މި އަންނަ މަހުގެ ފުރަތަމަ ހަފްތާތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއާގެ އެކްޓަރު އާމިރު ޚާންގެ ކައިވެނީގެ ރަސްމިއްޔާތަކީ ވަރަށް އާދައިގެ ގޮތަކަށް ބާއްވާ ހަފްލާއެއް ކަމަށް އެކްޓަރު ބުނެފިއެވެ.
ލޯބިވެރިޔާ ގޯރީ ސްޕްރެޓްއާ ކުރަން ހަމަޖެހިފައިވާ ކައިވެނީގެ ތަފްސީލުތައް ހިއްސާކުރަމުން އާމިރު ބުނީ، މި ކައިވެނީގެ ރަސްމިއްޔާތަކީ ހަމައެކަނި އާއިލާގެ މެންބަރުންނާއި ގާތް ރަހުމަތްތެރިންގެ މެދުގައި ބޭއްވޭ ވަރަށް އާދައިގެ، އަމިއްލަ ހަފުލާއެއް ކަމަށެވެ. ބޮޑު އަދި އަގުބޮޑު ހަފުލާއެއް ބޭއްވުމުގެ ބަދަލުގައި، ދެމީހުންވެސް ބޭނުންވީ ކަންކަން ސާދާކޮށް ބޭއްވުމަށް ކަމަށް އާމިރު ވަނީ ބުނެފައެވެ.
"މިއީ ވަރަށް އަމިއްލަ ކަމެއް. ގޭގައި ބޭއްވޭ ވަރަށް އާދައިގެ ރަޖިސްޓްރީ ކައިވެންޏެއް މިއީ. ބައިވެރިވާނީ ދެ އާއިލާގެ މެންބަރުންނާއި ވަރަށް ގާތް ރަހުމަތްތެރިން އެކަނި،" ވެރައިޓީ އިންޑިއާއަށް ދިން އިންޓަވިއުއެއްގައި އާމިރު ބުނެފައިވެއެވެ.
މީގެ އިތުރުން، އާމިރު ވަނީ އޭނާގެ ދިރިއުޅުމުގެ މި ދުވަސްވަރަކީ ވަރަށް އުފާވެރި ދުވަސްވަރެއްގެ ގޮތުގައި ސިފަކޮށް، ގޯރީ އަކީ އޭނާއަށް ލިބުނު ނިއުމަތެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އާމިރު ޚާން ލޯބިވެރިޔާ ގޯރީއާ އެކު ފިލްމު "ސިތާރޭ ޒަމީން ޕަރް"ގެ ޕްރީމިއާގައި--ފޮޓޯ/އެންޑީޓީވީ
ކައިވެނީގެ ހަބަރާ އެކު އާންމުންގެ މެދުގައި އުފެދިފައިވާ ބޮޑު ޝައުގުވެރިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން އާމިރު ބުނީ، މަޝްހޫރު ފަންނާނުންނާއި ކުޅިވަރު ކުޅުންތެރިންގެ އަމިއްލަ ދިރިއުޅުމަށް މީހުން މިހާ ބޮޑަށް ފާރަލަނީ ކީއްވެގެންކަން ނޭނގޭ ކަމަށެވެ.
އަދި މީހުން ޝައުގުވެރިވާންވީ ފަންނާނުން ކުރާ މަސައްކަތަށް ކަމަށާއި، އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ނޫންކަމަށް އާމިރު ވަނީ ބުނެފައެވެ. އާއްމުންނަށް އެކްޓަރުގެ ކައިވެނީގެ ޚަބަރު އެނގުނީ ކިހިނެއްކަން ނޭނގޭ ކަމަށާއި ސިއްރެއްގެ ގޮތުގައި އެއްވެސް ކަމެއް މިޒަމާނުގައި ނުބޭއްވޭ ކަމަށްވެސް އާމިރު ވަނީ މި އިންޓަވިއުގައި ފާހަގަކޮށްފައެވެ.
އާމިރު އާއި ގޯރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އިއުލާނުކުރީ މިދިޔަ އަހަރު ފާހަގަކުރި އެކްޓަރުގެ 60 ވަނަ އުފަންދުވަހުއެވެ.
އާމިރު ވަނީ މީގެ ކުރިން ދެ ކައިވެންޏެއް ކޮށްފައެވެ. ފުރަތަމަ ކައިވެންޏަށް ދެ ކުދިން ލިބިފައިވާއިރު ދެ ވަނަ ކައިވެންޏަށް ފިރިހެން ކުއްޖަކު ވަނީ ލިބިފައެވެ.