ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށް އައްޑުއާއި ފުވައްމުލަކަށް އޮރެންޖު އެލާޓު ނެރެފި

ރަށެއްގައި ފެންބޮޑުވެފައި: ފެންބޮޑުވާނެ ކަމަށް ލަފާކޮށް އައްޑުއާއި ފުވައްމުލަކަށް މެޓުން ވަނީ އޮރެންޖު އެލާޓު ނެރެފައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، އައްޑޫއާއި ފުވައްމުލަށް ސިޓީއަށް އޮރެންޖު އެލާޓު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މި އެލާޓު ނެރެފައި ވަނީ، އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށްފައެވެ.

މިއަދު 11:45އިން ފެށިގެން މި އެލާޓު ނެރެފައި ވަނީ، 13:00އާ ހަމައަށެވެ.

މީގެއިތުރުން، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، ބ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މެޓުން ވަނީ ހުދު ސަމާލު ނެރެފައެވެ.

ދެކުނުގެ ދެ އަތޮޅަކަށް އޮރެންޖު އެލާޓު ނެރުނުއިރު، މި ހަފުތާ ބަންދުގައި ވިއްސާރަކުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

https://sun.mv/227271

އެހެންވެ، އެމްއެންޑީއެފުން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފައެވެ.

އެގޮތުން، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ، ލައިފް ޖެކެޓު އަޅައިގެން ކަނޑު ދަތުރު ކުރުމަށް އެމްއެންޑީއެފުން ވަނީ އަންގާފައެވެ.

މޫސުން ގޯސް ދުވަސްވަރަށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިދާރާތަކުން އަބަދުވެސް ހަނދާންކޮށްދެއެވެ.

comment ކޮމެންޓް