އިންޑިއާގެ އެކްޓަރު އަނިލް ކަޕޫރުގެ ދަރިފުޅު ހަރްޝްވަރްދަން ކަޕޫރު ފިލްމު ކުޅުން ހުއްޓާލިކަމަށް ބުނެ ދެކެވޭ ވާހަކަތައް އެކްޓަރު ދޮގުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ސަޕޯޓަރަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ހަރްޝްވަރުދަން ބުނީ، އޭނާ މިހާރު މަސައްކަތް ކުރަމުންދަނީ "ވަރަށް ހާއްސަ އަދި ތަފާތު" ފިލްމެއްގައި ކަމަށެވެ. މި ފިލްމުގެ މައިގަނޑު ރޯލު ކުޅުމުގެ އިތުރުން، ފިލްމު ޕްރޮޑިއުސް ކުރަނީ ވެސް ހުދު އޭނާ ކަމަށް ހަރްޝް ވަނީ ބުނެފައެވެ.
މިހާތަނަށް ތިން ފިލްމަކުން ހަރްޝް ފެނިފައިވާއިރު އޭގެތެރެއިން އެއްވެސް ފިލްމަކަށް ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ފިލްމުތަކުގައި ހަރްޝް ދައްކުވައިދިން އެކްޓިންގް ހުނަރަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.

ހަރްޝްވަރްދަން ބައްޕަ އަނިލް ކަޕޫރާ އެކު--ފޮޓޯ/ޖީކިއުއިންޑިއާ
ފިލްމުތަކުން ބޮޑު އާމްދަނީއެއް ނުލިބުނު ނަމަވެސް ހަރްޝްގެ އެކްޓިންގް ހުނަރަށް ތައުރީފުކޮށް ވަރަށް އަވަހަށް އިތުރު ފިލްމަކުން ފެންނާނެ ކަމަށް އިންތިޒާރުކުރެވޭ ކަމަށް ސަޕޯޓަރުން ވަނީ ބުނެފައެވެ.
އެކްޓް ކުރުމުގެ އިތުރުން ފިލްމު އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ހަރްޝް އެކްސް މެދުވެރިކޮށް ބުނީ، ފިލްމީ މަސައްކަތްތަކުގައި އެއްވެސް ވަރަކަށް ފަހަތަށް ނުޖެހޭ ކަމަށެވެ. އެގޮތުން މީގެ ހަތަރު އަހަރުކުރިން ހަރްޝް ޕްރޮޑިއުސަރެއްގެ ދައުރުވެސް އަދާކުރި ފިލްމު "ތާރް"އަށް ފަހު އަނެއްކާވެސް އިތުރު ފިލްމެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހަރްޝް ބުނެފައިވެއެވެ. އަދި މި އާ ފިލްމަކީ މިހާތަނަށް ހަރްޝް ގެނެސްދޭ އޭނާގެ އެންމެ އުފެއްދުންތެރި މަސައްކަތަށްވާނެ ކަމަށް އެކްޓަރު ބުނެފައިވެއެވެ.
ބޮލީވުޑްގެ މަޝްހޫރު ތަރި އަނިލް ކަޕޫރުގެ ދަރިފުޅު، ހަރްޝްވަރުދަން ފިލްމީ ދާއިރާއަށް ތައާރަފްވީ 2016 ވަނަ އަހަރު ރިލީޒްކުރި "މިރްޒްޔާ"އިންނެވެ. އޭގެ ފަހުން އޭނާ ވަނީ "ބަވޭޝް ޖޯޝީ ސުޕަހީރޯ" އަދި "އޭކޭ ވާސަސް އޭކޭ" ފަދަ ތަފާތު ފިލްމުތަކުން ފެނިފައެވެ.