އާންމުން ކުރާ ޕޯސްޓްތަކުގެ އެހީގައި ޖަވާބުދޭ އޭއައި މޯޑެއް ފޭސްބުކުގައި ތައާރަފުކޮށްފި

ފޭސްބުކްގައި އާންމުން ކުރާ ޕޯސްޓްތަކުން މައުލޫމާތު ނަގައިގެން ޖަވާބުދޭ އާ އޭއައި މޯޑެއް މެޓާއިން ތައާރަފުކޮށްފިއެވެ.

މެޓާ ކުންފުނިން ފޭސްބުކް ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން، ތައާރަފުކުރި މި އޭއައި މޯޑަކީ މައުލޫމާތު ހޯދުމާއި ކޮންޓެންޓް އުފެއްދުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ އާ އޭއައި ފީޗާއެއް ކަމަށް ރިޕޯޓްތައްބުނެއެވެ.

މިއޭއައި މޯޑުގައި އެންމެ ފާހަގަކޮށްލެވެނީ ފޭސްބުކްގައި ސާޗްކުރުމަށްފަހު މައުލޫމާތު ފޯރުކޮށްދޭ އޭއައި ފީޗާއެވެ. މި ފީޗާގެ އެހީގައި ޕްލެޓްފޯމްގައި ހުންނަ އާންމު ޕޯސްޓްތަކާއި، ގްރޫޕްތަކާއި، އަދި ރީލްސްތަކުން މައުލޫމާތު އެއްކޮށްލުމަށްފަހު، ކޮށްލާ ސުވާލުތަކަށް ސީދާ ޚުލާސާ ޖަވާބެއް ލިބިގެންދާނެއެވެ.

https://sun.mv/222376

މި އާ ބަދަލަކީ މިދިޔަ މަހު މެޓާއިން ސިއްރުވެރިގޮތަކަށް ނެރުނު "ފޯރަމް" ކިޔާ އެޕްލިކޭޝަނެއްގެ ފަހަތުން އައި ބަދަލެކެވެ. ރެޑިޓްއާ ވައްތަރު ގޮތަކަށް ފަރުމާކޮށްފައިވާ އެ އެޕްގައި ހިމެނޭ "އާސްކް" ޓެބުން ވެސް ފޭސްބުކް ގްރޫޕްތަކުގައި ދެކެވޭ ވާހަކަތަކުން މައުލޫމާތު ނަގައިގެން ސުވާލުތަކަށް ޖަވާބުދެއެވެ.

ނަމަވެސް، މިގޮތަށް އާންމު ޕޯސްޓްތަކާއި ގްރޫޕްތަކުގައި ދެކެވޭ ވާހަކަތަކުން މައުލޫމާތު ނަގައިގެން ޖަވާބުދޭތީ، އޭގެ ސައްހަކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. މިއީ ރަސްމީ ނުވަތަ ކަށަވަރު ކުރެވިފައިވާ މަސްދަރުތަކުން ނަގާ މައުލޫމާތަށް ނުވާތީ، ބައެއް ފަހަރު ބޭނުންކުރާ ފަރާތްތަކަށް ނުބައި ނުވަތަ ކުށް ހުރި މައުލޫމާތު ލިބުމުގެ ފުރުސަތު އޮވެއެވެ. މީގެ ކުރިން ގޫގުލްގެ އޭއައި މޯޑުން ރެޑިޓްގެ މައުލޫމާތު ބޭނުންކުރިއިރު ވެސް މިފަދަ މައްސަލަތަކެއް ފާހަގަކުރެވިފައިވެއެވެ.

މައުލޫމާތު ހޯދުމުގެ އިތުރުން، ވީޑިއޯ މޮންޓާޖްތަކަށް ބަދަލުތަކެއް ގެނެވޭ ފަދަ އެޑިޓިން ޓޫލްތަކާއި، އޭއައިގެ އެހީގައި ފޮޓޯތަކުގެ ސްޓައިލް ބަދަލުކޮށްލެވޭ ފީޗަރެއް ވެސް މެޓާއިން ވަނީ ތައާރަފުކޮށްފައެވެ. މިގޮތުން، ސްޓޯރީސްތަކުގައި ހުންނަ "އޭއައި އެޑިޓް" ބޭނުންކޮށްގެން ނުވަތަ ޕްރޮފައިލް ފޮޓޯއަށް ބަދަލު ގެނެސްގެން، ތިމާ ގަޔާވާ ކުޅިވަރު ޓީމެއްގެ ޖާޒީ ފަދަ ހެދުންތަކާއި، އިސްތަށިގަނޑުގެ ކުލަ އާއި ސްޓައިލް މުޅިން އާ ގޮތަކަށް ފަރުމާކޮށްލެވޭނެއެވެ.

މިއީ ފާއިތުވި މަސްތަކުގައި ފޭސްބުކަށް މެޓާއިން ގެނައި އޭއައިގެ ގިނަ ބަދަލުތަކެއްގެ ތެރެއިން އެންމެ ފަހުގެ ބަދަލެވެ. މީގެ ކުރިން ފެބްރުއަރީ މަހު އެނިމޭޓަޑް ޕްރޮފައިލް ފޮޓޯ ތައާރަފުކޮށްފައިވާއިރު، މާޗް މަހު ވަނީ ފޭސްބުކް މާކެޓްޕްލޭސްގެ ސެލްއަރުންނަށް ކަސްޓަމަރުންގެ މެސެޖުތަކަށް އޮޓޮމެޓިކުން ޖަވާބުދޭ އޭއައި ފީޗަރެއް ނެރެފައެވެ. އަދި މި މަހުގެ ކުރީކޮޅު ވަނީ ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ޕޯސްޓްކުރަން އެންމެ ރަނގަޅު ވަގުތުތަކާއި ކޮމެންޓްތަކުގެ ޚުލާސާ ބުނެދޭ އޭއައި އެސިސްޓެންޓެއް ވެސް ލޯންޗުކޮށްފައެވެ.

މި ހުރިހާ ފީޗަރުތަކެއްގެ ބޭނުމަކީ ފޭސްބުކް ބޭނުންކުރާ މީހުން އެޕްލިކޭޝަންގައި ހޭދަކުރާ ވަގުތު އިތުރުކުރުމާއި، ކުންފުންޏަށް އާމްދަނީ ލިބޭނެ އާ ގޮތްތަކެއް ހޯދުމެވެ.

މެޓާއިން ދާދިފަހުން ވަނީ މަހަކު 3.99 ޑޮލަރުން ފެށޭ ގްލޯބަލް ސަބްސްކްރިޕްޝަން ޕްލޭންތަކެއް ތައާރަފުކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު އޭއައި ފީޗަރުތައް ލިބޭނީ މިފަދަ ފައިސާ ދައްކައިގެން ބޭނުންކުރާ ޕްލޭންތަކުގެ ދަށުން ކަމަށް މައުލޫމާތު ލިބެއެވެ.

މެޓާ ކުންފުނިން ފޭސްބުކްގައި އާންމުކޮށް ޝާއިއުކުރާ ޕޯސްޓްތަކާއި ގްރޫޕްތަކުން މައުލޫމާތު ނަގައިގެން ޖަވާބުދޭ އާ އޭއައި މޯޑެއް ވަނީ ތައާރަފުކޮށްފައެވެ. މި އޭއައިގެ ސަބަބުން ކޮންޓެންޓް އުފެއްދުމާއި މައުލޫމާތު ހޯދުމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ. ޕްލެޓްފޯމްގައި ކުރާ ސާޗްތަކަށް، ރީލްސްއާއި އާންމު ޕޯސްޓްތަކުގެ މައްޗަށް ބިނާކޮށް ސީދާ ޚުލާސާ ޖަވާބެއް މި ފީޗާ މެދުވެރިކޮށް ލިބިގެންދާނެއެވެ. މިއީ ދާދި ފަހުން ނެރުނު ފޯރަމް ކިޔާ އެޕްލިކޭޝަނެއްގައި ހިމެނޭ ޓެބަކާ އެއްގޮތަށް މަސައްކަތްކުރާ ފީޗާއެކެވެ. ނަމަވެސް، މި ފީޗާއިން މައުލޫމާތު ނަގަނީ ރަސްމީ ނޫން މަސްދަރުތަކުން ކަމަށްވާތީ، ލިބޭ މައުލޫމާތުގެ ސައްހަކަމާމެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. މީގެ ކުރިން ގޫގުލް އިން ވެސް މިފަދަ ގޮތަކަށް އޭއައި ބޭނުންކުރުމުން ކުށް މައުލޫމާތު ފެތުރުމުގެ މައްސަލަތަކާ ކުރިމަތިލާން ޖެހުނު ފަދައިން، މެޓާގެ މި އާ ފީޗާގެ ސަބަބުން ވެސް އާންމުންނަށް ނުބައި މައުލޫމާތު ލިބުމުގެ ނުރައްކާ އޮތްކަން ރިޕޯޓްތަކުން ފާހަގަކުރެއެވެ. މީގެ އިތުރުން ފޮޓޯއާއި ވީޑިއޯ އެޑިޓްކުރާނެ އާ އޭއައި ޓޫލްތައް ވެސް މެޓާއިން ވަނީ ތައާރަފުކޮށްފައެވެ. މިގޮތުން ޕްރޮފައިލް ފޮޓޯގެ ސްޓައިލާއި، ހެދުން އަދި އިސްތަށިގަނޑުގެ ކުލަ އޭއައި މެދުވެރިކޮށް ބަދަލުކޮށްލެވޭނެއެވެ. މި ހުރިހާ ފީޗާތަކެއްގެ މައިގަނޑު މަގުސަދަކީ އެޕްލިކޭޝަން ބޭނުންކުރާ ވަގުތު އިތުރުކޮށް، މަހަކު ފައިސާ ދައްކަންޖެހޭ ސަބްސްކްރިޕްޝަން ޕްލޭންތަކެއް މެދުވެރިކޮށް ކުންފުނީގެ އާމްދަނީ އިތުރުކުރުމެވެ.

  • އާންމު ޕޯސްޓްތަކާއި ރީލްސްއިން މައުލޫމާތު ނަގައިގެން ސީދާ ޚުލާސާ ޖަވާބުދިނުން.
  • ރަސްމީ ނޫން މަސްދަރުތަކުން މައުލޫމާތު ނަގާތީ ސައްހަކަމާމެދު ކަންބޮޑުވުން އުފެދިފައިވުން.
  • ފޮޓޯ އަދި ވީޑިއޯގެ ސްޓައިލް ބަދަލުކުރެވޭ އޭއައި އެޑިޓިން ޓޫލްތައް ތައާރަފުކުރުން.
  • ކުންފުނީގެ އާމްދަނީ އިތުރުކުރުމަށްޓަކައި ޕްރީމިއަމް ފީޗާތަކަށް ސަބްސްކްރިޕްޝަން ފީއެއް ތައާރަފުކުރުން.
comment ކޮމެންޓް