ޒާކިރުގެ ޚާއްސަ ސްޓޭންޑް-އަޕް ކޮމެޑީ ހުށަހެޅުމެއް ނެޓްފްލިކްސްއަށް

އިންޑިއާގެ މަގުބޫލު ސްޓޭންޑް-އަޕް ކޮމީޑިއަން ޒާކިރު ޚާން--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އިންޑިއާގެ މަގުބޫލު ކޮމީޑިއަން ޒާކިރު ޚާންގެ ޚާއްސަ ސްޓޭންޑް-އަޕް ކޮމެޑީ ހުށަހެޅުމެއް ކަމަށްވާ "ޕާޕާ ޔާރު" ނެޓްފްލިކްސްއިން ދައްކަން ތައްޔާރުވެއްޖެއެވެ.

ޒާކިރު ޚާންގެ އެންމެ ފަހުގެ ސްޓޭންޑް-އަޕް ކޮމެޑީ "ޕާޕާ ޔާރު" ނެޓްފްލިކްސް މެދުވެރިކޮށް ދައްކަން ތައްޔާރުވެފައިވާކަން އެ ޕްލެޓްފޯމުން ރަސްމީކޮށް އިޢުލާނު ކުރިއިރު، ޒާކިރުގެ ބައްޕަ، އުސްތާޛް އިސްމާއީލް ޚާންއާ އެކު ވާހަކަދައްކާ މަންޒަރު ފެންނަ ކުރު ވީޑިއޯ (ޓީޒާ)އެއް ވެސް އެ ޕްލެޓްފޯމްގެ ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފައެވެ.

ނެޓްފްލިކްސް މެދުވެރިކޮށް ޒާކިރުގެ އެންމެފަހުގެ ޝޯ ގެނެސްދޭނެކަން އިއުލާނުކޮށްފައި ވަނީ ދާދިފަހުން ދުނިޔޭގެ ގިނަ ބަޔަކު ފާހަގަކުރި ބައްޕައިންގެ ދުވަހާ ގުޅުވައިގެންނެވެ.

މި ހާއްސަ ޝޯ ނެޓްފްލިކްސްއަށް ގެންނާނެކަން އިއުލާނުކުރިއިރު، މިދިޔަ އަހަރުގެ ޖޫން މަހު ޒާކިރު ފެށި "ޕާޕާ ޔާރު" ޓުއަ ވަނީ ކާމިޔާބުކަމާ އެކު ނިންމާލާފައެވެ.

ޒާކިރު އިންޑިއާގެ ލީލާވަތީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ ދުވަސްވަރުގެ ފޮޓޯއެއް ބެލުންތެރިންނާ ހިއްސާކޮށްފައި. އޭނާ ފަރުވާ ހޯދަމުން އަންނަނީ ސީދާ ކޮން ބައްޔަކަށް ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވޭ--ފޮޓޯ/އިންސްޓަގްރާމް

މި ޓުއަގެ އެންމެ ފަހު ޝޯ މުމްބާއީގައި ބޭއްވިއިރު، އިންޑިއާގެ ތަޖުރިބާކާރު އެކްޓަރު އަދި ކޮމީޑިއަން ޖޯނީ ލީވާ ވެސް ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވިއެވެ.

ޒާކިރު ޚާން އަކީ 2012 ވަނަ އަހަރު ކޮމެޑީ ސެންޓްރަލްގެ "އިންޑިއާސް ބެސްޓް ސްޓޭންޑް-އަޕް ކޮމީޑިއަން" މުބާރާތް ކާމިޔާބު ކުރުމަށްފަހު، އިންޑިއާގެ ކޮމެޑީ ދާއިރާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަންނާނެކެވެ.

މީގެ ކުރިން އޭނާ ވަނީ "ހަގް ސޭ ސިންގަލް"، "ކަކްޝާ ގްޔާރީ" އަދި "ޒާކިރު ޚާން: ޑެލޫލޫ އެކްސްޕްރެސް" ފަދަ ކާމިޔާބު އެތައް ޝޯތަކެއް ބެލުންތެރިންނަށް ގެނެސްދީފައެވެ.

ސިއްހީ ހާލަތު ހުރިގޮތުން ކުރިއަށް އޮތް ތިން ވަރަކަށް އަހަރުވަންދެން ސްޓޭންޑް-އަޕް ކޮމެޑީ މަސައްކަތްތަކުން ބްރޭކެއް ނަގަން ނިންމިކަން ޒާކިރު ވަނީ ދާދިފަހުން އިއުލާނުކޮށްފައެވެ.

ޒާކިރުގެ "ޕާޕާ ޔާރު" ނެޓްފްލިކްސްގައި ދައްކަން ފަށާނެކަން އިއުލާނުކުރި ނަމަވެސް އެ ޝޯ ދައްކަން ފަށާނެ ސީދާ ތާރީހެއް އެ ކުންފުނިން އަދި ހާމައެއް ނުކުރެއެވެ.

އިންޑިއާގެ މަގުބޫލު ކޮމީޑިއަން ޒާކިރު ޚާންގެ އެންމެ ފަހުގެ ސްޓޭންޑް-އަޕް ކޮމެޑީ ޝޯ "ޕާޕާ ޔާރު" ނެޓްފްލިކްސްއިން ގެނެސްދޭނެކަން ރަސްމީކޮށް އިޢުލާނުކޮށްފިއެވެ. ބައްޕައިންގެ ދުވަހާ ގުޅުވައިގެން މިކަން އިޢުލާނުކުރިއިރު، ޝޯގެ ޚާއްޞަ ޓީޒާއިން އޭނާގެ ބައްޕަ ވެސް ފެނިގެންދެއެވެ. މިދިޔަ އަހަރު ފެށި މި ޝޯގެ ޓުއަރ ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، ސިއްޙީ ސަބަބުތަކަށްޓަކައި ކުރިއަށް އޮތް ތިން އަހަރު ދުވަހަށް ކޮމެޑީ މަސައްކަތްތަކުން ދުރަށްދާން ޒާކިރު ވަނީ ނިންމާފައެވެ.

  • ޒާކިރުގެ އާ ޝޯ "ޕާޕާ ޔާރު" ނެޓްފްލިކްސްއިން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
  • މި ޝޯ ދައްކަން ފަށާނެ ސީދާ ތާރީޚެއް ނެޓްފްލިކްސްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
  • ޝޯގެ ޓީޒާގައި ޒާކިރުގެ ބައްޕަ، އުސްތާޛް އިސްމާޢީލް ޚާން ވަނީ ބައިވެރިވެފައެވެ.
  • ސިއްޙީ ހާލަތު ހުރިގޮތުން ޒާކިރު ވަނީ ސްޓޭންޑް-އަޕް ކޮމެޑީއިން ތިން އަހަރުގެ ބްރޭކެއް ނަގާފައެވެ.
  • މި ޓުއަރގެ އެންމެ ފަހު ޝޯގައި ޚާއްޞަ މެހެމާނެއްގެ ގޮތުގައި ޖޯނީ ލީވަރ ބައިވެރިވެފައިވެއެވެ.
comment ކޮމެންޓް