ފީފާ ވޯލްޑް ކަޕްގެ ތާރީޚުގައި ޖެހިޖެހިގެން 6 މުބާރާތެއްގައި ލަނޑު ޖެހި ފުރަތަމަ އަދި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފިއެވެ.
އެއާއެކު ރޮނާލްޑޯ ވަނީ ދުނިޔޭގެ ރެކޯޑު ފޮތުންވެސް ޖާގަ ހޯދާފައެވެ. ރޮނާލްޑޯއަށް މި ޝަރަފް ލިބުނީ ވޯލްޑް ކަޕްގައި ޕޯޗުގަލް ކުޅުނު ދެވަނަ މެޗުގައި އުޒްބެކިސްތާނާ ދެކޮޅަށް މެޗުގެ 6 ވަނަ މިނެޓުގައި ރޮނާލްޑޯ ޖެހި ލަނޑާއެކުއެވެ.
އެމެރިކާގެ ހޫސްޓަން ސްޓޭޑިއަމްގައި ކުުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރޮނާލްޑޯ ވަނީ އިތުރު ލަނޑެއްވެސް ޖަހާފައެވެ.
އޭނާ ވެގެން ގޮސްފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ތާރީޚުގައި ޖެހިޖެހިގެން 6 ތަފާތު މުބާރާތެއްގައި ލަނޑު ކާމިޔާބުކުރި ފުރަތަމަ އަދި ހަމައެކަނި ކުޅުންތެރިޔާއަށެވެ.
2006 ވަނަ އަހަރު ޖަރުމަނުވިލާތުގައި ބޭއްވި ވޯލްޑް ކަޕުން ފެށިގެން މިހާތަނަށް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ބޭއްވުނު ކޮންމެ ވޯލްޑް ކަޕެއްގައިވެސް ރޮނާލްޑޯ ވަނީ ގޯލު ޖަހައި، އޭނާގެ ކާމިޔާބު ކެރިއަރުގައި އައު ސޮފްހާއެއް ލިޔެފައެވެ.
އުމުރުން 41 އަހަރާއި 138 ދުވަހުގައި އުޒްބެކިސްތާން ކޮޅަށް ޖެހި މި ލަނޑާއެކު، ރޮނާލްޑޯ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި ލަނޑު ޖެހި ދެވަނައަށް އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފްވެސް ހޯދާފައެވެ.
މި ރެކޯޑުގައި ރޮނާލްޑޯ ފަހަތަށް ޖައްސާލީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މި މަގާމު ހޯދި ޕޯޗުގަލްގެ ކުރީގެ ޑިފެންޑަރު ޕެޕޭއެވެ. މި ލިސްޓުގެ އެއްވަނައިގައި އަދިވެސް އޮތީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އުމުރުން 42 އަހަރާއި 39 ދުވަހުގައި ލަނޑު ޖެހި ކެމަރޫންގެ ލެޖެންޑް ރޮޖާ މިލާއެވެ.