މޫސުމީ ބަދަލުތަކުން ބޮޑަށް ގެއްލުންވާ ގައުމުތަކަށް ދޭ މާލީ އެހީ އިތުރުކުރަން ޖެހޭ: ނައިބު ރައީސް

ނައިބު ރައީސް: ވިދާޅުވީ، މޫސުމީ ބަދަލުތަކުން ބޮޑަށް ގެއްލުންވާ ގައުމުތަކަށް ދޭ މާލީ އެހީ އިތުރުކުރަން ޖެހޭ ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

މޫސުމީ ބަދަލުތަކުން ބޮޑަށް ގެއްލުންވާ ގައުމުތަކަށް، ބައިނަލްއަގުވާމީ ބައިވެރިންގެ އެހީތެރިކަމާއި ކްލައިމެޓް ފައިނޭންސިން އިތުރުކުރުމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް އިއްޔެ ގޮވާލައްވައިފިއެވެ.

އެ މަނިކުފާނު މިކަމަށް ގޮވާލެއްވީ، ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026 ފެށުމުގެ ގޮތުން ބޭއްވި ހައިލެވެލް ސެގްމަންޓްގައި ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސްގެ މައްޗަށް ދެއްކެވި ވާހަކަފުޅުގައެވެ.

އެ މަނިކުފާނު ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ދިވެހީންގެ އާންމު ދިރިއުޅުމާއި ގައުމުގެ ކުރިމަގާއި ތަރައްގީގެ މަޝްރޫޢުތަކަށް އަސަރުކުރާ ކަމަށެވެ. މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ދެމެހެއްޓެނިވި ޙައްލުތަކެއް ގެނައުމަކީ ހައްސާސް މައްސަލައެއް ކަމަަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމުގައި ނައިބު ރައީސް ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

އެގޮތުން، ފަރުތައް ހިމާޔަތްކުރުމާއި ވިލުންތެރިކަމަށް ބޭނުންވާ ބިނާރާއި ވިލުންތެރިކަމުގެ މަޝްރޫޢުތައް ރަށްރަށުގައި ހިންގައި، އެކަމަށް ދިވެހިރާއްޖެއިން ދޭ އަހަންމިއްޔަތުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ހުޅުމާލެއަކީ މިފަދަ މިސާލެއް ކަމަށް ވިދާޅުވެ، ނައިބު ރައީސް ވަނީ ރަސްމާލެއަކީ ވެސް މި އުސޫލުތަކުގެ މައްޗަށް ބިނާކުރަމުންދާ، އިންސާނީ އަދި އިގްތިސާދީ ތަރައްގީއަށް ފަހިވެފައިވާ ސަރަޙައްދެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މީގެއިތުރުން، ކްލައިމެޓް މޮބިލިޓީގެ މަސައްކަތްތަކުގައި އިސްކަން ދޭންޖެހޭނީ ވިލުންވެރިކަމާއި ގެއްލުން ކުޑަކުރުމަށް ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ.

ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމުގައި ނައިބު ރައީސް ވާހަކަދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ރަށްރަށުގެ ރައްޔިތުންގެ ވަޒަންވެރިކަން ދަމަހައްޓަން ބޭނުންވާ ޙާލަތުގައި، ރައްކާތެރިކަމާއެކު ރަށުގައި ތިބުމުގެ ފުރުޞަތު ފަހިކޮށްދޭންވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، ރަށެއްގެ ރައްޔިތުން ހިޖުރަކުރުމަކީ ރާވައިގެން އެ މީހުންގެ އަމިއްލަ އިސްނެގުމާއެކީ ކުރާ ކަމަކަށް ވާންވާނެ ކަމަށެވެ.

އެއާއެކު، މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމަށް މާލީ އެހީތެރިކަން ބޭނުންވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، މިފަދަ ކަންކަމަކީ ނުރައްކަލަށް ހުށަހެޅިފައިވާ ގައުމުތަކަށް އެކަނި ކުރެވޭނޭ މަސައްކަތްތަކެއް ނޫންކަމަށް ނައިބު ރައީސް ހުސައިން ގަބޫލުކުރައްވައެވެ.

އެގޮތުން، ހިލޭ އެހީގެ ގޮތުގައި ދެވޭ މާލީ އެހީތެރިކަން އިތުރުކުރުމާއި ޓެކްނޮލޮޖީ ފުޅާކުރުމާއި ތަރައްގީވަމުން އަންނަ ކުދި ގައުމުތަކަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުމަށް ތަރައްގީގެ ބައިވެރިންނަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ، ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސްއަށް މަރުޙަބާ ދެންނަވަމުންނެވެ. އަދި، ރައްޔިތުންގެ ޙައްގުތައް ރައްކާތެރިކުރާ މަޝްރޫޢުތަކާއި ނުރައްކަލާ ކުރިމަތިވެފައިވާ އާބާދީތަކަށް ލުއި ހޯދައިދީ، ވިލުންވެރި ކުރިމަގެއް ހޯދައިދިނުމަށް ވަކާލާތުކުރާ އުސޫލުތަކަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާނެކަން އެ މަނިކުފާނު ހާމަކުރެއްވިއެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭ ގައުމުތަކަށް ކްލައިމެޓް ފައިނޭންސިންގ އާއި ބައިނަލްއަގުވާމީ އެހީތެރިކަން އިތުރުކުރުމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް ވަނީ ގޮވާލައްވާފައެވެ. ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމްގައި އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ދިވެހިންގެ ދިރިއުޅުމާއި ތަރައްގީއަށް މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ދަނީ ފޯރަމުންނެވެ. އެހެންކަމުން، މި ކަންކަމުން އަރައިގަތުމަށް ދެމެހެއްޓެނިވި ޙައްލުތަކަކާއި، ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދެވޭ މާލީ އެހީތެރިކަން ވަރަށް މުހިންމެވެ. ރަށްރަށުގައި ވިލުންތެރިކަން އިތުރުކުރުމުގެ މަޝްރޫޢުތައް ހިންގުމާއެކު، ރައްޔިތުންނަށް ރައްކާތެރިކަމާއެކު އެ ރަށެއްގައި ތިބެވޭނެ މަގު ތަނަވަސްކުރުމަކީ އިސްކަންދޭންޖެހޭ ކަމެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އުމްރާނީ ތަރައްގީގެ މަޝްރޫޢުތައް ވެސް ކުރިއަށް ގެންދަންވާނީ މިފަދަ ހަރުދަނާ އުސޫލުތަކުގެ މަތިންކަން އެ މަނިކުފާނު ހާމަކުރެއްވިއެވެ.

  • މޫސުމީ ބަދަލުތަކާ ގުޅިގެން ނާޒުކު ގައުމުތަކަށް ދެވޭ ކްލައިމެޓް ފައިނޭންސް އަދި ހިލޭ އެހީ އިތުރުކުރުން.
  • ރައްޔިތުންނަށް ރައްކާތެރިކަމާއެކު އަމިއްލަ ވަޒަނުގައި ދެމިތިބެވޭނެ ފުރުޞަތު ފަހިކޮށްދިނުމާއި، ހިޖުރަކުރުން އަމިއްލަ އިސްނެގުމަކަށް ހެދުން.
  • ވިލުންތެރިކަން އިތުރުކުރުމަށްޓަކައި ޓެކްނޮލޮޖީ ފުޅާކުރުމާއި ތަމްރީނު ފޯރުކޮށްދިނުން.
  • ހުޅުމާލެ އަދި ރަސްމާލެ ފަދަ އިންސާނީ އަދި އިގްތިސާދީ ތަރައްގީގެ ދެމެހެއްޓެނިވި މަޝްރޫޢުތައް ކުރިއެރުވުން.
  • މޫސުމީ ނުރައްކާތަކުން ސަލާމަތްވުމަށް ބައިނަލްއަގުވާމީ މާލީ އެހީއާއި ޓެކްނޮލޮޖީގެ ބޭނުންތެރިކަން.
  • ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސްއަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރުން.
  • ތިމާވެއްޓާ ރައްޓެހި އަދި ވިލުންތެރި އުމްރާނީ ތަރައްގީއަށް އިސްކަންދިނުން.
comment ކޮމެންޓް