އެމެރިކާގެ ޓެކްސަސްގެ ކޭޓީގައި ޓެސްލާ މޮޑެލް 3ގެ ކާރެއް އޮޓޯޕައިލެޓް މޯޑްގައި ދުއްވާފައިދަނިކޮށް ކޮންޓްރޯލުން ނެއްޓި، މަގުން ކަސިޔާރުވެގެން ގޮސް ގެއެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެ ގޭތެރޭގައި ހުރި އަންހެނަކު މަރުވެއްޖެއެވެ.
ހެރިސް ކައުންޓީގެ ޝެރިފް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގި ވަގުތު ކާރު ދުއްވަން އިން މައިކަލް ބަޓްލާ ނަމަކަށް ކިޔާ މީހާ އިނީ ކާރުގެ އޮޓޯމޭޓަޑް ޑްރައިވިން އެސިސްޓެންސް ސިސްޓަމް ނުވަތަ "އޮޓޯޕައިލެޓް" ފީޗާ އެކްޓިވްކޮށްގެންނެވެ.
ފުލުހުންގެ ރިޕޯޓުތައް ބުާގޮތުން މި ކާރު ދަތުރުކުރަމުންދިޔައީ ވަރަށް ބާރު މިނުގައެވެ. އެބާރު މިނުގައި ގޮސް، ސީދާ އެ ގޭގައި ލައިގަތީއެވެ.
މި ހާދިސާގައި މަރުވެފައިވަނީ ގޭގެ އެތެރޭގައި ހުރި މާތާ އަވިލާ ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާ ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ލިބުނު ބޮޑެތި އަނިޔާތަކުގެ ސަބަބުން ވަނީ މަރުވެފައެވެ. ކާރު ދުއްވަން އިން މީހާ މަސްތުގެ ހާލަތުގައި ހުރިކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށާއި، އޭނާ ފުލުހުންގެ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި ފަހަކަށް އައިސް ޓެސްލާގެ އޮޓޯޕައިލެޓް ސިސްޓަމާ ގުޅޭ އެކްސިޑެންޓްތައް އިތުރުވަމުންދާތީ، އެމެރިކާގެ ނޭޝަނަލް ހައިވޭ ޓްރެފިކް ސޭފްޓީ އެޑްމިނިސްޓްރޭޝަނުން ދަނީ އެ ކުންފުނީގެ ޑްރައިވާ އެސިސްޓެންސް ސިސްޓަމްތަކާ ގުޅޭ މައްސަލަތައް ސީރިއަސްކޮށް ބަލަމުންނެވެ.
މީގެ އިތުރުން، 2019 ވަނަ އަހަރު ހިނގި މިފަދަ މަރުގެ އެކްސިޑެންޓަކާ ގުޅިގެން ޓެސްލާ އިން 243 މިލިއަން ޑޮލަރުގެ ބަދަލެއް ދިނުމަށްވެސް ދާދިފަހުން ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ.
ޓެސްލާގެ "އޮޓޯޕައިލެޓް" އަކީ ކާރު ދުއްވުމުގައި އެހީތެރިވެދޭ އެޑްވާންސްޑް ޑްރައިވަރ އެސިސްޓެންސް ސިސްޓަމެކެވެ. މިއީ މަގުމަތީގެ ލޭންތަކުގެ ތެރޭގައި ކާރު އަމިއްލައަށް ހުންގާނު އަނބުރާލުމާއި، ދުވެލި ކޮންޓްރޯލްކުރުމާއި، އަދި ކުރިމަތިންދާ އުޅަނދުތަކަށް ބަލައި ބްރޭކް ޖެއްސުމުގެ ގާބިލުކަން ލިބިގެންވާ ސިސްޓަމެކެވެ. ނަމަވެސް، ޓެސްލާ އިން ތަކުރާރުކޮށް ބުނަމުންދާ ފަދައިން މިއީ ކާރު މުޅިން އަމިއްލައަށް ދުއްވާ (ފުލީ އޮޓޯނޯމަސް) ސިސްޓަމެއް ނޫނެވެ. އެހެންކަމުން، މި މޯޑް އެކްޓިވްކޮށްފައި ހުންނަ ވަގުތުތަކުގައިވެސް ޑްރައިވަރުގެ ދެއަތް ހުންގާނުގައި ބެހެއްޓުމަށާއި، މަގުމަތީގެ މަސްރަޙަށް ފުރިހަމައަށް ސަމާލުވެ ހުރުމަށް އެ ކުންފުނިން އިރުޝާދުދެއެވެ.
އެހެންނަމަވެސް، ގިނަ ޑްރައިވަރުން މި ސިސްޓަމަށް މާބޮޑަށް ބަރޯސާވެ، ސަމާލުކަން ކުޑަކުރުމުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް ވަނީ ހިނގާފައެވެ.