"އޮމެގާ-3" ގިނަ އަދަދަކަށް އެކުލެވޭ ކަނޑުމަހާއި ފަރުމަހަކީ، ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދީ، ގިނަ ދުވަސްވީ ކިޑްނީގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ބާވަތެއް ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ.
ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ކާނާގެ ތެރޭގައި ގަވާއިދުން ސަލްމަން، މެކަރަލް، ޓްރައުޓް އަދި ކަނޑުމަހުގެ ބާވަތްތައް ހިމެނުމަކީ ކިޑްނީގެ މަސައްކަތްތައް ރައްކާތެރިކޮށްދީ، ކިޑްނީގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭނެ ކަމެކެވެ.
މީގެ އިތުރުން، މިއީ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ވެސް ވަރަށް ބޮޑަށް ކުޑަކޮށްދޭ ބާވަތެކެވެ. އެމެރިކަން ހާޓް އެސޯސިއޭޝަނުން ލަފާދެނީ ހަފުތާއަކު މަދުވެގެން ދެ ފަހަރު 'އޮމެގާ 3' އެކުލެވޭ ތެޔޮ މަސް ކެއުމަށެވެ.
ކިޑްނީގެ މައިގަނޑު މަސައްކަތަކީ ލޭގެ ތެރޭގައި ހުންނަ ކުނިބުންޏާއި، އިތުރުވާ ފެނާއި، ވިހަ މާއްދާތައް ފުރާނާލުމެވެ. މީގެ އިތުރުން ލޭގެ ޕްރެޝަރު އެއްވަރަކަށް ހިފެހެއްޓުމާއި، ހަށިގަނޑުގެ މެޓަބޮލިޒަމް ދުޅަހެޔޮކޮށް ބެހެއްޓުމުގައިވެސް ކިޑްނީ މުހިންމު ދައުރެއް އަދާކުރެއެވެ. ކިޑްނީގެ މަސައްކަތްތައް ދަށްވާން ފެށުމުން، ހަށިގަނޑުގައި ކުނިބުނި ޖަމާވެ، ސިއްހީ ގޮތުން ނުރައްކާތެރި މައްސަލަތަކާ ކުރިމަތިލާންޖެހެއެވެ.

'އޮމެގާ-3'ގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ދާއިމީ ދުޅަވުން ކުޑަކޮށްދީ، ކިޑްނީގެ މަސައްކަތްތައް ރަނގަޅުކޮށްދޭ--ފޮޓޯ/އެންޑީޓީވީ
'ނޭޗާ ރިވިއުސް' ޖާނަލްގައިވާ ދިރާސާއަކަށް ބަލާއިރު، ގިނަ ދުވަސްވީ ކިޑްނީގެ ބައްޔަކީ ދުނިޔޭގެ ނިސްބަތުން ކޮންމެ 10 މީހަކުން އެކަކަށް ޖެހޭ ނުރައްކާތެރި ބައްޔެކެވެ. ހަކުރު ބައްޔާއި، ލޭގެ ޕްރެޝަރު މަތިވުން ފަދަ ދިރިއުޅުމުގެ އާދަކާދަތަކާ ގުޅިފައިވާ ސަބަބުތަކާހުރެ ދުނިޔޭގައި އެންމެ ހަލުވިކަމާ އެކު މީހުން މަރުވާ އެއް ބައްޔަކީ ކިޑްނީގެ ބައްޔެވެ.
ކިޑްނީއަށް ލިބޭ ގެއްލުންތަކަކީ ގިނަ ފަހަރަށް އެނގުމަކާ ނުލައި ދިމާވާ ކަންކަމަށްވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ވަރަށް މުހިންމެވެ.
'އޮމެގާ-3' ހިމެނޭ މަސް ކެއުމުގެ ސަބަބުން ހަށިގަނޑުގެ އެކި ބައިތައް ދުޅަވުމުން ދުރުކޮށްދޭއިރު، ކިޑްނީގެ ބަލިތައް ބޮޑުވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ހަށިގަނޑުގައި އުފެދޭ ދާއިމީ ދުޅަވުމެވެ. 'އޮމެގާ-3'ގެ ސަބަބުން މި ދުޅަވުން ކުޑަކޮށްދީ، ކިޑްނީގެ މަސައްކަތްތައް ރަނގަޅުކޮށްދެއެވެ.
ކިޑްނީގެ ދުޅަހެޔޮކަމާއި ހިތުގެ ދުޅަހެޔޮކަމަކީ ވަރަށް ބޮޑަށް ގުޅިފައިވާ ދެ ކަމަށްވާތީ، ލޭގެ ޕްރެޝަރު މަތިވުމަކީ ކިޑްނީގެ ބަލިތަކަށް މަގުފަހިވާ މައިގަނޑު ސަބަބެކެވެ. 'އޮމެގާ-3' އެކުލެވޭ މަސް ކެއުމުން ލޭގެ ޕްރެޝަރު ދަށްކޮށްދީ، ލޭ ހިނގާ ނިޒާމުގެ މަސައްކަތްތައް ފަސޭހަކޮށްދެއެވެ. މީގެ ސަބަބުން ކިޑްނީއަށް ކުރާ ބާރު ކުޑަކޮށްދިނުމަށް އެހީތެރިވެދެއެވެ.

'އޮމެގާ-3'އިން މުއްސަނދިވެފައިވާ ކަނޑު މަހާއި ފަރުމަުގެ ބާވަތްތައް--ފޮޓޯ/ޕިންޓްރެސްޓް
މަސްތަކާއި ޓިޝޫތައް މަރާމާތު ކުރުމަށް ޕްރޮޓީން ބޭނުންވާއިރު، 'އޮމެގާ-3' އެކުލެވޭ ތެޔޮ މަހަކީ ހަށިގަނޑަށް ބޭނުންވާ ހުރިހާ އެމިނޯ އެސިޑްތަކެއް އެކުލެވޭ ފެންވަރު ރަނގަޅު ޕްރޮޓީން ލިބޭ ބާވަތެކެވެ. ސޯސެޖާއި އެ ނޫންވެސް ޕްރޮސެސްކޮށްފައި ހުންނަ މަހުގެ ބާވަތްތަކާ ހިލާފަށް، މި ބާވަތުގެ މަހަކީ ސިއްހަތަށް ފައިދާހުރި ޕްރޮޓީންގެ މަސްދަރެކެވެ.
'އޮމެގާ-3' އާއި ޕްރޮޓީންގެ އިތުރުން، މި މަހުގައި އެކުލެވޭ މުހިންމު މާއްދާތަކުގެ ތެރޭގައި، ވިޓަމިން ޑީ، ވިޓަމިން ބީ12 އަދި ސެލެނިއަމް ހިމެނެއެވެ.
އޮމެގާ-3' އެކުލެވޭ މަހަކީ ގިނަ މީހުންނަށް ފައިދާހުރި އެއްޗަކަށް ވީނަމަވެސް، ކިޑްނީގެ ބަލި ބޮޑުވެފައިވާ މީހުން މި މަސް ކެއުމުގައި ހިމަނާއިރު ހާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަންކަން ހުރެއެވެ.
ބައެއް ބާވަތްތަކުގެ މަހުގައި ފޮސްފަރަސް އަދި ޕޮޓޭސިއަމް ގިނަ އަދަދަކަށް ހުރެދާނެއެވެ. އެހެންކަމުން، ކިޑްނީގެ ބަލި ހުންނަ މީހުން މަސް ކެއުން އިތުރުކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.