ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ފީފާ ވޯލްޑްކަޕްގެ ތާރީޚުން ދުވަހަކުވެސް ފެނިފައިނުވާ ފަދަ އާދަޔާޚިލާފު އަދި ތާރީޚީ ދުވަހެއް މިވަނީ ފެނިގެން ގޮސްފައެވެ.
ބޮޑެތި ބާރުތަކާއި ކުދި ގައުމުތަކުގެ މެދުގައި އޮތް ފަރަގު ކުޑަވަމުންދާކަން ހާމަކޮށްދިން މި ދުވަހު، ވޯލްޑްކަޕްގައި ކުޅުނު ހަތަރު މެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ.
މިއީ ވޯލްޑްކަޕްގެ ދިގު ތާރީޚުގައި 68 އަހަރުގެ ދިގު އިންތިޒާރަކަށްފަހު، އެއް ދުވަހެއްގައި ކުޅުނު ހުރިހާ މެޗެއް އެއްވަރުވެގެން ނިމުނު ފުރަތަމަ ފަހަރެވެ. މި ތާރީޚީ މެޗުތަކާއެކު ދުނިޔޭގެ ފުޓްބޯޅަ ފޭނުންނަށް ލިބުނީ ބޮޑު ސިހުމެކެވެ.
މި ތާރީޚީ ރެކޯޑު ފުރިހަމަވެގެންދިޔަ ހަތަރު މެޗުގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު ސިހުމެއް ލިބުނީ ޔޫރަޕްގެ ގަދަބާރު އަދި މުބާރާތް ކާމިޔާބުކުރާނެ ކަމަށް ބެލެވުނު ސްޕެއިން އާއި ވޯލްޑްކަޕްގައި އަލަށް ވާދަކުރާ ކޭޕް ވާޑް ބައްދަލުކުރި މެޗުންނެވެ.

އެޓްލާންޓާގައި ކުޅުނު މި މެޗުގައި ކޭޕް ވާޑުން ދެއްކި މޮޅު ޑިފެންސިވް ކުޅުމުގެ ސަބަބުން، ތަރިން ގިނަ އަދަދަކަށް ތިބި ސްޕެއިން ޓީމަށް ލަނޑެއް ޖެހިޔަނުދީ 0-0 އިން މެޗު އެއްވަރުކޮށް، ދުނިޔެ ސިއްސުވާލިއެވެ.
ސީއެޓްލްގައި ކުޅުނު ދެވަނަ މެޗުގައި ބެލްޖިއަމްއާއި މިސްރު ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މިސްރުގެ އިމާމް އަޝޫރު ޖެހި ލަނޑުން އެގައުމު ކުރިހޯދާފައިވަނިކޮށް، ބެލްޖިއަމް ސަލާމަތްވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ރޮމެލޫ ލުކާކޫގެ އެހީތެރިކަމާއެކު ބައިކޮޅަށް ވަން ލަނޑަކުންނެވެ.
މީގެ އިތުރުން މިއާމީގައި ކުޅުނު ތިންވަނަ މެޗުގައި، ކުރީގެ ދުނިޔޭގެ ޗެމްޕިއަން އުރުގުއޭ އާއި ސައުދީ އަރަބިއްޔާ ބައްދަލުކުރި މެޗުވެސް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ފީފާ ވޯލްޑް ކަޕުގައި ބެލްޖިއަމްއާއި މިސްރު ބައްދަލުކުރި މެޗުގެ ތެރެއިން--
ސައުދީން މެޗުގެ ކުރީކޮޅު ލަނޑެއް ޖަހާ ކުރިހޯދާފައިވަނިކޮށް، މެޗުގެ 80 ވަނަ މިނެޓުގައި މެކްސިމިލިއާނޯ އަރައޫހޯ ޖެހި ލަނޑުން އުރުގުއޭ އިން ޕޮއިންޓެއް ކަށަވަރުކުރިއެވެ.
ދުވަހުގެ ފަހު މެޗުގައި ލޮސް އެންޖެލިސްގެ ސޯފައި ސްޓޭޑިއަމްގައި އީރާނާއި ނިއުޒީލެންޑް ބައްދަލުކުރި މެޗަކީވެސް ފޯރިގަދަ މެޗެކެވެ.
ނިއުޒީލެންޑުން ދެ ފަހަރުމަތިން ކުރިހޯދާފައިވަނިކޮށް، އީރާނުން ފަހަތުން އަރާ ދެ ފަހަރުވެސް މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. އެންމެ ފަހުން މި ފޯރިގަދަ ކުރިމަތިލުން ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މި ފާހަގަކޮށްލެވޭ ރެކޯޑުގެ ތާރީޚަށް ބަލާއިރު، މީގެ ކުރިން ވޯލްޑްކަޕެއްގެ އެއް ދުވަހެއްގައި ހަތަރު މެޗު އެއްވަރުވެފައިވަނީ މީގެ 68 އަހަރު ކުރިންނެވެ. އެއީ 15 ޖޫން 1958 ގައެވެ. އެ ފަހަރު ސްވިޑަންގައި ބޭއްވުނު ވޯލްޑްކަޕްގައި އެއް ދުވަހެއްގެ ތެރޭގައި ޖުމްލަ އަށް މެޗު ކުޅުނުއިރު، އޭގެ ތެރެއިން ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މިފަހަރުގެ ތާރީޚީ މެޗުތަކާއެކު އަދި މިއަށްވުރެ ޚާއްސަވަނީ، މިއީ އެ ދުވަހު ކުޅުނު ހުރިހާ މެޗެއް އެއްވަރުވެގެން ނިމުނު ފުރަތަމަ ފަހަރު ކަމަށްވާތީއެވެ.
މި ނަތީޖާތަކާއެކު، ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނަމުންދަނީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި މިހާރު ކުޑަ ޓީމެއް ނެތްކަން މިވަނީ ސާބިތުވެފައެވެ. ކުދި ގައުމުތަކުން ރޭވުންތެރިކަމާއެކު ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުން، ދުނިޔޭގެ ބޮޑެތި ބާރުތަކަށް މިހާރު މެޗުތަކުން މޮޅުވުން ވަނީ ބޮޑު ގޮންޖެހުމަކަށް ވެފައެވެ.