އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެކަމަށް ޔޫރަޕްގެ ބޮޑު 4 ބާރުން ބުނެފި

ލަންޑަން (15 ޖޫން 2026): ދާއިމީ ގޮތަކަށް ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއާއި އީރާނުން އެއްބަސްވި އެއްބަސްވުމަށް ތާއީދު ކުރުމުގެ ގޮތުން، އީރާން އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ގަސްދުކުރާކަން ޔޫރަޕްގެ އެންމެ ބޮޑު ހަތަރު ބާރުން ހާމަކޮށްފިއެވެ.

ޖަރުމަނު، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި އިޓަލީން މިއަދު ނެރުނު ގުޅިފައިވާ ބަޔާނެއްގައިވަނީ، ދާއިމީ ގޮތަކަށް ހަނގުރާމަ ހުއްޓާލުމަށާއި ހުރުމުޒު ކަނޑުއޮޅި ހުޅުވުމަށާއި ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށް އީރާން އާއި އެމެރިކާ ވީ އެއްބަސްވުމަށް ތާއީދުކުރުމުގެ ގޮތުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އެ ގައުމުތަކުން ގަސްދުކުރާ ކަމުގައެވެ. މިއާއެކު އީރާނުގެ ތެލާއި ގޭސް ގަތުމަށާއި އީރާން އާއެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާނެކަމަށް މި ބަޔާން ބުނެއެވެ.

ދާއިމީ ގޮތަކަށް ހަނގުރާމަ ހުއްޓާލުމަށް އާދެވިއްޖެކަން އެމެރިކާ އިއުލާން ކުރިތާ ދެދުވަސްފަހުން އަދި ޕާކިސްތާނުން މިކަން ޔަގީންކޮށްދިންތާ އެއްދުވަސްފަހުން ރޭގައި އީރާންވެސްވަނީ މިފަދަ އެއްބަސްވުމަކަށް އާދެވިއްޖެކަން ރަސްމީގޮތުން ކަށަވަރުކޮށްދީފައެވެ. މި އެއްބަސްވުމުގައި އެމެރިކާއާއި އީރާން ސޮއިކުރާނީ އަންނަ ހުކުރު ދުވަހެވެ.

ރިޕޯޓްތައް ބުނާގޮތުން ސޮއިކުރުމުގެ ރަސްމިއްޔާތު އޮންނާނީ ސްވިޓްޒާލޭންޑްގެ ޖެނީވާ ގައެވެ. އީރާނުގެ ފަރާތުން އެ ގައުމުގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ބާގިރު ސޮއިކުރައްވާނެކަމަށް ބެލެވިފައިވާއިރު އެމެރިކާގެ ފަރާތުން ސޮއިކުރައްވާނެކަމަށް ބެލެވިފައިވަނީ ނައިބު ރައީސް ޖޭޑީ ވާންސް އެވެ.

މި އެއްބަސްވުމުގައި ހިމެނޭ 14 ނުކުތާ އަދި ހާމަވެފައެއް ނުވެއެވެ. ނަމަވެސް މިހާތަނަށް ލީކުވެފައިވާ މައުލޫމާތަށް ބަލާއިރު މި އެއްބަސްވުން މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ އެމެރިކާއާއި އީރާން އާ ދެމެދު ބަދަލުކުރަމުން ގެންދާ ހަމަލާތަކާއި ހަނގުރާމަ (އިސްރާއީލު ލުބްނާނަށް ދޭ ހަމަލާތައްވެސް ހިމެނޭގޮތަށް) ދާއިމީ ގޮތަކަށް ހުއްޓާލުމަށާއި އެމެރިކާ އީރާންގެ ބަނދަރުތައް ހިސާރުކުރުން ހުއްޓާލުމަށާއި އީރާނުން ހުރުމުޒު ކަނޑުއޮޅި ހުޅުވުމުގެ މައްޗަށެވެ.

މީގެއިތުރުން މީގައި ހިމެނެނީ އީރާނުގެ ތެލާއި ގޭސް އެކްސްޕޯޓް ކުރުމާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި އެމެރިކާ ހިފަހައްޓާފައިވާ އީރާނުގެ އެތައް ބިލިޔަން ޑޮލަރެއްގެ ތެރެއިން ބައެއް އީރާނަށް ދިނުމުގެ މައްޗަށެވެ.

އީރާން އާއި އެމެރިކާ އާ ދެމެދުގައިވާ އެންމެ ހައްސާސް އަދި އެންމެ ބޮޑު މައްސަލަ ކަމަށްވާ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމުގެ މައްސަލަ އޮތީ މިއެއްބަސްވުމަށްފަހު އެކަމާމެދު އިތުރަށް ވާހަކަ ދައްކައިގެން 60 ދުވަހުގެ ތެރޭގައި ހައްލުކުރުމަށް ފަސްކޮށްފައެވެ. އެ މުއްދަތުގެ ތެރޭގައި ހައްލުނުކުރެވިއްޖެނަމަ މިކަމަށް އިތުރު މުއްދަތު ދޭ ގޮތަށެވެ.

އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވާގޮތުގައި އީރާންވަނީ ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތް ނުކުރާނެކަމުގެ ޔަގީންކަން އެމެރިކާއަށް ދީފައެވެ. ނަމަވެސް މަދަނީ ބޭނުންތަކަށް ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގު ދޫކޮށްލަން އީރާންވަނީ ފަސްޖެހިފައެވެ. މިމައްސަލަތަކާމެދު ގޮތެއް ނިންމާނީ މި އެއްބަސްވުމުގައި ހުކުރުދުވަހު ސޮއިކުރުމަށްފަހު ދެން އެމެރިކާއާއި އީރާން އާ ދެމެދު ފެށުމަށް ހަމަޖެހިފައިވާ 60 ދުވަހުގެ ވާހަކަތަކުގައެވެ.

އިސްރާއީލުވަނީ އީރާން އާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓާލުމުގެ މި އެއްބަސްވުމަށް ދެކޮޅުހަދާކަން ރަސްމީ ސިފައެއްގައި އިއުލާންކޮށްފައެވެ. މި އެއްބަސްވުން ޚަރާބު ކޮށްލުމަށްޓަކައި އިސްރާއީލުވަނީ ރޭގައި ލުބްނާނުގެ ވެރިރަށް ބައިރޫތަށް ވައިގެ ހަމަލާތަކެއްދީ ތިން މީހަކު މަރާލާފައެވެ. އެއީ އޭގެރައްދުގައި އީރާން އިސްރާއީލަށް ހަމަލާދޭނެކަމަށް ބަލާފައެވެ. އީރާން އިސްރާއީލަށް ރައްދު ހަމަލާތައް ދިނުމުން އެމެރިކާއާއި އީރާނުގެ އެއްބަސްވުން ޚަރާބުވެ އެއެއްބަސްވުމަށް ހުރަސްއެޅޭކަމަށް އުންމީދުކޮށްގެންނެވެ.

މީގެކުރިން މިގޮތަށް އިސްރާއީލުން ބައިރޫތަށް ދިން ހަމަލާގެ ރައްދުގައި އީރާނުން އިސްރާއީލަށް ހަމަލާތަކެއް ދިނެވެ. ނަމަވެސް މިވަގުތުގެ ހައްސާސްކަމުން މިފަހަރު އީރާންވަނީ ބައިރޫތަށް ދިން ހަމަލާ ގެ ރައްދުގައި އިސްރާއީލަށް ހަމަލާނުދޭން ނިންމާފައެވެ. މިއާއެކު ޓްރަމްޕް ވަނީ އީރާނަށް ތައުރީފް ކުރައްވައި އިސްރާއީލަށް އިންޒާރު ދެއްވާފައެވެ. ނަމަވެސް އިސްރާއީލުން ލުބްނާނަށް ދޭ ހަމަލާތައް އިތުރަށް ތަކުރާރުވާނަމަ އީރާންވަނީ އިސްރާއީލަށް ރައްދު ހަމަލާދޭނެކަމަށް ބުނެފައެވެ.

އެމެރިކާއާއި އީރާނާ ދެމެދު ދާއިމީ ގޮތަކަށް ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް ޔޫރަޕްގެ މައިގަނޑު ހަތަރު ގައުމު ކަމަށްވާ ޖަރުމަނު، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި އިޓަލީން ވަނީ ތާއީދުކޮށްފައެވެ. މިކަމާ ގުޅިގެން، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، އީރާނުގެ ތެލާއި ގޭސް ގަނެ، ވިޔަފާރީގެ ގުޅުންތައް އަލުން ފެށުމަށް މި ގައުމުތަކުން ދަނީ ތައްޔާރުވަމުންނެވެ. މި އެއްބަސްވުމުގައި އަންނަ ހުކުރު ދުވަހު ސްވިޓްޒާލޭންޑްގެ ޖެނީވާގައި ރަސްމީކޮށް ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމުގެ ދަށުން ދެފަރާތުގެ ހަމަލާތައް ހުއްޓާލުމާއި، އީރާނުގެ ބަނދަރުތައް ހިސާރުކުރުން ނިމުމަކަށް ގެނައުމާއި، ހުރުމުޒު ކަނޑުއޮޅި ހުޅުވާލުން ހިމެނެއެވެ. ނަމަވެސް، އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމުގެ މައްސަލަ ހައްލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން އިތުރު 60 ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އިސްރާއީލުން މި އެއްބަސްވުމާ ދެކޮޅުހަދައި ލުބްނާނަށް ހަމަލާތައް ދިން ނަމަވެސް، އެއްބަސްވުން ދެމެހެއްޓުމަށްޓަކައި އީރާނުން ވަނީ ރައްދު ހަމަލާ ނުދޭން ނިންމާފައެވެ.

  • ޔޫރަޕްގެ ބޮޑު ހަތަރު ބާރުން އީރާނުގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ނިންމުން.
  • އެމެރިކާއާއި އީރާނުގެ ސުލްހައިގެ އެއްބަސްވުމުގައި އަންނަ ހުކުރު ދުވަހު ޖެނީވާގައި ސޮއިކުރުން.
  • އެއްބަސްވުމުގެ ދަށުން ދެފަރާތުގެ ހަމަލާތައް ހުއްޓާލުމާއި ހުރުމުޒު ކަނޑުއޮޅި ހުޅުވާލުން.
  • އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށް އިތުރު 60 ދުވަހުގެ މުއްދަތެއް ދިނުން.
  • އިސްރާއީލުން އެއްބަސްވުމާ ދެކޮޅުހަދައި ހަމަލާދިން ނަމަވެސް އީރާނުން ރައްދު ނުދިނުން.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު