މ. ދިއްގަރުގައި ފާނަބަސަނދު ފެތުރެމުން އެބަ ދާ ކަމަށާއި، މި ވަގުތު ވެސް ބަލި ޖެހިފައިވާ 20 މީހުން އެބަތިބި ކަމަށް، އެ ރަށު ކައުންސިލުން ބުނެފިއެވެ.
'ސަން'އަށް މައުލޫމާތު ދެއްވަމުން ދިއްގަރު ކައުންސިލުގެ ނައިބު ރައީސް ޢަބްދުالله ޢާރިފް ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދިއްގަރުގައި 25 މީހަކަށް މި ފަހުން ފާނަބަސަނދު ޖެހިފައިވާ ކަމަށެވެ. މިހާރު އެ ބަލިން ރަނގަޅު ނުވެ ތިބި މީހުންގެ އަދަދަކީ 20 ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވެ، ރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް، ޢާރިފް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި، ރަށުގެ ހާލަތު އަންނަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ.
"[އެގޮތުން] މާސްކް އެޅުމާއި އެއްވެ އުޅުންތައް މަޑުޖައްސައިލުން، މިގޮތަށް މި މަސައްކަތްކުރަނީ،" ޢާރިފް ވިދާޅުވިއެވެ.
ދިއްގަރުގައި ފާނަބަސަނދު ފެތުރުނީ ނިމިދިޔަ އަޟްޙާ ޢީދުގެ ބަންދަށް ފަހުގައެވެ.
ފާނަބަސަނދުގެ އަލާމާތްތަކުގެ ތެރޭ ހިމެނެނީ:
- ހުންއައުން
- ވަރުދެރަވުން
- ނޭފަތުން ފެންއައުން
- ހަމުގައި ބިހިތަކެއް ނެގުން
އެޗްޕީއޭއިން ބުނީ، ފާނަބަސަނދު ޖެހިފައިވާ މީހެއްގެ ގައިގައި ނަގާ ބިހިތައް ފެންފޮޅުތަކަކަށް ބަދަލުވާނެ ކަމަށެވެ. އެ ބިހިތަކަކީ ވަރަށް ހިރުވާ، ފަސޭހައިން ފަޅައިގެނދާ ބިހިތަކެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި، ދެތިން ދުވަސް ތެރޭގައި ހަށިގަނޑުގެ އެކި ތަންތާ ފެންބިހި ނަގާނެ ކަމަށް މައުލޫމާތުދިނެވެ.
ފާނަބަސަނދު ފެތުރޭ ގޮތްތައް:
- ބަލިޖެހިފައި ހުރި މީހަކު ކެއްސާ ކިނބިހި އަޅާ ހަދާއިރު ނޭވާލާ ނިޒާމުގެ ޒަރީއާއިން
- ބިހި ނަގާފައި ހުރި މީހެއްގެ ގައިގައި ބީހުމުން ނުވަތަ އޭނާ ބޭނުންކޮށްފައިވާ ތުވާލި، އަންނައުނު ފަދަ ތަކެތި ބޭނުންކުރުމުން
- ގައިގައި ހުރި ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން މި ބަލި އެކަކު ގައިން އަނެކަކު ގަޔަށް ފެތުރޭނެ