މޯލްޑިވްސް ޖޫނިއަރ ޓީމް ޗެސް މުބާރާތުގެ ޗެމްޕިއަންކަން މައިންޑް މާސްޓާސް އަދި ޕާސްޕޯން ކެޑޭޓުން ހޯދައިފިއެވެ.
ޖީނިއަސް ޗެސް އެކަޑެމީ އާއި މޯލްޑިވްސް ޗެސް ކުލަބު ގުޅިގެން ބޭއްވި މޯލްޑިވްސް ޖޫނިއަރ ޓީމް ޗެސް ޗެމްޕިއަންޝިޕް 2026 ކުރިއަށްދިޔައީ މި މަހުގެ 10 އިން 13 އަށް ހުޅުމާލެ ޗެސް އާކޭޑްގައެވެ.
15 އަހަރާއި 11 އަހަރުން ދަށުގެ އުމުރުފުރާތަކަށް ޚާއްޞަކޮށްގެން ބޭއްވި މި މުބާރާތުގައި ޖުމްލަ 24 ޓީމަކުން 113 ކުޅުންތެރިން ވާދަކޮށްފައިވެއެވެ.

މޯލްޑިވްސް ޖޫނިއަރ ޓީމް ޗެސް މުބާރާތުގެ ތެރެއިން--
މުބާރާތުގެ 15 އަހަރުން ދަށުގެ ބައިން އެއްވަނަ ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، 18 ޕޮއިންޓް ކާމިޔާބުކުރި މައިންޑް މާސްޓާސް އެވެ.
މި އުމުރުފުރާއިން 14 ޕޮއިންޓާއެކު ޑާކްނައިޓްސް ދެވަނަ ހޯދިއިރު، ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ތިންވަނަ ލިބުނީ ޕާސްޕޯން ޖޫނިއާއަށެވެ.
ހަމައެއާއެކު، 11 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން 17 ޕޮއިންޓާއެކު ޕާސްޕޯން ކެޑޭޓް ހޯދިއިރު، 14 ޕޮއިންޓާއެކު ދެވަނަ ހޯދީ ޕައުން ޕެޓްރޯލެވެ. އަދި މިބައިން ތިންވަނަ ލިބުނީ 13 ޕޮއިންޓް ހޯދި ދަ ރޯޔަލްސްއަށެވެ.

މޯލްޑިވްސް ޖޫނިއަރ ޓީމް ޗެސް މުބާރާތުގެ ތެރެއިން--
މުބާރާތް އިންތިޒާމްކުރި ޖީނިއަސް ޗެސް އެކަޑެމީގެ ރައީސް އާދަމް އިބްރާހިމް ވިދާޅުވީ، މިއީ ކުލަބް އެކަޑެމީތަކަށާއި، ސްކޫލްތަކުގެ ޗެސް ކުލަބުތަކުގެ އިތުރުން ހުރިހާ ޗެސް ކުޅުންތެރިންނަށްވެސް ހުޅުވާލައިގެން ބޭއްވި މުބާރާތެއް ކަމަށެވެ.
މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ޒުވާން ކުޅުންތެރިންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދީ، އެކުދިންގެ ހުނަރު އިތުރަށް ހަރުދަނާކުރުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ޖޫނިއަރ ޓީމް ޗެސް މުބާރާތުގެ ތެރެއިން--
ބައިނަލްއަޤްވާމީ 'ފީޑޭ ރޫލްސް އޮފް ޗެސް' ގެ ގަވާއިދާ އެއްގޮތަށް ރެޕިޑް ފޯމެޓަށް ކުޅެވުނު މި 'ފީޑޭ ރޭޓެޑް' މުބާރާތަކީ މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ފުރިހަމަ އެއްބާރުލުމާއެކު ކުރިއަށްދިޔަ މުބާރާތެކެވެ.
މުބާރާތް ކާމިޔާބުކަމާއެކު ނިންމާލުމުގައި ޗެސް ކްލަބްތަކުންނާއި އެކި ފަރާތްތަކުން ލިބުނު އެހީތެރިކަން، އިންތިޒާމްކުރި ފަރާތުން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.