މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ކުރިޔަސް ރާއްޖޭގެ އިގްތިސާދާ މެދު އައިއެމްއެފްގެ އުންމީދު ބޮޑު

މުދާ އުފުލާ ބޯޓެއް ކައިރިން މީހަކު ދަނީ: -- ސަން ފޮޓޯ/ ހުސައިން އާއިޝް އަޝްރަފް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދިޔަ ނަމަވެސް، ރާއްޖޭގެ އިގްތިސާދީ ހާލަތާ މެދު މާޔޫސް ނުވާ ކަމަށް, އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފިއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު މުރާޖައާކުރުމަށް މިމަހުގެ ހަތަރަކުން 14 ވަނަ ދުވަހުގެ ނިޔަލަށް ކުރި ދަތުރަށްފަހު އައިއެމްއެފް އިން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ.

އައިއެމްއެފްގެ ވަފުދުގެ ވެރިޔާ ޕިޔަޕޯން ސޮޑްސްރިވިބޫން ވިދާޅުވި ގޮތުގައި، ފާއިތުވި އަހަރެއްހާ ދުވަހު ރާއްޖެއިން ވަނީ މާލީ ގޮތުން ދަތި އުނދަގޫ ދުވަސްތަކެއްގައި ވެސް އިގްތިސާދީ ވިލުންތެރިކަން ނުވަތަ ރެޒިލިއަންސް ހުރިކަން ސާބިތުކޮށްދީފައެވެ.

"ވޭތުވެދިޔަ އަހަރުގެ ތެރޭގައި، މައިކްރޯ އިކޮނޮމިކް އަދި މާލީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، ދިވެހިރާއްޖޭގެ އިގްތިސާދު ވަނީ ސާބިތުކަން ދައްކުވައިދީފަ." އައިއެމްއެފް ރިޕޯޓުގައިވެއެވެ.

އައިއެފްއެމްގެ ބައްދަލުވުމެއް ކުރިއަށް ދަނީ.. ފޮޓޯ/ ވޯލްޑް އިކޮނޮމިކް ފޯރަބް

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ޓޫރިޒަމަށް އައިސްފައިވާ މަޑުޖެހުމާއެކު، މިއަހަރު ރާއްޖޭގެ ޖީޑީޕީ ކުރިއެރުން އެއް އިންސައްތަ ދަށަށް ދާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ހަރުދަނާ ސިޔާސަތުތަކާއެކު އަންނަ އަހަރު އިގްތިސާދު އަލުން ކުރިއަރަން ފަށާނެ ކަމަށް އެ އިދާރާއިން އުންމީދު ކުރެއެވެ.

އައިއެމްއެފްގެ މި ރިޕޯޓުގައި ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ސަބްސިޑީ މުރާޖައާކޮށް، ހަމައެކަނި އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ޓާގެޓްކޮށް ސަބްސިޑީ ދިނުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) އިސްލާހުކޮށް މާލީ ބުރަ ކުޑަކުރުން ހިމެނެއެވެ. އަދި ތެލަށް ކުރާ ހަރަދު ކުޑަކުރުމަށް އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

"މިވަގުތަށް އެންމެ އިސްކަންދޭންޖެހޭ ސިޔާސަތަކީ، މައިކްރޯ އިކޮނޮމިކް ނުބައްދަލުވުންތަކަށް ދާއިމީ ހައްލެއް ހޯދުމަށާއި، ދައުލަތުގެ ދަރަނި ކުޑަކުރުމަށާއި، އަދި މާލީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ސިޔާސަތުތައް އަލުން ތަރުތީބުކުރުމަށް." އައިއެމްއެފް ރިޕޯޓުގައިވެއެވެ.

ރާއްޖޭގެ ބޭރުގެ ދަރަނި ބޮޑުވުމުގެ ކަންބޮޑުވުން އޮތް ނަމަވެސް، ބައިނަލްއަގުވާމީ މާލީ އިދާރާތަކަށް ދައްކަންޖެހޭ ސުކޫކް ބޮންޑާއި ލޯނުތައް ގަވާއިދުން ދައްކަމުން ދިއުމަކީ ޕޮޒިޓިވް ކަމެއްގެ ގޮތުގައި އައިއެމްއެފްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައިއެވެ.

މީގެ އިތުރުން، ބޭރު ފައިސާ މާރުކުރުމުގެ އާ ގާނޫނުގެ ސަބަބުން ރިޒާވް ރަނގަޅުވަމުންދާ ކަމަށާއި، އެމްއެމްއޭއިން އަލުން އޯޕަން މާކެޓް އޮޕަރޭޝަންސް ފެށުމަކީ ރުފިޔާގެ އަގު ހިފެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބަޔާނުގައިވެއެވެ.

އައިއެމްއެފް އިން ނިންމާލަމުން ބުނެފައިވަނީ، ސިޔާސީ ގޮތުން އުނދަގޫ ނިންމުންތަކެއް ނަމަވެސް، މުޅި ގައުމުގެ މުސްތަގުބަލަށްޓަކައި އިގްތިސާދީ އިސްލާހީ ފިޔަވަޅުތައް އެޅުން މިވަގުތަށް ވަރަށް މުހިންމު ކަމަށެވެ. ރަނގަޅު ސިޔާސަތުތަކާއެކު މެދުރާސްތާގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހަތަރު އިންސައްތައިގައި ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން އެ އިދާރާއިން ވަނީ ދީފައެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ރާއްޖޭގެ އިގްތިސާދީ ހާލަތު މުރާޖައާކުރުމަށްފަހު ނެރުނު ރިޕޯޓުގައި، ރާއްޖޭގެ މާލީ ވިލުންތެރިކަން ވަރަށް ބޮޑަށް ފާހަގަކޮށްފައިވެއެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި، ފަތުރުވެރިކަމަށް އައިސްފައިވާ މަޑުޖެހުމުގެ ސަބަބުން މިއަހަރުގެ ޖީޑީޕީ ކުރިއެރުން އެއް އިންސައްތަ ދަށަށް ދާނެކަމަށް ލަފާކުރެވެއެވެ. ނަމަވެސް، ސަރުކާރުން އަޅަމުންދާ އިސްލާހީ ފިޔަވަޅުތަކާއެކު އަންނަ އަހަރު އިގްތިސާދު އަލުން އާރާސްތުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ އިދާރާއިން ދީފައިވެއެވެ.

  • މި ރިޕޯޓުގައި ސަރުކާރުން އަޅަންޖެހޭ ކަމަށް ފާހަގަކޮށްފައިވާ މުހިންމު ފިޔަވަޅުތައް:
  • ދައުލަތުގެ ސަބްސިޑީ ނިޒާމު މުރާޖައާކޮށް، ހަމައެކަނި އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ސަބްސިޑީ އަމާޒުކުރުން.
  • ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީތައް) ހަރުދަނާކޮށް، ދައުލަތުގެ މާލީ ބުރަ ކުޑަކުރުން.
  • ތެލަށް ކުރާ ހަރަދު ކުޑަކުރުމުގެ ގޮތުން، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް އިންވެސްޓްކުރުން.
  • ބޭރު ފައިސާ މާރުކުރުމުގެ އާ ގާނޫނާއި، އެމްއެމްއޭގެ އޯޕަން މާކެޓް އޮޕަރޭޝަންސް މެދުވެރިކޮށް ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުން.
  • ދައުލަތުގެ ދަރަނި ކުޑަކުރުމަށާއި މާލީ ހަމަޖެހުން ދެމެހެއްޓުމަށް އަވަސް އަދި ދާއިމީ ހައްލުތަކެއް ހޯދުން ވަރަށް މުހިންމެވެ.
  • ބައިނަލްއަގުވާމީ މާލީ އިދާރާތަކަށް ދައްކަންޖެހޭ ލޯނުތަކާއި ސުކޫކް ބޮންޑްތައް ގަވާއިދުން ދައްކަމުން ދިއުމަކީ އިގްތިސާދަށް އޮތް ވަރަށް ބޮޑު ކުރިއެރުމެކެވެ.
  • ސިޔާސީ ގޮތުން އުނދަގޫ ނިންމުންތަކެއް ނިންމައިގެން ނަމަވެސް، މެދުރާސްތާގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހަތަރު އިންސައްތައިގައި ހިފެހެއްޓޭނެކަން ކަށަވަރުވެއެވެ.
comment ކޮމެންޓް