ސިޔާސީ ގޮތުން އުފެދޭ ބައިބައިވުން އެއްކިބާކޮށް، ގައުމީ މަސްލަހަތު އިސްކުރަން ދަސްކުރަން ޖެހޭ: ރައީސް

ރައީސް ޑރ މުޙައްމަދު މުއިއްޒު: ވިދާޅުވީ، ސިޔާސީ ގޮތުން އުފެދޭ ބައިބައިވުން އެއްކިބާކޮށް، ޤައުމީ މަސްލަހަތު އިސްކުރަން ދަސްކުރަން ޖެހޭ ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

ސިޔާސީ ގޮތުން އުފެދޭ ޚިޔާލު ތަފާތުވުންތަކާއި ބައިބައިވުން އެއްކިބާކޮށް، ގައުމީ މަސްލަހަތު އިސްކުރަން ދަސްކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި އެ މަނިކުފާނު ފޮނުއްވި ޚިތާބުގައި ވަނީ، ހިޖުރީ އާ އަހަރުގެ ހެޔޮ އެދުންތަކާއި ތަހުނިޔާ ދިވެހީންނާއި އެންމެހާ މުސްލިމުންނަށް އަރިސްކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ހިޖުރީ އާ އަހަރަކާ ކުރިމަތިލާއިރު، ހަނދާނަށް އަންނަނީ މީގެ އެތައް އަހަރެއް ކުރިން ކީރިތި ރަސޫލާއާއި އެކަލޭގެފާނުގެ އަސްހާބުން މައްކާ ދޫކުރައްވައި، މަދީނާއަށް ކުރެއްވި ހިޖުރަ ކަމަށެވެ. އެއީ، އަނދިރި ކަމުގެ މައްޗަށް އަލިކަމާއި އަދުލުވެރިކަން ހޯދި ނަސްރު ކަން ފާހަގަކުރައްވައި، އެއީ ބައިބައުވުމުން އެއްބައިވަންތަކަމަށް އިސްލާމީ އުންމަތް ހުޅުވާލަދިން އިންގިލާބީ ބަދަލުގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.

ރައީސްގެ ޚިތާބުގައި ވިދާޅުވީ، ދިވެހި އުންމަތުގެ ހަމަޖެހުމާއި ކުރިއެރުން ބިނާވަނީ، ދިވެހީންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އަޚުވަންތަ ކަމުގެ މައްޗަށް ކަމަށެވެ.

ރައީސް މުއިއްޒު: ވިދާޅުވީ، ސިޔާސީ ގޮތުން އުފެދޭ ބައިބައިވުން އެއްކިބާކޮށް، ޤައުމީ މަސްލަހަތު އިސްކުރަން ދަސްކުރަން ޖެހޭ ކަމަށް ---- ފޮޓޯ/ ހައުސިން މިނިސްޓްރީ

އެގޮތުން، މީގެ އަހަރުތަކެއް ކުރިން މަދީނާގެ އަންޞާރީންނާއި މުހާޖިރުން ދެއްކެވި ފަދަ ލާމަސީލު އެކުވެރިކަމާއި އެކަކު އަނެކަކަށް އެހީތެރިވުމުގެ މަތިވެރި ރޫޙު މިއަދު ދިވެހި މުޖުތަމަޢުގައި ދިރުވަން އެބަޖެހޭކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ސިޔާސީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން އުފެދޭ ޚިޔާލުތަފާތުވުންތަކާއި ބައިބައިވުންތައް އެއްކިބާކޮށް، ގައުމީ މަޞްލަޙަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރުމަކީ، މިއަދު މި ބަރަކާތްތެރި މުނާސަބަތުން ހާސިލުކުރަންވީ އެންމެ މުހިންމު ފިލާވަޅު
ރައީސް ޑރ. މުޙައްމަދު މުއިއްޒު

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގައުމެއް ބިނާކޮށް އާރާސްތު ކުރެވޭނީ އެންމެންގެ ހިތްތައް ސާފުވެ، އެއް އަމާޒަކަށް ދިޔުމަށް އަތުގުޅާލައިގެންނެވެ.

އެހެންވެ، އަމިއްލަ ނަފުސުތަކާއި މުޖުތަމައު އިސްލާހުކޮށް، ހެޔޮ ކަމުގެ މަގަށް ހިތާއި ނަފުސުން ހިޖުރަ ކުރުމަށް މިއަދު އަޒުމު ކަނޑައަޅަން ޖެހޭ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެ ޚިތާބުގައި ވަނީ، އިސްލާމީ މަތިވެރި އުސޫލުތައް ހިމާޔަތްކޮށް، ހުރިހާ ރައްޔިތުންނަށް އަދުލުވެރިކަމާ ހަމަހަމަކަން ކަށަވަރުކޮށްދިނުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

މިއަދު ފެށުނު އާ އަހަރަކީ، ދިވެހީންގެ އިގުތިޞާދު އާރާސްތުކޮށް، އިޖުތިމާއީ ފޭރާން ވަރުގަދަ ކުރުމަށް ލިބޭ އާ ފުރުސަތެއްކަން އެ މަނިކުފާނު ހަނދާންކޮށްދެއްވިއެވެ. އަދި، ދުނިޔެއަށް ކުރިމަތިވަމުންދާ އެކިކަހަލަ ގޮންޖެހުންތަކުން އަރައިގަނެވޭނީ، އާ އީޖާދުތަކާއެކު މުރާލިކަމާއެކު މަސައްކަތްކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވަނީ، އިސްލާމީ އުސޫލުތަކާއި ދިވެހި ސަގާފަތް ދަމަހައްޓައި، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ޤައުމު އާ އުސްމިންތަކަކަށް ގެންދިޔުމަށް ހުރިހާ ރައްޔިތުން އެކީގައި، އާ ޢަޒުމެއްގައި މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ރައީސްގެ ޚިތާބު ނިންމަވާލެއްވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޚާއްޞަކޮށް ފަލަސްޠީނުގެ ބިމުގައި އަނިޔާ ލިބެމުންދާ އަޚުންނާއި އުޚުތުންނަށް ހެޔޮދުޢާ ކުރުމަށް ހަނދާންކޮށްދެއްވައި، މި އަހަރަކީ މުޅި އިސްލާމީ އުންމަތަށް ބާއްޖަވެރި އަހަރެއް ކަމުގައި ލެއްވުން އެދި ދުއާ ދަންނަވަމުންނެވެ.

ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް ފޮނުއްވި ޚިތާބުގައި، ޤައުމުގެ ކުރިއެރުމާއި ހަމަޖެހުމުގެ މައިގަނޑު އަސާސަކީ ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ކަމުގައި ވަނީ ފާހަގަކުރައްވާފައެވެ. ކީރިތި ރަސޫލާ محمد صلى الله عليه وسلم ކުރެއްވި ހިޖުރައިން ޢިބުރަތް ޙާޞިލުކޮށް، ސިޔާސީ އަދި އިޖުތިމާޢީ ޚިޔާލުތަފާތުވުންތައް އެއްކިބާކޮށް، ޤައުމީ މަޞްލަޙަތު އިސްކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. އަދި ދިވެހި އިޤުތިޞާދު އާރާސްތުކޮށް، އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމަށް އާ ޢަޒުމަކާއެކު އެންމެން ގުޅިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވިއެވެ.

  • ސިޔާސީ އަދި އިޖުތިމާޢީ ބައިބައިވުންތައް ނައްތާލައި، ހުރިހާ ކަމެއްގައިވެސް ޤައުމީ މަޞްލަޙަތަށް އިސްކަންދިނުން.
  • އިސްލާމީ އުޞޫލުތައް ޙިމާޔަތްކޮށް، ރައްޔިތުންގެ މެދުގައި ޢަދުލުވެރިކަމާއި ހަމަހަމަކަން ޤާއިމުކުރުމަށް ސަރުކާރުން އިސްކަންދިނުން.
  • ދުނިޔެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އާ އީޖާދުތަކާއެކު މުރާލިކަމާއެކު މަސައްކަތްކުރުން.
  • މުޖުތަމަޢުގެ ފަރުދުން އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫޙު އާލާކޮށް، ހެޔޮކަމުގެ މަގަށް ރުޖޫޢަވުން.
  • ޤައުމުގެ ހަމަޖެހުން ބިނާވެފައިވަނީ ރައްޔިތުންގެ އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ މައްޗަށެވެ.
  • އިޤުތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ޤައުމު ކުރިއެރުވުމަށް އެންމެން ގުޅިގެން މަސައްކަތްކުރުން މުހިންމެވެ.
  • ފަލަސްޠީނުގެ ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް ބާއްޖަވެރިކަން އެދި ދުޢާކުރުން ހިމެނެއެވެ.
comment ކޮމެންޓް