅެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

  • ޗެމްޕިއަންކަން ހޯދީ އެއްބުރު ބާކީ އޮއްވައި ބޮޑު ތަފާތަކުން ޒުގްޒުވާންގް ޗެސް ކުލަބުންނެވެ.
  • މި މުބާރާތުގައި ޖުމްލަ 17 ޓީމަކުން ވާދަކޮށްފައިވެއެވެ.
  • ދެވަނަ އަދި ތިންވަނަ މަގާމު ހޯދީ ކުލަބު ޑަބަލް އެއިޓް އަދި ކާސަލް ޗެސް ކުލަބް އެންޑް އެކަޑަމީންނެވެ.
  • ރާޒުވާ ކުރިއެރުވުމަށް ޢާންމު މައިދާންތަކުގައި ފަސޭހައިން ކުޅެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ގޮވާލާފައިވެއެވެ.
  • ބައިނަލްއަޤްވާމީ ފެންވަރުގެ ކުޅުންތެރިން މުބާރާތުގައި ބައިވެރިވެ ކުޅިވަރުގެ ފެންވަރު މަތިކުރުން.
  • ޒުވާން ކުޅުންތެރިންގެ ވިސްނުމާއި ސިކުނޑި ތަރައްޤީކުރުމަށް ރާޒުވާގެ މުހިންމުކަން.
  • ކުޅިވަރުގެ ޤައުމީ ފެންވަރު މަތިކުރުމަށް އެސޯސިއޭޝަނުގެ ހިންގުން ހަރުދަނާކުރުމަށް ބާރުއެޅުން.
ގުޅޭ ޓެގު
comment ކޮމެންޓް