ވޭތުވެދިޔަ ތިން އަހަރު 70،000 އަށް ވުރެ ގިނަ މީހުން ނަފްސާނީ ބައްޔަށް ފަރުވާ ދޭ ޑޮކްޓަރުންގެ އެހީތެރިކަން ހޯދައިފައިވާ ކަމަށާއި، އޭގެ ތެރޭގައި ގިނައީ މާލެ ސަރަހައްދުން އެހީތެރިކަން ހޯދި މީހުން ކަމަށް، ހެލްތު މިނިސްޓަރު ޤީލާ ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)ގެ ސުވާލަކަށް ޖަވާބުދެއްވަމުން ޤީލާ ވިދާޅުވީ، 2023ވަނަ އަހަރުން 2025ވަނަ އަހަރުގެ ނިޔަލަށް 70،000 އަށް ވުރެ ގިނަ މީހުން ސައިކޭޓްރިސްޓެއްގެ އެހީތެރިކަން ހޯދި ކަމަށާއި، އޭގެ ތެރޭ މާލެ ސަރަހައްދުން އެކަނިވެސް 45،000 އަށް ވުރެ ގިނަ މީހުން ހިމެނޭ ކަމަށެވެ.
އެއީ މެންޓަލް ހެލްތު ހޮސްޕިޓަލެއް މާލޭ ސަރަހައްދުގައި ހުންނަން ޖެހޭ އެއް ސަބަބު ކަމަށް، ޤީލާ ވިދާޅުވިއެވެ.
"ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ސިއްހީ ނިޒާމުގެ ތެރެއިން ނަފުސާނީ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތުމުން، އެފަދަ ފަރުވާއެއް ދިނުމަށް ސަރުކާރުތަކުން ދީފައިވާ އަހައްމިއްޔަތު ކުޑަވުމުގެ ސަބަބުން އެކަށީގެންވާ ގޮތެއްގައި މި ފަރުވާ ދެވިފައިނުވާކަން އަޅުގަނޑު ފާހަގަކޮށްލަން،" ޤީލާ ވިދާޅުވިއެވެ.
މުޖުތަމައު ދެކޭ ގޮތުގެ ސަބަބުން ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދުމުގައި މީހުން ޖެހިލުންވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އޭޕްރިލް މަހުގެ 27ވަނަ ދުވަހު ހާމަކުރެއްވި ތަފާސްހިސާބުގައިވާ ގޮތުން، ނަފުސާނީ އެކި ބަލިތަކަށް ދޭ ފަރުވާ މި އަހަރުން ފެށިގެން އާސަންދައިން ކަވަރުކުރަން ފެށި ފަހުން އެ މަހުގެ 24ވަނަ ދުވަހުގެ ނިޔަލަށް 10،954 މީހަކު ފަރުވާ ހޯދައިފައިވެއެވެ.
ސަރުކާރުން ޚަރަދުކޮށް އިމާރާތްކުރާ މެންޓަލް ހެލްތު ހޮސްޕިޓަލު އިމާރާތްކުރަން ހުޅުމާލޭން 10،000 އަކަފޫޓުގެ ބިމެއް ކަނޑައަޅައިފައިވާ ކަމަށް، މިއަދުގެ ޖަލްސާގައި ޤީލާ ވިދާޅުވެފައިވެއެވެ.
ބޭރު ގައުމުތަކުން ލޯނު ނުލިބުމުގެ ސަބަބުން ސަރުކާރުގެ ޚަރަދުގައި މެންޓަލް ހެލްތު ހޮސްޕިޓަލު އަޅަން ސަރުކާރުން ނިންމެވިކަން ހާމަކުރެއްވީ ރައީސެވެ. އެކަމަކު ހޮސްޕިޓަލް އިމާރާތްކުރާނެ ސީދާ ތަނެއް އެމަނިކުފާނު އޭރު ހާމަ ނުކުރައްވައެވެ.