ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އެލްގެ ފަހު މެޗުގައި ޕެނަމާ އަތުން 2-0 އިން މޮޅުވެ އިންގްލެންޑުން ގްރޫޕުގެ އެއްވަނަ މަގާމު ކަށަވަރުކޮށްފިއެވެ.
އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޕެނަމާގެ ވަރުގަދަ ހަމަލާތަކުގެ ސަބަބުން އިނގިރޭސި ޓީމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ދެވަނަ ހާފުގައި އިންގްލެންޑުން ވަނީ މެޗުގެ ކޮންޓްރޯލް އަތުލާފައެވެ.
އެގޮތުން މެޗުގެ 62 ވަނަ މިނެޓުގައި ބުކާޔޯ ސާކާ ނެގި ކޯނަރަކުން ޖޫޑް ބެލިންހަމް ލަނޑެއް ޖަހައި އިންގްލެންޑަށް ލީޑު ނަގައިދިނެވެ. އަދި އޭގެ ފަސް މިނެޓު ފަހުން، މެޗުގެ 67 ވަނަ މިނެޓުގައި ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކެޕްޓަން ހެރީ ކޭން ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އިންގްލެންޑުގެ ލީޑު ފުޅާކޮށްދީފައެވެ.
މި ލަނޑާއެކު ކޭން ވަނީ ވޯލްޑް ކަޕް ތާރީޚުގައި އިނގިރޭސިވިލާތަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އޭނާ ވަނީ ވޯލްޑް ކަޕްގައި 11 ލަނޑު ހަމަކޮށް، ގޭރީ ލިނެކާގެ ގިނަ ދުވަސްވީ ރިކޯޑު މުގުރާލާފައެވެ.

ފީފާ ވޯލްޑް ކަޕް 2026 ގައި އިންގްލެންޑުން ލަނޑު ޖެހުމަށްފަހު ކުޅުންތެރިން އުފާފާޅުކުރަނީ--
މީގެ އިތުރުން މި މެޗުގައި އިންގްލެންޑުގެ ތަޖުރިބާކާރު މިޑްފީލްޑަރު ޖޯޑަން ހެންޑަސަން ކުޅެން އެރުމާއެކު، އޭނާ ވެގެންގޮސްފައިވަނީ ހަތަރު ވޯލްޑް ކަޕެއްގައި އިނގިރޭސިވިލާތް ތަމްސީލުކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މި ގްރޫޕުގެ އަނެއް މެޗުގައި ކްރޮއޭޝިއާއިން ވަނީ 2-1 ގެ ނަތީޖާއަކުން ގާނާ ބަލިކޮށް، ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.
ފިލަޑެލްފިއާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ބައިގަޑިއިރު ފާއިތުވިތަނާ، ގޯލާ 35 ޔާޑު ދުރުން ޕެޓާ ސޫޗިޗް ފޮނުވާލި ބާރު ހަމަލާއަކުން ކްރޮއޭޝިއާއިން މެޗުގެ ލީޑު ނެގިއެވެ.
ނަމަވެސް މެޗު ނިމެން 17 މިނެޓަށވެފައި ވަނިކޮށް، ގާނާގެ ޑެރިކް ލުކާސެން ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްދީފައެވެ. ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ގިނަ ވަގުތުތަކެއް ވަންދެން ބެލުމަށްފަހު ބަލައިގަތް މި ލަނޑާއެކު ކްރޮއޭޝިއާ ވަގުތީގޮތުން ތާވަލުގެ ތިންވަނައަށް ވެއްޓުނު ނަމަވެސް، މެޗުގެ 83 ވަނަ މިނެޓުގައި ލޫކާ މޮޑްރިޗް ނެގި ކޯނަރަކުން ނިކޮލާ ވްލަސިޗް ބޮލުން ކާމިޔާބުކުރި ލަނޑާއެކު ކްރޮއޭޝިއާއިން ވަނީ އަލުން ކުރިހޯދައި މެޗުން މޮޅުވެފައެވެ.

ފީފާ ވޯލްޑް ކަޕް 2026 ގައި ކްރޮއޭޝިއާ އާއި ގާނާ ބައްދަލުކުރި މެޗުގެ ތެރެއިން--
މި ނަތީޖާތަކާއެކު ގްރޫޕް އެލްގެ އެއްވަނަ އިންގްލެންޑަށް ލިބުނީ ހަތް ޕޮއިންޓާއެކުއެވެ. ދެވަނައަށް ދިޔަ ކްރޮއޭޝިއާއަށް ހަ ޕޮއިންޓް ލިބުނުއިރު، ތިންވަނައިގައި ނިންމި ގާނާއަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.
މި މެޗުތަކަށް ނުކުތްއިރުވެސް އިންގްލެންޑާއި ގާނާއަށް ދެވަނަ ބުރުގެ ޖާގަ ކަށަވަރުވެފައިވާއިރު، ގާނާ ދެވަނަ ބުރަށް ހޮވުނީ ތިންވަނައަށްދާ ޓީމުތަކުގެ ތާވަލުގެ ގަދަ 8 ޓީމުގެ ތެރޭގައި ހިމެނިގެންނެވެ. މި ގްރޫޕުގެ ފުލަށްދިޔަ ޕެނަމާ މުބާރާތުން ކެޓީ ކުޅުނު ތިން މެޗުންވެސް ބަލިވެ، ޕޮއިންޓެއް ނުލިބިއެވެ.
ދެވަނަ ބުރުގެ ގަދަ 32 ޓީމު ވާދަކުރާ މެޗުގައި އެޓްލާންޓާގައި އިންގްލެންޑް ބައްދަލުކުރަން ޖެހޭނީ ސެނެގޯލް ނުވަތަ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯއާއެވެ. އަދި ދެވަނަ ބުރުގައި ކްރޮއޭޝިއާ ބައްދަލުކުރާނީ ގްރޫޕް ކޭގެ ދެވަނަ ހޯދާ ޓީމާއެވެ.
މި ވަގުތު އެމަގާމުގައި ޕޯޗުގަލް އޮތްއިރު، ކްރޮއޭޝިއާ ކުޅޭ ދެވަނަ ބުރުގެ މެޗު އޮންނާނީ ޖުލައި 3 ވާ ހުކުރު ދުވަހު ކެނެޑާގެ ޓޮރޮންޓޯގައެވެ. ގާނާއަށް ދެވަނަ ބުރުގައި ވާދަކުރަންޖެހޭނެ ޓީމެއް އެނގޭނީ ކުރިއަށްހުރި މެޗުތަކުގެ ނަތީޖާއަށްފަހުއެވެ.