އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުންނާއި ލޭބާ ޕާޓީގެ ލީޑަރުކަމުން ކިއާ ސްޓާމާ ހޯމަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން، ވާދަވެރި އިންތިޚާބަކާ ނުލައި އެންޑީ ބާންހަމް އެ މަގާމަށް ވަޑައިގަތުމަށް ހުރަސްއެޅުމުގެ ގޮތުން ލޭބާ ޕާޓީގެ އިސް ދެ މެންބަރަކު ލީޑަރުކަމަށް ވާދަކުރެއްވުމަށް ވިސްނަވަމުން ގެންދަވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ލޭބާ ޕާޓީގެ ގިނަ މެންބަރުން ގަބޫލުކުރާ ގޮތުގައި، އާ ލީޑަރަކު ހޮވުމަށް ނޮމިނޭޝަން ހުށަހެޅުމުގެ ފުރުސަތު ބަންދުކުރާ ދުވަސް ކަމަށްވާ ޖުލައި 16 އަށް ފަހު ޖެހިގެން އަންނަ ޖުލައި 17 ގައި ބާންހަމް ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަކީ އެކަށީގެންވާ ކަމެކެވެ.
ކުރީގެ ޑިފެންސް މިނިސްޓާ އަލް ކާންސް ވަނީ ލީޑަރުކަމަށް ވާދަކުރެއްވުމާ މެދު ވިސްނަވަމުން ގެންދަވާކަން ހާމަކުރައްވާފައެވެ. އޭނާގެ އިތުރުން، ސްޓާމާގެ ޗީފް ސެކްރެޓަރީ ޑަރެން ޖޯންސް ވެސް މި ރޭހަށް ނުކުމެވަޑައިގަތުމުގެ ފުރުސަތު އޮތްކަމަށް ބީބީސީން ވަނީ ރިޕޯޓުކޮށްފައެވެ. ސްޓާމާގެ އަރިސް ބޭފުޅެއް ކަމަށްވާ ޖޯންސްއަށް ވާދަކުރެއްވުމަށް ބައެއް މެންބަރުން ދަނީ ބާރުއަޅަމުންނެވެ.
ދިފާއީ ދާއިރާގެ ޚަރަދުތަކާ މެދު ހިތްހަމަނުޖެހިގެން މި މަހުގެ ކުރީކޮޅު މަގާމުން އިސްތިއުފާ ދެއްވި ކާންސް އައިޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، ވާދަކުރުމުގައި އޭނާ އަދި ވަކި ގޮތެއް ނުނިންމަވައެވެ. "މިކަމާ މެދު އެއްވެސް ސިފައެއްގައި ގޮތެއް ނިންމަން އަދި ތައްޔާރެއް ނޫން." ކާންސް ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2029 އަދި 2034 ވަނަ އަހަރަށް އަމާޒުކޮށްގެން ބޮޑެތި ނަތީޖާތަކެއް ނެރުމަށް ސްޓްރެޓެޖީއަކާ މެދު ވިސްނަންޖެހެއެވެ.

ބާންހަމް އާއެކު ވާދަކުރާނެ ކަމަށް ބެލެވޭ ލޭބާ ޕާޓީގެ މެމްބަރު ޑެރެން ޖޯންސް (ކ) އާއި އަލް ކާންސް (ވ). ފޮޓޯ/ރޮއިޓާސް
މޭކާފީލްޑް ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވުމަށްފަހު ހޯމަ ދުވަހު ރަސްމީކޮށް މެންބަރުކަމުގެ ހުވާކުރެއްވި ކުރީގެ ގްރޭޓާ މެންޗެސްޓާގެ މޭޔަރު އެންޑީ ބާންހަމް ވަނީ ލީޑަރުކަމަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައެވެ. އޭނާއާ އެންމެ ބޮޑަށް ވާދަކުރައްވާނެ ކަމަށް ބެލެވުނު ކުރީގެ ހެލްތު ސެކްރެޓަރީ ވެސް ސްޓްރީޓިން ވަނީ ބަންހަމްއަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ. މިއާއެކު، އިންތިޚާބަކާ ނުލައި ބާންހަމްއަށް ލީޑަރުކަން ލިބުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ.
ލޭބާ ޕާޓީގެ އާ ލީޑަރަކު ހޮވުމަށް ނޮމިނޭޝަން ހުށަހެޅުމުގެ ފުރުސަތު ޖުލައި 9 ގައި ހުޅުވާލުމަށްފަހު، ޖުލައި 16 ގައި ބަންދުކުރާނެއެވެ. ކެންޑިޑޭޓުންނަށް ވާދަކުރެވޭނީ މަދުވެގެން 81 މެންބަރުންގެ ތާއީދު ހޯދައިގެންނެވެ.
ނަމަވެސް، ވާދަވެރި އިންތިޚާބެއް ނެތި، ސިޔާސަތުތައް އިމްތިހާނު ނުކުރެވި އާ ލީޑަރަކު ހޮވުމަކީ ޕާޓީގެ ގިނަ މެންބަރުން ކަންބޮޑުވާ ކަމެކެވެ. ރަގްބީ ދާއިރާގެ މެންބަރު ޖޯން ސްލިންގާ ބީބީސީއަށް ވިދާޅުވި ގޮތުގައި، ގައުމުގެ އެންމެ އިސް މަގާމަށް އަންނަ މީހަކު އާންމު އުސޫލުން ސްކްރޫޓިނީ ނުކޮށްފިނަމަ، އާންމުންގެ ކުރިމަތީގައި ޕާޓީގެ އަގު ވެއްޓޭނެއެވެ. އިދިކޮޅު ފަރާތްތަކުން ވެސް ދަނީ މިކަމަށް ފާޑުކިޔަމުންނެވެ. ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކެމީ ބޭޑެނޮކް ވަނީ ސްޓާމާ އަކީ "ވަރަށް ގޯސް ބޮޑުވަޒީރެއް" ކަމަށް ސިފަކުރައްވައި، ލޭބާ ޕާޓީގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެފައެވެ. ރިފޯމް ޕާޓީގެ ލީޑަރު ނައިޖެލް ފަރާޖް ވަނީ އާންމު އިންތިޚާބަކަށް ގޮވާލައްވާފައެވެ. އަދި ލިބަރަލް ޑިމޮކްރެޓްސްގެ ލީޑަރު އެޑް ޑޭވީ ވިދާޅުވީ، "ކަމެއް ބަދަލުނުވެ، ބޮޑުވަޒީރުން ބަދަލުވަމުންދާ ދިއުމާމެދު ރައްޔިތުން ތިބީ ފޫހިވެފައި" ކަމަށެވެ. ގްރީން ޕާޓީގެ ލީޑަރު ޒެކް ޕޮލާންސްކީ ވިދާޅުވީ ބާންހަމްއަށް ހެޔޮ ބަދަލެއް ގެނެވިދާނެ ކަމާމެދު އަދި ޔަގީން ނޫން ކަމަށް ވިދާޅުވެފައެވެ.
އިގްތިސާދު ކުރިއެރުވުމަށާއި ސަރުކާރުގެ މާލީ އުސޫލުތައް ހިފެހެއްޓުމަށް ވައުދުވެވަޑައިގެން، ބާންހަމް އަންނަ ހަފްތާގައި ތަގުރީރެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭނާގެ އަރިސް ބޭފުޅުން ބުނާ ގޮތުގައި، ޗާންސެލަރަކަށް އައްޔަންކުރާނެ ބޭފުޅަކު އަދި ނުނިންމަވައެވެ.
ދެހާސް ވިހި ވަނަ އަހަރުގެ އޭޕްރީލް މަހު ލޭބާ ޕާޓީގެ ލީޑަރުކަމަށް ވަޑައިގެންނެވި ސްޓާމާ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތީ 2024 ވަނަ އަހަރުގެ ޖުލައި 5 ގައެވެ. އޭނާ އިސްތިއުފާ ދެއްވުމުން، 2016 ވަނަ އަހަރަށްފަހު އިނގިރޭސިވިލާތަށް 7 ވަނަ ބޮޑުވަޒީރަކު އައްޔަންކުރެވޭނެއެވެ. ހޯމަ ދުވަހުގެ ރޭ ސްޓާމާ އަދި އޭނާގެ އަނބިކަނބަލުން ވިކްޓޯރިއާ ވަނީ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން ބައްދަލުވުމެއް ބާއްވަވާފައެވެ.